ތިލަފުށި އެކަކާއި އިންޑަސްޓްރިއަލް ޒޯނާ ގުޅާލަން އަޅާ މަގު ހެދުމުގެ މަޝްރޫއު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއަށް ތިލަފުށި ކޯޕަރޭޝަނުން އަމިން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓީސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަސީފް އެވެ. އަމިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.

ޓީސީއެލް އިން ބުނީ އެ މަޝްރޫއުގެ ދަށުން 831.9 މީޓަރު ދިގު އަދި 19.7 މީޓަރު ފުޅާ މަގެއް ތާރު އަޅައިގެން ހަ މަސް ދުވަހުގެ ތެރޭގައި ހަދާނެ ކަމަށެވެ.

އެ މަގުގައި ހަތް މީޓަރު ފުޅާމިނުގެ ދެ ލޭން ހިމެނޭނެ ކަމަށް ވެސް ޓީސީއެލުން ބުންޏެވެ.

ރޭގަނޑު މަގަށް އަލިކުރަން މަގުގެ ކޮންމެ 30 މީޓަރަކުން ސޯލާ ލެޑް ލައިޓް ވެސް ހަރުކުރަން ވަނީ ހަމަޖައްސައިފަ އެވެ.

މި މަޝްރޫއުގެ އިތުރުން އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއާ އެކު ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ.