މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް ލިބުނު ފައިދާ ދަށްވެއްޖެ އެވެ.
ދިރާގުން ނެރުނު ކުއާޓާލީ ރިޕޯޓުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 219.75 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 255.85 މިލިއަން ރުފިޔާގެ ފައިދާ އެވެ.
ފުރަތަމަ ކުއާޓާގައި ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް 258.4 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 42 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މާލީ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 660 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް ލިބުނު ސާފު ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ފައިދާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 188.38 މިލިއަން ރުފިޔާ އެވެ.