ރާއްޖޭގެ އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބް ސަން އައިލެންޑް ރިސޯޓުގައި ހުޅުވައިފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ސަން އައިލެންޑް ރިސޯޓުން މިއަދު ބުނީ، އެ ލެބް އިއްޔެ ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެއީ އެންމެ ބޮޑު ކޮވިޑް ޓެސްޓް ލެބް ކަމަށް ސަން އައިލެންޑުން ބުންޏަސް އެތަނުން އެއްފަހަރާ ޓެސްޓް ކުރެވޭ ވަރެއް ނުބުނެ އެވެ.
ރާއްޖޭގައި ކޮވިޑް ވަރަށް ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ކޮވިޑް ޓެސްޓް ހެދުމަށް އަމިއްލަ ގިނަ ކްލިނިކްތަކަކުން ވެސް ލެބްތައް އަންނަނީ ހުޅުުވަމުންނެވެ.
އޭގެ ތެރެއިން އެއް ތަނަކީ ހެޕީ މާކެޓްގެ ހިއްސާދާރުން އިސްވެ އުފައްދާފައިވާ އެލީޓް މެޑިކަލް ސެންޓަރެވެ.
އެ ކްލިނިކުން ވަނީ ކުރިއަށް އޮތް ހަފުތާއެެއްގެ ތެރޭގައި ކޮވިޑް ޓެސްޓް ލެބެއް ހުޅުވަން ތައްޔާރުވެފަ އެވެ.
އެލީޓް މެޑިކަލް ސެންޓަރުގެ މެނޭޖިން ޑިރެކްޓަރު އަދި ހެޕީ މާކެޓުގެ ވެސް މެނޭޖިން ޑިރެކްޓަރު އަލީ އިހުސާނު މިއަދު ވިދާޅުވީ، ލެބަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ގެނެސްފައިވާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ އޭނާ ވިދާޅުވިގޮތުގައި، ލެބަށް ބޭނުންވާ ހުއްދަތައް ހޯދުމެވެ.
މި ވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް 22،000 މީހުން އެބަ ތިއްބެވެ. މިހާތަނަށް ރާއްޖެ އިން 54،000 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހި ތިން ލައްކަ އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.