ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)ގެ ހިއްސާ އޮންނަ ހެވީލޯޑް މޯލްޑިވްސްއަށް ކުއްޔަށް ދޫކުރި ބިމެއް އަނބުރާ ހަވާލުކޮށް، އެ ބިމު ކުއްޔަށް 4.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ. 

ތިލަފުށިން 30،000 އަކަފޫޓްގެ ބިމެއް ވަގުތީ ގޮތުން ހެވީލޯޑަށް ކުއްޔަށް ދޫކުރީ ނޮވެމްބަރު 25، 2008 ގަ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ބިމަށް ކުލި ނުދައްކާ ކަމަށް ބުނެ ތިލަފުށީގެ ބިމުގެ މިލްކުވެރިކަން އޮންނަ އެޗްޑީސީން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. 

އެޗްޑީސީން ކުރި ދައުވާގައިވާ ގޮތުން ހެވީލޯޑް ކުންފުނިން ބިމަށް ކުލި ދައްކަމުން ނުދާއިރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ބިން އަނބުރާ ހަވާލެއް ވެސް ނުކުރެ އެވެ. އެހެންވެ، ދައުވާގައި އެދުނީ ބިން އަނބުރާ ހަވާލުކުރުމަށާއި ކުލި އަދި ޖޫރިމަނާގެ ފައިސާ އެއްފަހަރާ ދައްކަން އެންގުމަށް އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ. 

މި މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ ހެވީލޯޑް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.

މި ދައުވާއަށް އެ ކުންފުނިން އެއްވެސް ރައްދެއް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. 

ޝަރީއަތުން އެންގީ އެ ބިމުގެ ކުލީގެ އެއްބަސްވުމުގެ ދަށުން މެއި 6، 2026ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަން ޖެހޭ 4.5 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާށެވެ. އަދި 30 ދުވަހުގެ ތެރޭގައި ބިން ހުސްކުރަން ވެސް އަންގާފައިވެ އެވެ.