މި އަހަރުގެ ދެވަނަ ކުއާޓާގައި ދިރާގަށް ލިބުނު ސާފު ފައިދާ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 11 ޕަސެންޓު ދަށްވެއްޖެ އެވެ.
އެ ކުންފުނިން އާއްމު ކުރި މާލީ ރިޕޯޓު ދައްކާގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 195.8 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 2.58ރ. އެވެ. ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 219.75 މިލިއަން ރުފިޔާ އެވެ.
ސާފު ފައިދާގެ އިތުރުން ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓާގައި ދިރާގުގެ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ފުރަތަމަ ކުއާޓާގައި 660 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ދެވަނަ ކުއާޓާގައި ލިބުނީ 617.4 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓާގައި ދިރާގަށް ލިބުނު އާމްދަނީ އާއި ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އާމްދަނީ އާއި ފައިދާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 546.7 މިލިއަން ރުފިޔާ ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 129.57 މިލިއަން ރުފިޔާ އެވެ.
ދިރާގުން ބުނީ ދެވަނަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ ދަށްވީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ ރޯމިން ހިދުމަތުން ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށެވެ. މިދިޔަ ކުއާޓާގައި ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން ބައެއް ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން އައުން މަނާ ކުރި އިރު އެހެން ބައެއް ސަރަހައްދުތަކުގެ ގައުމުތަކުން ވެސް ރާއްޖެ އަށް ދަތުރު ކުރުން މަނާކުރި އެވެ.