މިއަހަރުގެ ތިންވަނަ ކުއާޓާގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 191.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓުތައް ދައްކާގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު މިލިއަން ރުފިޔާ ދަށްވެފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 195.8 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓާގައި ދިރާގުގެ ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު އެ ކުންފުނީގެ ފައިދާ ވަނީ 21 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 158.6 މިލިއަން ރުފިޔާ އެވެ.
މާލީ ރިޕޯޓުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު އެ ކުންފުނީގެ އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 586.7 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ މި މުއްދަތުގައި ލިބުނީ 610.2 މިލިއަން ރުފިޔާ އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން، މިއަހަރު ވެސް ބައެއް މުހިންމު މާކެޓުތައް ބަންދުކޮށްފައި އޮތުމުން ރޯމިން އިން ލިބޭ އާމްދަނީ ދަށް ކަަމަށް އެ ކުންފުނިން ބުންޏެވެ.