ކެމިކަލް ގުދަންތައް ނިމި ނުރައްކަލާ ދުރަށް، ރައީސަށް ބޮޑު ހިތްހަމަޖެހުމެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އާދިއްތަ ދުވަހު ތިލަފުއްޓަށް ވަޑައިގެން، ހިނިތުންވުމާ އެކު ކެމިކަލް ގުދަންތައް ބައްލަވައިލެއްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ، ކުރިން އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫނެވެ. އެކަމަކު ރައީސް ބައްލަވާލެއްވީ މާލޭގެ ބޮޑު އާބާދީ ނުރައްކަލުން ސަލާމަތްކޮށް ދެއްވުމުގެ އަމަލީ މަސައްކަތުގެ ނިމުމެވެ.


އެންމެ ފަހުން ހިނގި އަލިފާނުގެ ހާދިސާ އިން ވެސް އެނގުނީ ވެރި ރަށަކީ ނުގޮވާ އޮތް "ބޮމެއް" ކަމެވެ. މީހުން ފުރިބާރުވެފައި އޮތް ހަނި ގޯޅިއެއްގައި ހިންގި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ނިވުނު އިރު އެކަކު މަރުވެ، މުޅި ސަރަހއްދު އޮތީ އަނދައި ހުލިވެފަ އެވެ. ބައެއް ގެތައް ތަޅާލަން ޖެހި ގިނަ ގެއަކަށް ގެއްލުންވެ ގިނަ ބައެއްގެ ދިރިއުޅަށް އަސަރު ކުރި އެވެ. ގެއްލުން ހިސާބު ޖެހިއިރު، އެ ސަރަހައްދުގައި އެކަނި ވެސް ހަ ގުދަން ހުއްޓެވެ.

އެ ސަރަހައްދު އެކަންޏެއް ނޫނެވެ! މާލޭގެ ހުރިހާ ދިމާލެއްގައި ވެސް އޮތީ މި ހާލަތެވެ.

ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެހޭގޮތުން ރައީސަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމުމަކަށް ވީ ކެމިކަލް ގުދަންތައް ވަގުތުން މާލެއިން ބޭރު ކުރުމެވެ. ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށް ފަހު ރައްޔިތުންނަށް ދެއްވި މެސެޖަކީ ތިން މަސް ދުވަހުގެ ތެރޭގައި އެ ގުދަންތައް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

މިއީ، ރައްޔިތުންނަށް ވިދާޅުވި މުއްދަތެވެ. އެކަމަކު ގުދަންތަކުގެ އަމަލީ މަސައްކަތް ނިންމަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އަށް ރައީސް ދެއްވީ ދެ މަސް ދުވަސް ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންވާނެއޭ،"

އެންމެ ބޮޑު އިސްކަމެއް ދެއްވައި އަމާޒަކަށް ވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ރައީސް ދެއްވި ޔަގީންކަމާ އެއްގޮތަށް މަސައްކަތް ނިންމައި ރައްކާތެރި ވެއްޓެއް ކަށަވަރު ކޮށްދިނުމެވެ. ގުދަންތައް ނިންމީ، އެމްއެންޑީއެފުން ދިން ލިސްޓާ އެއްގޮތަށް ވަގުތުން ވަގުތަށް މާލެ އިން ބޭރުކުރަން ޖެހޭ ގުދަންތަކަށް އިސްކަން ދީގެން ކަމަށް ވިދާޅުވި އެވެ.

"ރައީސް އަމިއްލަފުޅަށް ތިލަފުއްޓަށް ވަޑައިގެން އެ ގުދަންތައް ބައްލަވާލެއްވީ. ރައްޔިތުންނަށް ވެވަޑައިގަތް ވައުދާ އެއްގޮތަށް އެކަން ކުރިއަށް ދާތީ ހިތްހަމަޖެހިވަޑައިގެން ހުންނެވީ،" އިބޫ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ދިން ލިސްޓުގައިވާ 31 ގުދަނުގެ ވެރިފަރާތާ އެކު ކުންފުނިތަކާ އެކު ޖީއެމްއައިޒެޑްއެލް އިން އަންނަނީ މަޝްވަރާކޮށް، އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ.

ރައީސް ދެއްވި މުއްދަތަށް ގުދަންތައް ނިންމުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަތް ކަމަށް އިބޫ ވިދާޅުވި އެވެ. އެއީ، ބީލަމަށް ނުލައި މަސައްކަތް ކުރިއަށް ގެންދަން އުޅުމުން ކުންފުނީގެ ބޯޑާއި އެންޓު ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުންނެވެ.

ކެމިކަލް ގުދަންތައް ރައީސް ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އިބޫ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން ޚާއްސަ ހާލަތުތަކުގައި ދައުވަތު ދީގެން ވަކި ބަޔަކާ މަސައްކަތް ހަވާލުކުރެ އެވެ. ވީހާ ވެސް އަވަހަށް މަސައްކަތް ނިންމަން އަމާޒު ހިފާފައި ހުރުމުން، ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން އެކަން ހަވާލުކުރަން އުޅުމުން ބޯޑުގެ ވެސް ހިތްހަމަނުޖެހުންތަކެއް ހުރެގެން މަސައްކަތް ދެ ހަފުތާއެއްހާ ދުވަހަށް ލަސްވި ކަމަށް އިބޫ ވިދާޅުވި އެވެ.

ފުރަތަމަ ނިންމީ 1000 އަކަ ފޫޓޫގެ 40 ގުދަން އެޅުމަށެވެ. އެކަމަކު ވަގުތު ސަލާމަތްކުރަން ޕްރޮޖެކްޓް އެހެން ގޮތަކަށް ބަދަލުކޮށް، ފަހުން ބަދަލުކުރީ 34 ގުދަނަށެވެ. އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހެދީ ބޮޑު އެއް އިމާރާތެއްގެ ގޮތުގަ އެވެ. ގުދަންތައް ވަކި ކޮޮށްފައި ވަނީ ކާގޯ ކޮންޓެއިނަރު ބަހައްޓައިގެންނެވެ. ސައިޒުތައް ވެސް ވަނީ 320-1000 އަކަ ފޫޓަށް ބަދަލުކޮށްފަ އެވެ.

ގުދަންތަކުގެ ސައިޒް ކުޑަކުރީ މާލޭގައި ހުރި ގިނަ އަދަދެއްގެ ގުދަންތަކުގެ ސައިޒް އެމްއެންޑީއެފުން ބެލުމަށް ފަހު އެވެ. މާލޭގައި 70 އަކަ ފޫޓާއި 100 އަކަ ފޫޓުގެ ގުދަން ހަދާފައި ހުއްޓަސް ތިލަފުށީގައި ސައިޒު ބޮޑުކޮށެވެ.

މަސައްކަތް ކޮންމެ ދުވަހަކު ބައްލަވާލައްވައި ޝެޑިއުލަށް ނިންމަން ބާރު އެޅުއްވި ކަމަށް އިބޫ ވިދާޅުވި އެވެ.

"ކެމިކަލް ގުދަންތައް ބަދަލުކޮށް މާލޭގައި އަމާން، ސަލާމަތްތެރި ވެއްޓެއް ގާއިމްކުރަން ރައީސް ވައުދުވެވަޑައިގަތް ވައުދު ފުރިހަމަ މިވަނީ. މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް،" އިބޫ ވިދާޅުވި އެވެ.

ތިލަފުށިން ރައީސް އިއްޔެ ފުރާވަޑައިގަތީ، މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށް ނިންމަން އެއް މަސް ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ. ރައީސްގެ އިރުޝާދަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވަ އެވެ.