ފާސްކުރާ ބަޖެޓަށް ބަދަލު ގެނެވޭނެ އުސޫލެއް ކަނޑައަޅަންޖެހޭ: އޮޑިޓަ ޖެނެރަލް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށް ސަރުކާރުން ބަދަލު ގެންނަމުން ދިޔަސް އެއީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ހުދޫދެއްގެ ތެރެއިން އެކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމަށް އޮޑިޓަ ޖެެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.


އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީ އަށް ޒިޔަތު މިދިޔަ ބުރާސްފަތި ދުވަހު ލިއުމުން ދެއްވި ލަފާގައި ވިދާޅުވި ގޮތުގައި މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކުރާ ފަހުން އަހަރުގެ އެކި ދުވަސްވަރު ފިނޭންސް މިނިސްޓްރީން އެއް ކޯޑުން އަނެއް ކޯޑަށް، އެއް މުއައްސަސާ އިން އަނެއް މުއައްސަސާ އަށް ނުވަތަ އެއް މަޝްރޫއުން އަނެއް މަޝްރޫއަށް ބޮޑެތި އަދަދުތަކުން ފައިސާ ބަދަލު ކުރަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ކެޕިޓަލް ހަރަދު ވެސް ހިމެނޭ އިރު، އެއީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ރޫހާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހެންވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ މަގުސަދު ހާސިލުވަމުން ނުދާކަން ފާހަގަކުރަމެވެ،" ލަފާގައިވެ އެވެ.

އެކަމަކު، ހުދޫދުތަކެއްގެ ތެރެއިން ބަޖެޓަށް ބަދަލު ގެނައުމުގެ އިހުތިޔާރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަކަން ފާހަގަކުރައްވައި ޒިޔަތު ވަނީ އެފަދަ އުސޫލުތަކެއް މަޖިލީހުން އެކަށައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ މިހާރުން މިހާރަށް ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުންފުނިތަކުގެ ބަޖެޓު މަޖިލީހުން ފާސްކުރަންޖެހޭ

އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި ބައެއް ހިދުމަތްތައް ދިނުމަށް އުފައްދާފައިވާ ކުންފުނިތަކުގެ ހިންގުމާއި އެ ނޫން ވެސް ބައެއް ކަންކަމަށް ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ. އެހެންވެ، ދައުލަތުގެ ބަޖެޓާ އެކު އެ ކުންފުނިތަކުގެ ބަޖެޓު ވެސް ފާސްކުރުމަށް އޭނާ ވަނީ ލަފާ ދެއްވައިފަ އެވެ.

އެއީ، ޒިޔަތު ވިދާޅުވި ގޮތުގައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ހަރަދުގެ ބޮޑު ބައެއް ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުން ކަމަށް ވާތީ އެވެ.

ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަަށް އަންނަ އަހަރުގެ ބަޖެޓުގައި 398.78 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ އިސްލާމިކް ފައިނޭންސް ސެންޓަރަށް 10 މިލިއަން ރުފިޔާ، ހައްޖު ކޯޕަރޭޝަނަށް ތިން މިލިއަން ރުފިޔާ، ސްޕޯޓްސް ކޯޕަރޭޝަނަށް ފަސް މިލިއަން ރުފިޔާ، ހަޒާނާ މޯލްޑިވްސް އަށް ފަސް މިލިއަން ރުފިޔާ، އިންޓަގްރޭޓެޑް ޓޫރިޒަމް ކުންފުންޏަށް ފަސް މިލިއަން ރުފިޔާ، މިފްކޯ އަށް 30 މިލިއަން ރުފިޔާ، ފެނަކަ އަށް 126 މިލިއަން ރުފިޔާ، ވެމްކޯ އަށް 150 މިލިއަން ރުފިޔާ، ކައްދޫ އެއާޕޯޓު ކުންފުންޏަށް 26 މިލިއަން ރުފިޔާ އަދި އާސަންދަ ކުންފުންޏަށް 38 މިލިއަން ރުފިޔާ އެވެ.

ހާއްސަ ބަޖެޓުގެ ހަރަދުތައް އެކަށައެޅުން

ފިނޭންސް މިނިސްޓްރީން ބަލަހައްޓާ ހާއްސަ ބަޖެޓުން އޮފީސްތަކަށް ކުރާ ހަރަދު އެ އޮފީހެއްގެ ބަޖެޓުގައި ހިމަނައިގެން ފާސް ކުރަން ވެސް އޮޑިޓަ ޖެނެރަލް ވަނީ ލަފާ ދެއްވައިފަ އެވެ. އެ ގޮތުން، މުހިއްމު ތިން ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ ކުރީގެ ތިން ރައީސުންނަށް ދޭ އިނާޔަތް ހާއްސަ ބަޖެޓުން ނަގައި ރައީސް އޮފީހުގެ ބަޖެޓުގައި ޖެހުމާއި ލޯނަށް ކުރާ ހަރަދު ފިނޭންސްގެ އާއްމު ބަޖެޓުގައި ހިމެނުން އަދި ކޮންސަލްޓެންސީ ފީގެ ގޮތުގައި ހިމަނާފައިވާ ހަރަދުތައް ކަމާ ބެހޭ އިދާރާއެއްގެ ބަޖެޓުގައި ޖެހުމެވެ.

"... ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ އެޑްވާންސް ފަންޑުން ހަރަދު ކުރަން ކަނޑައަޅާފައިވާ އުސޫލުން ހަރަދު ކުރުމަށާއި ކޮންޓިންޖެންސީގެ ގޮތުގައި ހަރަދެއް ކުރަން ޖެހިއްޖެ ނަމަ އެ ފައިސާ ހަރަދު ކުރާ ދައުލަތުގެ މަސްއޫލު އޮފީހަކަށް ބަޖެޓު އެލޮކޭޝަނެއް ހެދުމަށް ފަހު، މަސްއޫލުވާ އޮފީސް ޒިންމާވެ، ޖަވާބުދާރީވާނެ ގޮތެއްގެ މަތިން ފައިސާ ހަރަދު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން މުހިއްމެވެ،" ޒިޔަތުގެ ލަފާގައިވެ އެވެ.

އޮޑިޓަ ޖެނެރަލް ދެން ލަފާ ދެއްވާފައި ވަނީ ބޭރުގެ ދަރަނި މިހާރަށް ވުރެ ބޮޑަށް ތަފުސީލުކޮށް އެނގޭނެ ގޮތެއް ބަޖެޓުގައި ހިމެނުމަށެވެ. އަދި އެ ފައިސާ ދައްކާނެ ކުރު މުއްދަތާއި ދިގު މުއްދަތުގެ ޕްލޭނެއް ވެސް ބަޖެޓުގައި ހިމަނައި ބަޖެޓާ އެކު މަޖިލީހުން ފާސްކުރުމަށް ވެސް އޭނާގެ ލަފާގައި ހިމަނުއްވާފައިވެ އެވެ.

މީގެ އިތުރުން، އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒު ކުރުމުގެ އިންތިޒާމުތައް ބަޖެޓު ފާސްކުރެވުނުހާ އަވަހަކަށް ހަމަޖެއްސުމަށް ވެސް ޒިޔަތު ވަނީ އެދިވަޑައިގެންފަ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި އިއްޔެ ވަނީ ބަޖެޓަށް ބަހުސް ކުރަން ފަށައިފަ އެވެ.