ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދުގެ ތެރޭގައި ހިމެނޭ، ހައުސިން ލޯން އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.
މި އަހަރުގެ ބަޖެޓުން ކުރިއަށް ގެންދަން ނިންމާފައިވާ ގިނަ މަޝްރޫއުތަކުގެ ގޮތުގައި ހިމަނާފައި ވަނީ ވެސް ހައުސިން މަޝްރޫއުތަކެވެ. ގެދޮރު އަޅަން 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުއިއްޒު މިއަދު ވަނީ، ހައުސިން ލޯނުގެ ތަފްސީލް އާއްމުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަންނަ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މާތްﷲގެ ވާގިފުޅާ އެކު މި އަހަރު ނިމިގެންދާއިރު އެއް ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށްޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
"މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ ރައްޔިތެއްގެ ފުރަތަމަ ގެއަށް ހަރަދުކުރުމަށް ހުޅުވާލެނޭ ވަރަށް ބޮޑު ފުރުސަތެއް."
އެ ލޯނު ސްކީމުގެ ދަށުން:
- މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ (ބެހެނިވެރިން އެކުވެގެން ނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ)
ދެމެހެއްޓެނިވި އާބާދީއާ ތަރައްގީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާ ހަމައަށް ނެގޭނެ
- އެހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ
ރައީސް ވިދާޅުވީ މުޅިން އަލަށް ގެއެއް އިމާރާތް ކުރުމާއި ހަދަން ފަށާފައި ނުނިމި ހުރި ގެތައް ނިންމުމާއި ގެތައް މަރާމާތު ކުރަން ވެސް ހައުސިން ލޯން ބޭނުން ކުރެވޭނެ ކަަމަށެވެ.
ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ގޮތަށް ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން އެއް ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މި އަހަރަށް ފާސްކޮށްފައި ވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.