މި އަހަރުގެ ދެވަނަ ކުއާޓާގައި އުރީދު އަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ މާލީ ރިޕޯޓް ދައްކާގޮތުން، މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 25 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 17 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އުރީދު އަށް ސާފު ފައިދާގެ ގޮތުގައި 122 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 80.7 މިލިއަން ރުފިޔާ އެވެ.
މާލީ ރިޕޯޓް ދައްކާގޮތުގައި މިދިޔަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވެސް ވަނީ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދަށްވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް 447 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ދެވަނަ ކުއާޓާގައި ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އާމްދަނީ އާއި ފައިދާ ދަށްވީ ކޮވިޑް-19ގެ ސަބަބުން ރޯމިން ހިދުމަތުން ލިބުނު އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު އުރީދޫގެ ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 407.4 މިލިއަން ރުފިޔާ ލިބުނު އިރު މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 181.2 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.