ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް: އޭސީސީ

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަަފުށްޓަށް ބަދަލުކުރުމަށް ތިލަފުށީގައި ގުދަންތަކެއް އަޅަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއަައިޒެޑްއެލް) އިން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ކުރިން އަންދާޒާކޮށްފައިވާ ވަރަށް ވުރެ، ބޮޑު އަގަކަށް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް އޭސީސީން ފޮނުވި ސިޓީއެއް ގައި ބުނެފައި ވަނީ ގުދަންތައް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ އެ މަސައްކަތް އެ އަށް ވުރެ ހަތަރު މިލިއަން ރުފިޔާ އަގުހެޔޮކޮށް ކުރުމަށް އެހެން ކުންފުންޏަކުން ހުށަހަޅާފައި ވަނިކޮށް ކަމަށެެވެ.

ސިޓީގައި ބުނެފައިވާ ގޮތުން، އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި އަގު، ޖީއެމްއައިޒެޑުން އަންދާޒާ ކުރި އަގަށް ވުރެ ބޮޑެވެ. ގުދަންތައް ހަދައި ނިންމަން ޖީއެމްއައިޒެޑުން އަންދާޒާ ކުރީ 7.7 މިލިއަން ރުފިޔާ އެވެ. އެކަމަކު އެސްޖޭ ކޮންސްޓްރަކްޝަންގެ އަގަކީ 9.5 މިލިއަން ރުފިޔާ އެވެ.

ބިޑް އިވެލުއޭޝަންގައި ދެވަނަ އަށް ދިޔަ އޭޖޭއީ ކޯޕަރޭޓް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައި އޮތީ 4.3 މިލިޔަން ރުފިޔާގެ އަގަކަށް އެ މަސައްކަތް ކުރުމަށެވެ. އެކަމަކު އެ ކުންފުންޏަށް، މަސަައްކަތުގެ މުއްދަތުން ލިބުނު ޕޮއިންޓް އެސްޖޭ އަށް ލިބުނު ވަރަށް ވުރެ މަދެވެ.

އޭސީސީގެ ސިޓީގައި ބުނެފައި ވަނީ ޖީއެމްއައިޒެޑްއެލް އިން އެސްޖޭ ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކުރީ އެކަން މަޑުޖައްސައިލަން އެ ކޮމިޝަނުން އެ ކުންފުންޏަށް އަަންގާފައި ވަނިކޮށް ކަމަށެވެ.

ތިލަފުށި ބަލަހައްޓާ، ޖީއެމްއައިޒެޑްއެލް އިން ކެމިކަލް ގުދަންތައް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 9.5 މިލިއަން ރުފިޔާ އަށެެވެ.

"އެއީ މެނޭޖްމަންޓްގެ ނިންމުމާ ދެކޮޅަށް ބޯޑުން ފާސްކުރި ނިންމުމެއް،" ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެ ނިންމުން ފާސްކުރީ ބޯޑުގެ ތިން މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖީއެމްއައިޒެޑްގެ މެނޭޖްމެންޓުން ބިޑް އިވެލުއޭޓްކޮށް އޭޖޭއީއާ މަަސައްކަތް ހަވާލުކުރަން ނިންމި ލިއުމާއި އޭގެ ފަހުން ކުންފުނީގެ ބޯޑުން ފާސްކުރި ރިޒޮލިއުޝަން ވެސް "މިހާރު"އަށް ވަނީ ލިބިފަ އެވެ. ޖީއެމްއައިޒެޑްގެ މެނޭޖްްމަންޓުން ބިޑް އިވެލުއޭޓް ކުރި ލިއުމުން އެނގޭ ގޮތުގައި ބިޑް އިވެލުއޭޝަންގައި އެންމެ މަތީ މާކްސް ލިބުނީ އެސްޖޭ ކޮންސްޓްރަކްޝަނަށެވެ. އެކަމަކު އެ ކުންފުނިން ހުށަހަޅާފައި ވަނީ އަންދާޒާކޮށްފައިވާ ވަރަށް ވުރެ މާ ބޮޑު އަގަކަށް ކަމަށް ވާތީ ބިޑް ކޮމިޓީން ނިންމީ ދެވަނަ އަށް ދިޔަ އޭޖޭއީއާ މަސައްކަތް ހަވާލުކުރާށެވެ.

އެކުންފުނިން މިހާރު ވަނީ ގުދަންތައް އިމާރާތްކޮށް ނިންމައި ޖީއެމްއައިޒެޑްއެލްއާ ހަވާލުކޮށްފަ އެވެ.

ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހެދީ ބޮޑު އެއް އިމާރާތެއްގެ ގޮތުގަ އެވެ. ގުދަންތައް ވަކި ކޮޮށްފައި ވަނީ ކާގޯ ކޮންޓެއިނަރު ބަހައްޓައިގެންނެވެ. އެ މަސައްކަތް ހަވާލުކުރަން ޖީއެމްއައިޒެޑްއެލް އިން އެންމެ ފުރަތަމަ ނިންމީ އިއުލާން ކުރުމެއް ނެތި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާ އެކު އެންމެ ފަހުން ވަނީ ގުދަންތައް ހަދައިދޭނެ ބަޔަކު ހޯދަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.