ކ. ތިލަފުށީ ފަޅުން ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ވިދާޅުވީ ތިލަފުށީ ފަޅު ހިއްކަން ނިންމީ އިންޑަސްޓްރިއަލް ބޭނުންތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މިހާރު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައި. މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތިލަފުށި ކޯޕަރޭޝަނުން ވަނީ ތިލަފުށީ ފަޅު ހިއްކާނެ ބަޔަކާއި ހިއްކާ ތަނުގައި ތޮށިލުމާއި ޝީޓްޕައިލް ކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. އަދި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހު މައުލޫމާތު ސާފުކޮށްދިނުމަށް ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި އެ ރަށުގެ ބިން ހިއްކަން ސަރުކާރުން ކުރިން ރާވާފައިވެ އެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދަން މިހާރު ރާވާފައިވާ ގޮތް ސާފުވާ ގޮތެއް ނުވި އެވެ.

ދިގު މިނުގައި ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު އަދި ފުޅާ މިނުގައި 200 މީޓަރު ހުންނަ ތިލަފަޅަށް ކުނި އަޅައިގެން ހިއްކަން ފެށީ ޖެނުއަރީ 7، 1992 ގަ އެވެ. މާލެ އާއި މާލެ ކައިރި ރަށްތަކުން އުކާލާ ކުނި ބޭނުންކޮށްގެން ހިއްކަން ފެށި ތިލަފަޅުގައި ތަފާތު ހަތަރު ބައެއް ހިއްކާފައިވެ އެވެ. އެ ގޮތުން، އެ ރަށުގެ ބޮޑުމިން މިހާރު ގާތްގަނޑަކަށް 4.6 މިލިއަން އަކަފޫޓަށް އަރަ އެވެ.