އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ޚާން-- ފޮޓޯ: އުރީދޫ
04 މެއި 2021 - 15:27
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދު އަށް ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދަށްވެފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.
ކުއާޓާލީ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 112.3 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 47.4 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 159.7 މިލިއަން ރުފިޔާ އެވެ.
ޓެކްސް އަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫގެ ފައިދާ ހުރީ 142.99 މިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 189.5 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓަރުގައި އުރީދު އަށް ލިބުނު ފައިދާ ދަށްވިއިރު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 543 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއަހަރުގެ އަދަދަކީ 447.1 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދު އަށް ލިބުނު ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި މި އަހަރުގެ ފައިދާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 104.6 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމޭ1
04 May 2021
ހެޔޮނުވާނެ. ތިއީ އެންމެ ކުއާޓާރ އެއްގެ ފައިދާ. އެންމެ 4 ލައްކަ މީހުންގެ އާބާދީ އަކުން. :(