ތިލަަފުށި ފަޅަށް މީގެ އެތައް އަހަރެއް ކުރިއްސުރެ "އެއްލާލާފައި" އޮތް އެމްވީ ސީހޯމް ސަފަޔާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި އިއްޔެ ހޫނު ބަހުސެއް ކޮށް، އެއް މެމްބަރަކު އަނެއް މެމްބަރަކަށް ތުހުމަތުތައް ކޮށްފި އެވެ.
އެމްވީ ސީހޯމް ސެފަޔާ އަކީ 2011 ވަނަ އަަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އައި ބޯޓެކެވެ. އެ ބޯޓު ރާއްޖޭން ފުރުން ސިވިލް ކޯޓުން އޭރު މަނާކުރީ ބޯޓްގެ ވެރިފަރާތާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އޮތީ އަންގައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމަށް ބޯޓްގެ މައްސަލަ އެޖެންޑާ ކުރުމުން ބައެއް މެމްބަރުން ވިދާޅުވީ އެ ކޮމިޓީ އަށް އެ ބޯޓްގެ ކަންތަކުގައި މިހާރު މާ ގިނަ ވަގުތު ހޭދަކުރެވިއްޖެ ކަމަށާއި އެހެންވީމާ އެ މައްސަލަ އަވަހަށް ނިންމަން ޖެހޭ ކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ އެ ބޯޓާ ހެދި ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމުގެ ބިރު އޮތީމާ އެއީ އެހާ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ. ބޯޓް ނެގުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެމްއެލް) އިން ކޮށްފައި ވަނީ ރަނގަޅަށް ކަަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ބޯޓްގެ މައްސަލައިގައި ސަރުކާރަށް އަމާޒުވެފައިވާ ތުހުމަތުތަކުގެ ހަގީގަަތް ބަލައި، ސަރުކާރު އެކަމުން ސަލާމަތްްކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން މި ސަރުކާރު މީގެން ސަލާމަތްކުރަން. އަޅުގަނޑުމެން މީގެން ސަލާމަތްވާން. މިކޮމިޓީ މީގެން ސަލާމަތްވާން. އެހެން ނޫނީއްޔާ ރައްޔިތުން އަޅުގަނޑުމެންނާ ސުވާލުކުރާނެ،" ނިހާދު ވިދާޅުވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް ވިދާޅުވީ އެމްވީ ސީހޯމް ސަފަޔާ އަކީ ހަގީގަތުގައި މިހާރު ބޯޓެއް ވެސް ނޫން ކަމަށާއި އެއީ "ބާދަނގަޑުގަނޑެއް" ކަމަށެވެ. އެގޮތަށް ބަލަނީ ބޯޓެއްގެ ގޮތުގައި އެއަށް ކުރަން ޖެހޭ ގާނޫނީ އެއްވެސް ކަމެއް އޭގެ ވެރިފަރާތުން ކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނަށް މި މައްސަލަ ހުށަހެޅި ފަރާތާ މިބޯޓާ ވެސް އެއްވެސް ކަހަލަ ގުޅުމެއް ނެތް. ދެން ބޯޓެއް ކަމަށް އަޅުގަނޑުމެން ނިންމަން ޖެހޭނީ އިންޓަނޭޝަނަލް އެއްވެސް ތަނެއްގައި ރެޖިސްޓާ ވެ، ސެޓްފިކެޓްތަކާ އެއްޗެހި ހެދި އެކަހަލަ އެއްވެސް ކަމެއް ނެތި ވަކި އުމުރެއް ނެތި ބޮޑު ސްކްރެޕް ދަގަނޑުގަނޑެއްގެ ގޮތުގައި ބޯޓު ބެލެވޭނީ. އެހެންވީމާ އެހެންވީމާ ސްކްރެޕެއްގެ ގޮތުގައި މީގެ ރަޖިސްޓްރީއެއް ސެޓްފިކެޓެއް އިންޝުއަރެންސެއް، އެއްވެސް ސީ ވޯތިނަސް އެއް އެއްޗެއް އޮތް އެއްޗެއް ނޫން. އެހެންވީމާ މިޔަކަށް ބޯޓެކޭ ނުކިޔޭނެ،" ހުސައިން ވިދާޅުވި އެވެ.
ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ އޭނާގެ ގޮތް ހަމައެކަނި ކަންބޮޑުވުމަކީ އެ ބޯޓްގެ ސަބަބުން ދިވެހި ދައުލަތުން އެއްވެސް ބަޔަކަށް ބަދަލެއް ދޭން ޖެހިދާނެކަމުގެ ކަންބޮޑުވުން ކަމަށާއި ބަދަލެއް ދޭން ނުޖެހޭނެކަމުގެ ޔަގީންކަން ޖީއެމްއައިޒެޑްއެލްްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ދެއްވާފައިވާ ކަމަށެވެ.
"އެމްޑީ ވިދާޅުވި ހަމަ ޔަގީނުން ވެސް ކުންފުންޏަށް މިކަމާ ގުޅިގެން އިތުރު ބަދަލެއް ދޭން ނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ބޯޓް ނައްތައިލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހަމަ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަަމަށެވެ. އެކަން އިތުރަށް ސާފުކުރުމަށް ޖީއެމްއައިޒެޑްއެލްގެ ބޯޑުގެ މެމްބަރުން ގެނެސްގެން މައުލޫމާތު ސާފުކުރުމަކީ އެހެން ނަަމަވެސް ރަނގަޅު ކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވާހަަކަ ދެއްކެވީ ބޯޓު ނައްތައިލުމާ ދެކޮޅަަށެވެ. އޭނާ ވިދާޅުވީ ބޯޓު ނައްތައިލުމަކީ ބައިނަލް އަގުވާމީ ގޮތުން ވެސް ކުށަަކަަށް ވާނެ ކަމަށެވެ. އެ ބޯޓް ނަގަން ހަވާލުކުރި ކުންފުންޏާ އެ މަސަައްކަތް ހަވާލުކުރި ކުރުން އޭނާ ސިފަކުރެއްވީ "ބޯޓު ވިއްކައިލުން" ކަމަށެވެ.
"އެހެންވީމާ ބޮޑު ހިޔާނާތެެއް އެބަ ފެނޭ މި ބޯޓުގެ [މައްސަލައިގެ] ތެރޭން އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ ބޯޓް މިހާރު ބާއްވާފައި އޮތްތަނަށް ކުލީގެ ގޮތުގައި ދުވާލަކަށް 3000 ޑޮލަރުގެ ހޯދަން ޖީއެމްއައިޒެޑްއެލް އަށް ބިލު ފޮނުވަމުންދާކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެކަމަށް އެހެންވީމާ އަވަސް ހައްލެއް ސަލާމަތްކުރަން ޖެހޭ ކަމަށެވެ.
"މިހާރު އަޑު އިވޭ ވާހަކަތަކަށް ބަލައިފި ކަމަށް ވަންޏާ 3000 ޑޮލަރު ދުވާލަކަށް. ހަމަ މިއަދު ވެސް އެ 3000 ޑޮލަރު، މާދަމާ ވެސް އިންނާނެ، މިކަން އެބަ ޖެހޭ ކޮންމެވެސް ގޮތަކަށް ނިމެން،" އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ބޯޓު ނެގުމުގެ މަސައްކަތުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެހެންވީމާ އެކަމާ އެއްކޮޅަށް ވަކާލާތުކުރައްވާ މެމްބަރުން އެކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރައްވާ ކަމަށެވެ. އެ ވާހަކަ އަށް ރައްދު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މެމްބަރުން ދައްކަވާ ވާހަކައާ ގުޅިގެން ތުހުމަތެއް ނުކުރެވޭނެ ކަމަށެވެ.
އެމްވީ ސީހޯމް ސެފަޔާއާ މެދު ކޮމިޓީގައި އޮތް ނުތަނަވަސްކަން ހައްލުވާނެ ކަމަށް ބެލެވެނީ ޖީއެމްއައިޒެޑްްއެލްގެ ބޯޑާއި އެމްޑީ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކޮށްގެންނެވެ.