ބޭންކުތަކުން ގެދޮރު އެޅުމަށާއި ގަތުމަށް ދޫކުރާ ލޯނުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ދެއްކުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ރަސްމީކޮށް ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން ހިންގާ ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމުގެ ދަށުން ތައާރަފުކޮށްފައިވަނީ އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގައި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު ހުރަސް ކަމަށްވާ އިކުއިޓީ ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ ދެ ސްކީމެކެވެ.
މި މަޝްރޫއު ތަންފީޒުކުރަން މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
މިނިސްޓަރު ލިންކްޑިން ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިނަ އާއިލާތަކަށް ގެދޮރު މިލްކުކުރުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާ ނޫން ކަމަށެވެ.
އޭގެ ބަދަލުގައި، ގިނަ އާއިލާތަކަށް ލޯނު ހޯދުމަށް އޮތް ބޮޑު ހުރަހަކީ، ފުރަތަމަ ބޭންކަށް ދައްކަންޖެހޭ ބޮޑު އިކުއިޓީ ފައިސާ އެއްފަހަރާ ދެއްކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިރާސާތަކުން ދައްކާ ހަގީގަތް: ސޭވިންސްގެ ދަތިކަން
ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން އެކުލަވާލި "މޯލްޑިވްސް އެފޯޑަބަލް ހައުސިން ރިފޯމް ސްޓަޑީ" އިން ހާމަވެފައިވާ ބައެއް ތަފްސީލުތައް ވެސް މިނިސްޓަރު ހިއްސާކުރެއްވި އެވެ.
- ދިރާސާގައި ބައިވެރިވި އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ރައްކާކުރެވިފައިވާ ފައިސާ އެއް ނެތް.
- މަހަކު 3،000ރ. އަށް ވުރެ އިތުރަށް ފައިސާ ރައްކާކުރެވެނީ ސާވޭކުރި އާއިލާތަކުގެ ތެރެއިން 10 ޕަސެންޓަށް ވުރެ މަދު ބަޔަކަށް.
- މަހަކު 3،000ރ. ރައްކާކުރާ އާއިލާއަކަށް ވެސް، 2 މިލިއަން ރުފިޔާގެ އެޕާޓްމަންޓަކަށް ބޭނުންވާ 20 ޕަސެންޓުގެ އިކުއިޓީ (400،000ރ.) އެއްކުރަން ގާތްގަނޑަކަށް 10 އަހަރު ދުވަސް ނަގާ.
މާލޭގެ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ބެލި ނަމަވެސް، އާދައިގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ގަތުމަށް ބޭނުންވާ އިކުއިޓީން ގާތްގަނޑަކަށް 300،000ރ. މަދުވާކަން ދިރާސާއިން ވަނީ ފާހަގަކޮށްފަ އެވެ.
ސަރުކާރުން ތައާރަފުކުރާ ދެ ސްކީމަކީ ވެސް ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަން ނުޖެހޭ، ސީދާ އިކުއިޓީ ކަވަރުކުރުމަށް ދެވޭ ހިލޭ އެހީގެ ދެ ސްކީމެވެ.
1. ހެލްޕް ޓު ބިލްޑް
މި ސްކީމް ހާއްސަކޮށްފައިވަނީ އަމިއްލަ ބިން އޮވެ، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި، ގެދޮރު އިމާރާތްކުރުމަށް ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށެވެ.
- އެހީގެ މިންވަރު: 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 ޕަސެންޓުގެ އިކުއިޓީ ހަމަޖެއްސުމަށް، ކޮންމެ މީހަކަށް ގިނަވެގެން 200،000ރ. ސަރުކާރުން ދޭނެ.
- ބަހާލައިގެން އިމާރާތްކުރުން: މާލޭގައި އެއް ގޯއްޗެއްގައި ގިނަ ވާރުތަވެރިންތަކެއް ގުޅިގެން އިމާރާތްކުރާނަމަ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200،000ރ. މަގުން، އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެ.
- ސަރަހައްދު: ފުރަތަމަ ފިޔަވަހީގައި މި ސްކީމް ހިންގާނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގަ އެވެ. (ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ފުރަތަމަ ފިޔަވަހީގައި ނުހިމެނޭ).
- އިމާރާތް ކުރަން ބޭނުންވާ ބިން ވާންޖެހޭނީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށެވެ. އަދި އިމާރާތުގެ ވަކި ބައެއް ވިޔަފާރި ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ އޮންނާނެ އެވެ.
2. ހެލްޕް ޓު ބައި
މި ސްކީމަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަ ސްކީމެކެވެ.
- އެހީގެ މިންވަރު: އެފޯޑަބަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ޕްރައިވެޓް ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ ޔުނިޓުތަކަށް ސަރުކާރުން 250،000ރ. އާ ހަމައަށް ހިލޭ އެހީ ދޭނެ އެވެ.
- ފައިސާ ދޫކުރުން: މި އެހީ ސީދާ ޖަމާކުރާނީ ލޯނު ދޭ މާލީ އިދާރާ މެދުވެރިކޮށް ޑިވެލޮޕަރަށެވެ. އަދި ގަންނަ އަގުން އެ މިންވަރު އުނިކުރެވޭނެ އެވެ. މީގެ ސަބަބުން 20 ޕަސެންޓުގެ ޑިޕޮސިޓަކަށް އަމިއްލަ ޖީބުން ދައްކަންޖެހޭ މިންވަރު 300،000ރ. 50،000ރ. އަށް ކުޑަވެގެންދާނެ އެވެ.
- ކުރިއަށް އޮތް ފިޔަވަހިތަކުގައި މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް ފްލެޓް ގަންނަ ފަރާތްތަކަށް މި އެހީ ފުޅާކުރުމަށް ވަނީ ރޭވިފަ އެވެ.
ދައުލަތުގެ ބަޖެޓަށް ލުއި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް
މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން އެއް ގެ ބިނާކޮށްދިނުމަށް ކުރަންޖެހޭ ހަރަދުން، މި މޮޑެލްގެ ދަށުން ގާތްގަނޑަކަށް ފަސް އާއިލާއަކަށް ގެދޮރު އެޅުމުގެ އިކުއިޓީ ފޯރުކޮށްދެވޭނެ އެވެ.
މީގެ އިތުރުން، ބޭންކުތަކުން ލޯނު ނެގޭ ފެންވަރުގެ އާއިލާތަކަށް މި އެހީ ދިނުމުން، ސަރުކާރުން ސީދާ އަޅާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް އެންމެ ނިކަމެތި އާއިލާތަކަށް ދިނުމަށް ޖާގަ ތަނަވަސްވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސްކީމުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ހަރުދަނާ ޝަރުތުތެއް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން، އެ އެހީގެ ދަށުން ހަދާ ނުވަތަ ގަންނަ ގެދޮރު 20 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފިނަމަ، ސަރުކާރުން ދިން ހިލޭ އެހީ އެއްކޮށް އަނބުރާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ.
ކުލީގެ ބަދަލުގައި، ލޯނުގެ އިންސްޓޯލްމަންޓް ދެއްކުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކިތަންމެ ކުޑަ ކުއްޔެއް ދެއްކިއަސް އެއިން އަމިއްލަ މިލްކުވެރިކަމެއް ނުއުފެދޭނެ ކަމަށެވެ. ނަމަވެސް، ލޯނު އިންސްޓޯލްމަންޓް ދައްކައި ނިމުމުން އެއީ އާއިލާގެ އަމިއްލަ މިލްކަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ މަހު ސްކީމަށް ފޯމު ހުށަހަޅަން ހުޅުވާލުމުގެ ކުރިން ތަފްސީލީ އުސޫލުތައް މިނިސްޓްރީން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެހެންވެ، ބިންތަކުގެ ލިޔެކިޔުންތަކާއި ބޭންކުތަކާ ވާހަކަ ދައްކައިގެން ލޯނު ލިބޭނެ މިންވަރު ދެނެގަނެ، ތައްޔާރުވެ ތިބުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.