ހާއްސަ ހުއްދައިގެ ދަށުން އެތެރެކުރަން ހުއްދަ ލިބޭ ސިއްހީ ބައެއް ސާމާނު ފިޔަވައި އިޒްރޭލުން އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށްފައި ހުރެގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ހިންގާ ހަރަކާތްތައް މުޅި ދުނިޔެއަށް ފެތުރި ރާއްޖޭގައި ވެސް ފެށިފައި ވާއިރު އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމުގެ ކެމްޕޭނުތައް ވެސް އަންނަނީ ހިންގަމުންނެވެ.
ބޮއިކޮޓް ކެމްޕޭންތަކުގައި، ރާއްޖޭގެ ބާޒާރުން ވެސް ފެންނަން ހުންނަ ބައެއް ބްރޭންޑްތައް ވެސް ހިމެނެ އެވެ. ބޮޑެތި ބްރޭންޑްތަކަކީ އެކި ގައުމުތަކުގައި ކުންފުނިތައް ހަދައި، ދުނިޔޭގެ އެކި ހިސާބުތަކަށް ސަޕްލައިކުރާ ކުންފުނިތަކެވެ.
ފައްޔާޒު "މިހާރު" އަށް ވިދާޅުވީ އިޒްރޭލުން ރާއްޖެއަށް މުދާ އެތެރެކުރުން މާކުރިން ފެށިގެން މަނާކޮށްފައި އޮންނަ އިރު އެފަދަ އުފެއްދުމެއް ރާއްޖޭގައި ވިއްކާ ނަމަ އެއީ ގާނޫނާ ހިލާފަށް އެތެރެކޮށްގެން ވިއްކާ ތަކެތި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ކަންކަމާ ބޭނުންވާ އިޒްރޭލުގެ އުފެއްދުންތައް ވެސް ރާއްޖެ އެތެރެކުރެވޭނީ އެކަމަށް ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.
"ލީގަލީ އިސްރާއީލުގެ މުދާ ރާއްޖޭގައި ނުހުންނާނެ. މެޑިކަލް ތަކެތި ހާއްސަ ހުއްދައެއްގެ ދަށުން ގެނެވޭނީ،" ފައްޔާޒު ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަކުރާ ކޮންމެ ފަހަރަކު އިޒްރޭލުގެ އުފެއްދުންތަކާ ދެކޮޅަށް މުޅި ދުނިޔޭގައި ކެމްޕޭނުތައް ހިންގަ އެވެ. ރާއްޖޭގައި ވެސް 2014 ވަނަ އަހަރުގެ ޖުލައި މަހު ވަނީ އެ ދުވަސްވަރު އިޒްރޭލުން ހަމަލާތައް ވަރުގަދަކުރުމާ އެކު އިޒްރޭލުގެ މުދާ ރާއްޖެ އެތެރެކުރުން މަނާކުރުމުގެ ސިޔާސަތެއް ރަސްމީކޮށް އެކުލަވައިލައި އެއަށް އަމަލުކުރަން ފަށައިފަ އެވެ.