ވިޔަފާރި / ރިޕޯޓް

ގެއެއް އަޅަން 700،000ރ. ކުޑަތަ؟

ގިނަ މީހުން ބުނާ ގޮތުން އާދައިގެ ފެންވަރުގެ ގެއެއް އަޅަން 700،000ރ. އަކީ އެކަށީގެންވާ އަދަދެއް. އެކަމަކު މިހާރު އޮތް މާހައުލުން ދެ ކޮޓަރީގެ ގެއެއް އަޅަން މީހުން ބޭނުމެއް ނުވޭ. އަދި ސަރުކާރުން ދޫކުރާ ލޯނު އަނބުރާ ދައްކައި ނިމޭއިރު އިތުރަށް 500،000ރ. ދައްކަން ޖެހުމަކީ ވެސް ކަންބޮޑުވުމެއް.

ގއ. މާމެންދޫ: ގެ އަޅަން ދޫކުރާ ލޯނަށް ޑިމާންޑް ބޮޑުވާނެ ކަމަށް ބެލެވޭ -- ފައިލް ފޮޓޯ

ފުވައްމުލަކަަށް އުފަން ޝާހާ އަށް ގޯތި ލިބިފައި އޮންނތާ މިހާރު 13 އަހަރު ވެއްޖެ އެވެ. އެކަމަކު ފައިސާ ނެތިގެން ގެއެއް އެޅޭ ގޮތެއް ނުވި އެވެ. އޭނާގެ ހުވަފެންތަކަށް ނިމުން އައީ ސަރުކާރުން އިއުލާނު ކުރި "ގެދޮރުވެރިޔާ" ލޯނު ޕްރޮގްރާމާ އެކު އެވެ.

ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ގޯތީގައި ގެއެއް އަޅަން އެކިފަހަރު އޭނާ މަސައްކަތް ކުރި ނަމަވެސް އެކަމަށް ބޭނުންވާ ވަރަށް ފައިސާއެއް ނެތެވެ. އޭނާއެކޭ އެއްފަދައިން، ފުވައްމުލަކުގައި އެކަނި ވެސް 300 އަށް ވުރެ ގިނަ ގޯތި އޮތީ ނުހެދި އެވެ. މައްސަލަ އަކީ ފައިސާ އެވެ.

ސަރުކާރުން އިއުލާންކުރި "ގެދޮރުވެރިޔާގެ ލޯނު" އަކީ، ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު ދެކެވަޑައިގަންނަވާ ގޮތުގައި ރަނގަޅު ފެށުމެކެވެ. އޭނާ ވިދާޅުވާ ގޮތުގައި، 700،000ރ. އަކީ ދެ ކޮޓަރީގެ ރަނގަޅު ފެންވަރުގެ ގެއެއް އަޅަން ހަމަ ރަނގަޅު އަދަދެއް ކަމަށް، އެ ރަށުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ބުނެ އެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲގެ ވިސްނުން ވެސް ހުރީ އިސްމާއިލާ އެއްގޮތަކަށެވެ. އޭނާ ވެސް ވިދާޅުވީ، ހަތް ލައްކަ ރުފިޔާ އިން އެޅޭނީ ވަރަށް އާދައިގެ ފެންވަރެއްގެ ގެއެއް ކަމަށެވެ. ރަނގަޅު ފެންވަރުގެ ގެއެއް އަޅަން އެންމެ ކުޑަވެގެން މިލިއަނެއްހާ ރުފިޔާ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކު މި ރަށުގައި ވެސް [ގދ. ތިނަދޫ] ގައި ވެސް ގެދޮރު ނޭޅި އެބަތިބި. އާންމުކޮށް އާއިލާތަކުން ބޭނުންވާނީ ތިން ރޫމް އެޕާޓްމެންޓް. އެކަމަކު ހަތް ލައްކަ ރުފިޔާ އެވަރު ވާނެ ހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ. "މި އަދަދު ބޮޑުވެއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ނިންމުމަކަށް ވާނެ."

ދިއްދޫގައި އިމާރާތް ކުރާ ފްލެޓްތަކެއް: ރަށްރަށުގައި ހުސް ގޯތި ގިނަ -- ފައިލް ފޮޓޯ

އައްޑޫގައި މިހާރު ވެސް 500 އަށް ވުރެ ގިނަ ގޯތީގަައި ގެދޮރު ނޭޅި އެބަހުއްޓެވެ. ގިނަ ބަޔަކަށް ގެދޮރު އިމާރާތް ނުކުރެވިފައި އޮތީ އެކަމަށް ބޭނުންވާ ފައިސާ ނެތުމުންނެވެ. އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ސަރުކާރުގެ އާ ސްކީމާ އެކު އައްޑޫގެ ގިނަ ބަޔަކަށް ވެސް ގެދޮރު އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ވެސް ވިދާޅުވީ، ހަތް ލައްކަ ރުފިޔާއިން އާދައިގެ ފެންވަރެއްގެ ގެއެއް އެޅޭނެ ކަމަށެވެ. އަދި މި ފަދަ ކަމެއް ފެށުން ވެސް އެއީ އުފަން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސަރުކާރުން ފެށި ވަރަށް މުހިއްމު ކަމެއް. ރަށްރަށުގެ ގިނަ ބަޔަކަށް މީގެއިން ފައިދާ ވާނެ،" އޭނާ ވިދާޅުވި އެވެ.

ކަންބޮޑުވުމަކީ ކޮބާ؟

ސަރުކާރުން ހޯމަ ދުވަހުގެ ރޭ އިއުލާން ކުރި 170 މިލިއަން ރުފިޔާގެ ލޯނު ސްކީމް ބުނާ ގޮތުން ލޯނު ދޫކުރާނީ މީހަކަށް ގިނަވެގެން 700،000ރ. އެވެ. އެއީ އަހަރަކަށް ހަ ޕަސެންޓްގެ އިންޓަރެސްޓާ އެކު ގިނަވެގެން 20 އަހަރުން ދައްކާ ގޮތަށެވެ. މި ލޯނާ ބެހޭ ގޮތުން އާންމުން ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު ހަތް ލައްކަ ރުފިޔާ އަކީ މިހާރަށް ބަލާއިރު އެކަށީގެންވާ އަދަދެއް ނޫނެވެ.

"ބޯހިޔާވަހިކަން ހައްލުކުރަން ދޫކުރާ ލޯނެއް މިއީ. އެއް މައްސަލައަކީ މިވަރުގެ އަދަދުން ނުވާނެކަން. ހަތް ލައްކަ އަކީ ގެއެއް އަޅަން ވަރަށް ކުޑަ އެއްޗެއް. އަނެއް ކަމަކީ އާންމު ދިރިއުޅުމަށް ކުރާ އިންވެސްޓްމަންޓަކަށް ބަލާއިރު އިންޓަރެސްޓް އަދިވެސް ބޮޑު،" އެކަކު ބުންޏެވެ.

"ރަށްރަށުގައި ގޯތި ބަހައިގެން މިހާރު މީހަކަށް މި ލިބެނީ ގާތްގަނޑަކަށް އެންމެ ބޮޑުވެގެން ވެސް ހާހެއްހާ އަކަފޫޓު. އެވަރުގެ ތަނެއްގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނޭޅޭނެ ހަތް ލައްކަ ރުފިޔާއަކުން. އެ އަށް ވުރެ ކުޑަ ބިންކޮޅެއް ވިއްޔާ ފައުންޑޭޝަނާއި ސީޓް އަޅަން ޖެހޭނެ. ހަތް ލައްކަ ރުފިޔާ އިން ވާނެ ގޮތެއް ނުވިސްނޭ."

އިސްމާއިލް ރަފީގު ވެސް ވިދާޅުވީ ހަމައެކަނި އޮތް ކަންބޮޑުވުމަކީ ރަނގަޅު ފެންވަރެއްގެ ގެއެއް ހަދަން ބޭނުންވެފައި ތިބި މީހުންނަށް ނުވަތަ ދެ ބުރިއަށް ގެ ނަގަން ބޭނުންވާ މީހުންނަށް މި ވަރުގެ ލޯނަކުން އެކަން ނުވުން ކަމަށެވެ.

ރަށުގައި އުޅޭ ގިނަ ބަޔަކު މިހާރު ބޭނުން ވަނީ ދެ ބުރިއަށް ގެ އުފުލަން. ދެ ބުރިއަށް ގެ އުފުލުމުން ގޯތި ތެރޭގައި ކުދިން ކުޅެލާނެ ޖާގަ އާއި ނުވަތަ ގަސް އިންދާނެ ޖާގަ ވެސް ލިބޭނެ -- ފުވައްމުލަކު މޭޔަރު

"ރަށުގައި އުޅޭ ގިނަ ބަޔަކު މިހާރު ބޭނުން ވަނީ ދެ ބުރިއަށް ގެ އުފުލަން. ދެ ބުރިއަށް ގެ އުފުލުމުން ގޯތި ތެރޭގައި ކުދިން ކުޅެލާނެ ޖާގަ އާއި ނުވަތަ ގަސް އިންދާނެ ޖާގަ ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އާންމުންގެ ވިސްނުމުގައި، 700،000ރ.ގެ ލޯނުގެ ބޭނުމަކީ، ސަރުކާރުން ބުނެފައިވާ ގޮތަށް ރަށުން ހިޖުރަނުކޮށް ވާނެ ގޮތެއް ހޯދުމެވެ. އެކަމަކު، އެތަނުގައި ދިރިއުޅެމުން، 20 އަހަރު ވަންދެން މަހަކު 5،000ރ. ސަރުކާރަށް ދެއްކުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

"ރަށުގައި ވަޒީފާ އަދާކޮށްގެން މި ލިބެނީ ގިނަވެގެން މަހަކު 8،000ރ،. އޭގެ ތެރެއިން ލޯނަށް 5،000ރ. ކަނޑާލީމަ ދެން އުޅެވޭނެ ގޮތެއް ނެތް،" މީހަކު ހިޔާލު ފާޅުކުރި އެވެ.

އެހެން މީހަކު އެ ހިޔާލަށް ތާއީދުކުރަމުން ބުނި ގޮތުގައި، މިސާލަކަށް މިލިއަނެއްހާ ރުފިޔާގެ ލޯނެއް ދީފައި ކުއްޔަށް ދެވޭ ވަރުގެ ރަނގަޅު ފެންވަރުގެ އެޕާޓްމެންޓެއް ހެދޭނެ ގޮތް ފަހިކޮށްދިން ނަމަ، އެތަނުން އާމްދަނީއެއް ލިބުމުގެ މަގު ފަހިވީސް ކަމަށެވެ.

އެކަމަކު ލ. އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާއިލް އަލީގެ ވިސްނުން ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި ލޯނުގެ އަދަދު 700،000ރ. އަށް ވުރެ ބޮޑު ވެއްޖެ ނަމަ ބޮޑުވެއްޖެ ނަމަ ނުކުމެދާނެ މައްސަލަތަކެއް ވެސް އެބަހުއްޓެވެ.

ތުޅާދޫގެ މަގެއް: ގެދޮރު ނޭޅި ގިނަ ބަޔަކު އެބަތިބި-- ފޮޓޯ: ތުޅާދޫ އޮންލައިން

"އޭރުން ހުރިހާ ރައްޔިތުންނަށް ލޯނު ދޭން ވެސް އުނދަގޫވާނެ. މިއީ ގެއެއް އަޅަން އަޅުގަނޑަށް ހަމަ އެކަށީގެންވާ އަދަދެއް. ލޯނުގެ އަދަދު އެހާ ބޮޑުވެއްޖަ ނަމަ ދެއްކުމުގައި އާންމުންނަށް ދަތިތައް ވެސް ދިމާވެދާނެ،" އޭނާ ވިދާޅުވި އެވެ.

އިންޓަރެސްޓް ރޭޓް ބޮޑެއް ނޫން، އަދަދު ވެސް ކުޑައެއް ނޫން

ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ރޭ ވިދާޅުވި ގޮތުގައި، ސަރުކާރުން އިއުލާންކުރި ލޯނުގެ އިންޓަރެސްޓް ރޭޓަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ހައުސިން ލޯނުތައް ދެވޭނެ އެންމެ ކުޑަ ރޭޓެވެ.

"އަހަރުން އަހަރަށް ލޯނުގެ އިންޓަރެސްޓް ރޭޓް އެރުން އެއީ ލޯނުތަކުގެ އުސޫލު. އަވަހަށް ދެއްކީމަ އިންޓަރެސްޓް ކުޑަވާނެ. މިސާލަކަށް 20 އަހަރަށް މަޑުނުކޮށް ފަސް އަހަރުން ދައްކައިފިއްޔާ އިންޓަރެސްޓަށް އަރާނީ އެންމެ ލައްކައެއްހާ ރުފިޔާ. އެއީ އެކަން އޮންނަ ގޮތް،" އަސްލަމް ވިދާޅުވި އެވެ.

"ހަ ޕަސެންޓަކީ ވަރަށް ކުޑަ އަދަދެއް. އެއީ ވިޔަފާރި އުސޫލުން އެކަން ކުރާ ގޮތެއް ނޫން އެއްގޮތަކަށް ވެސް."

ސަރުކާރުން ދޫކުރާ ލޯނުން 700،000ރ. ނަގައިގެން، 20 އަހަރުން ދައްކާ ނަމަ މަހަކު 5015ރ. ދައްކަން ޖެހެ އެވެ. އޭގެ މާނައަކީ ލޯނު ދައްކާ ނިމޭއިރު އިތުރަށް 500،000ރ. ވަރު ދައްކަން ޖެހޭނެ ކަމެވެ. މި ނިސްބަތުން ބެލިޔަސް، ހައުސިން އަށް ދޫކުރާ އެހެން ސްކީމްތަކުގެ ލޯނުތަކާ އަޅާ ބަލާއިރު އެއީ ގާތްގަނޑަކަށް 50 ޕަސެންޓް ކުޑަވުމެކެވެ.

މާލެ އިން ކޮންސްޓްރަކްޝަން ކުންފުނިތައް ގެންގޮސްގެން 700،000ރ. އަށް ގެ ނޭޅިދާނެ. އެކަމަކު ރަށުގައި އުޅޭ ކުންފުނިތައް ލައްވާ ހެޔޮވަރުގެ ގެއެއް 700،000ރ. އިން އެޅޭނެ ކަމަށް އަޅުގަނޑު ދެކެނީ -- މިނިސްޓަރު

އަސްލަމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ބޮޑެތި ގެތަކެއް އެޅުމަށް ލޯނު ދޫކުރުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސްކީމުގައި ސަރުކާރުން ވިސްނީ އަޅަން ފަށައި، ނުނިމި ހުރި ގެތައް ނިންމައިދިނުމަށް އެހީތެރިވެ ދިނުމެވެ.

"ތެދެއް، ބުރިބުރި އަށް ގެ އަޅައިގެން، މާލެ އިން ކޮންސްޓްރަކްޝަން ކުންފުނިތައް ގެންގޮސްގެން 700،000ރ. އަށް ގެ ނޭޅިދާނެ. އެކަމަކު ރަށުގައި އުޅޭ ކުންފުނިތައް ލައްވާ ހެޔޮވަރުގެ ގެއެއް 700،000ރ. އިން އެޅޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

66 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 3%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނީރާ

23 June 2021

މާލޭގައި ވަޒީފާގައި އުޅުނީ އުޅޭ ހިތަކުން ނޫން. ރަށުވަޒީފާގައި ހުއްޓާ މާލެ ބަދަލުކޮށްލީމާ. 20 އަހަރު މާލޭގައިއުޅެންޖެހުނީ ކުލިދައްކައިގެން. ލރަށުން ލިބުނުގޯތިއޮތީފަޅަށް ގެ ނޭޅިފައި. މާލެއިން ފްލެޓެއް ލިބޭތޯ އެތައްފަހަރަކު ފޯމް ހުށަހަޅައިގެން އުޅެއުޅެ ނުލިބި ގޮތްހުސްވެގެން ރަށަށް ދިރިއުޅުން ބަދަލުކުރިތާ އަދިވީ 8 މަސް. އެކަމަކު ލޯނު ލބޭނީ ރަށުގައިއުޅޭތާ 3 އަހަރުވުމުންނޯ./ ބޯހަލާކު

The name is already taken The name is available. Register?

ރަނގަޅައްވިސްނާ

19 June 2021

ގެއެއްއަޅަން އެއްވެސްވަރެއްގެ ލޯނެއް ދިގުމުއްދަތަކުންދައްކަން ނެގުމަކީ ތިމާ އެތަކެއް ދުވަހައް ދަރަނިވެރިވުން. އެދަރަނި ދެއްކުމައް މިހާރައްވުރެ ދަތިހާލެއްގައުޅެންޖެހޭނަމަ ބުއްދިވެރިގޮތަކީ އެފަދަ ދަރަންޏެއް ނުނެގުން. މީގެ 10 އަހަރުކުރިން 1000 ރުފިޔާއައް ގަންނަން ލިބުނު މުދަލުގެ ބައިކުޅަބައިވެސް މިއަދު 1000 ރުފިޔާއައް ނުގަނެވޭނެ. އެހެންވެ އެންމެ ކުޑަކޮއްވެސް ފައިސާގެ އަގުދައްވާ ނިސްބަތުން އަނބުރާ ފައިސާދައްކަންޖެހޭވަރުވެސް އިތުރުވާނެ.

The name is already taken The name is available. Register?

ކުދުބެއްޔާ

19 June 2021

ގެއެއް އަޅާކަށް 7 ލައްކަ ރުފިޔާ ކުޑައެއް ނޫނެވެ. އެކަމަކު 7 ލައްކަ ރުފިޔާގެ އިންޓަރެސްޓުގެ ގޮތުގައި 5 ލައްކަ ތުފިޔާ ދެއްކުމަކީ ބޮޑު އަދި ނުއުފުލޭވަރުގެ އުދަގުލެކެވެ. އަދި އެންމެ ކަންބޮޑުވާ ކަމަކީ މަހަކު 5 ހާސް ރުފިޔާ ލިބޭވަރުގެ ވަޒީފާއެއް ހޯދުމެވެ. އަދި އެންބޮޑު ކަންބޮޑުވުމަކީ އަދިވެސް މިނިމަމް ވޭޖްވެސް ކަށަވަރު ނުވުމެވެ.

The name is already taken The name is available. Register?

ފަގީރު ކޮއި

18 June 2021

ތިބުނާ ލޯނެއްމިލިބެނީ ހަމައެކަނި އެޗްއެސްޑީސީން ލޯނު ނަގާފަތިބި ފަރާތްތަކަށް ރާއްޖެ ތެރޭގެ ގިނަ މިހުންވަނީ ކުދިކުދި ލޯނުތައްނަގަން ބީއެމްއެލް އަށް ގެ މޯގޭޖުކޮއްފައި. ލިބޭ އެތިކޮޅުން ގެވެސްނޭޅިފައި ތިއްބާ ތިޔަލޯނެއް ދޭން ސަރުކާރުން ވައުދުވީ ގެނޭޅިފައި ތިބިމީހުންނަށް ލުއިގޮތަކަށް %6 އިންޓްރެސްޓާއި އެކު ލޯނުދޭން . ގުޅާލީމަ މިބުނަނީ ކުރިންލޯނެއް ބީއެމްއެލް އިން ނަގާފައިވާ ފަރާތެއް ސަރުތު ހަމަ ނުވާކަމަށް. ކީކޭދެން ބުނާނީ ފަގީރުން ފަގީރު ގޮތުގައި.

The name is already taken The name is available. Register?

އެދުރު ދައިތަ

18 June 2021

7ލައްކަ ރ ލޯނެއް ދީފަ ތި ދައްކާ ނިމޭއިރު ދިން ވަރަށް ވުރެ ބޮޑު ނުވާނެ ނަމަ ތިޔޮތީ ރައްޔިތުންނަށް ވަރަށް ބޮޑު ކަމެއް ސަރުކާރުން ކޮށްދެވިފަ.. މިހާރު ތިކަން ތި އިން ގޮތުން ހަމަ ކަމެއް ކޮށްދިނުމުގެ ނަމުގަ ތިފެލަނީ ހަމަ ..

The name is already taken The name is available. Register?

ޣަފޫރުބެ

18 June 2021

7 ލައްކަ ލޯނަށް ނަގާއިރު އަމިއްލަ އަށްވެސް ކޮންޓްރިބިއުޓް ކުރަން ޖެހޭނެ. ޢޭރުން ރަނގަޅު ފެންވަރުގެ ގެއެއް އެޅެނެ. މިއުޅެނީ ބޮޑެތި އުސް ބިލްޑިންގ އަޅާކަށް ނުން. ޢެފަދަ ފަރާތްތަތަކަށް ބޭންކުން ލޯނު ލިބޭނެ.

The name is already taken The name is available. Register?

ޖޯކްބެ

18 June 2021

ދިވެހިންނަށް އެއްވެސްގޮތެއް ރަނގަޅެއް ނުވާނެ. ކޮންމެކަމަކާއި ގުޅުވައިގެންވެސް ހަސަދައާއި ފިތުނަ އުފެއްދޭތޯ ބަލާނެ. މިސާލަކަށް ތިޔަ 7 ލައްކަ ރުފިޔާ ހިލޭދިނަސް ބުނާނެ އެންމެ 7ލައްކަ އެއީ ކޯއްޗެއްހޭ. މިލިއަންއެއް ދިންނަމަ ނޫންހޭ ހިންދަމާލެވޭނީ. ދެން "މާލެ ރާއްޖެތެރެ" ކިޔަކިޔާ ތިބޭނެ.

The name is already taken The name is available. Register?

އަމްޖޭ

18 June 2021

700000ރ ލޯން އަހަރަކު 6% އަހަރަކަށް 42000ރ 42000ރ 20 އަހަރަށް ބަހާލީމަ 840000 15 އަހަރަށް ބަހާލީމަ 63000020އަހަރަށް ވީމަ 840000 ދައްކަންޖެހޭ15 އަހަރުވީމަ 630000 ދައްކަންޖެހޭކިހިނެއް މީގެން މުސާރައާއި އެހެނިހެން ކަން ކަން ކުރަނީ

The name is already taken The name is available. Register?

ހިސާބުދިމާވޭތަ

18 June 2021

ރައްރަށުގަ ނިކަމެތިން ގެއެއް އަޅަންވީމަ 7 ލައްކަ އިމާރާތްކުރަން މާކުޑަ އެކަމަކު މާލެސަރަހައްދުގަ އެކިޔާ ހިޔާފްލެޓުގެ ބޮޑުއިމާރާތުގެ އެޕާރޓްމެނެޓެއް އިމާރާތްކުރަން ޖެހޭނީ 5ލައްކަކަމައްވަނީ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

17 June 2021

މަތީގައި ހުރި ފޮޓޯތަކުން ފެންނަ ސަރަހައްދުތަކުގައި މެންދުރު ލޯހުޅުވައި ނުލެވޭނެ. މި ފަހަކަށް އައިސް ރާއްޖެތެރޭ ރަށްރަށުގެ ލޭންޑްސްކޭޕު ހުދުކަމުން ބޯއނަބުރާ ގޮތްވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454