މޮނިޓަރިންގެ ހާލަތުގައި އޮތް، ކ. ކާށިދޫގެ ގެސްޓުހައުސްތަކަށް އެ ރަށުގެ ހާލަތާ ބެހޭ މައުލޫމާތު ނުދީ ޓޫރިސްޓުން ގެންދާ ކަމުގެ ޝަކުވާ ބައެއް ޓޫރިސްޓުން ކޮށްފި އެވެ.

ކާށިދޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާ އެކު އެ ރަށް މިހާރު ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. މި ހާލަތުގައި އެ ރަށަށް ޓޫރިސްޓުންނަށް ދެވުނު ނަމަވެސް ޓޫރިސްޓުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ.

އެ ރަށުގައި މި ވަގުތު ތިބީ އިންޑިއާގެ ޓޫރިސްޓުންނެވެ. މީގެ ތެރޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ޓޫރިސްޓުންނާއި ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓުން ވެސް ހިމެނެ އެވެ.

އެ ރަށަށް ދިޔަ ޓޫރިސްޓަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރަށް މޮނިޓަރިންގައި އޮތް ކަމުގެ މައުލޫމާތު އޭނާ ހުންނަ ގެސްޓުހައުސް އިން ދީފައި ނުވާ ކަމަށެވެ. އަދި އެތައް ފަހަރަކު އެހުމުން ވެސް އެ މައުލޫމާތު ގެސްޓުހައުސް އިން ހިއްސާ ނުކުރާ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ނުދޭ ކަމަށް ބުނެ ޓޫރިސްޓަކު ކުރި ކޮމެންޓެއްގެ ސްކްރީޝޮޓެއް--
މައުލޫމާތު ނުދޭ ކަމަށް ބުނެ ޓޫރިސްޓަކު ކުރި ކޮމެންޓެއްގެ ސްކްރީޝޮޓެއް--

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ރަށަށް ޓޫރިސްޓުން ގެނައި ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބަން ޖެހޭނެ ކަން ހުރިހާ ގެސްޓުހައުސްތަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް މި މައުލޫމާތުތައް ފޯރުކޮށްނުދީ އޮޅުވާލައިގެން ޓޫރިސްޓުން ގެންނަ ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޮނިޓަރިންގައި އޮތް ރަށަކަށް ޗުއްޓީ އަށް ނޫނީ ކަރަންޓީންވާން އަންނާނީ ކާކު. ބަލި އޮތް ރަށަކުން ބަލި ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ. އަނެއްކާ ފޭސްބުކްގައި ވެސް ޓޫރިސްޓަކު އެބަހުރި މައުލޫމާތު ނުދޭ ކަމަށް ބުނެފައި،" އާމިރު ވިދާޅުވި އެވެ.

އެ ރަށުގައި ހިންގާ ދެ ގެސްޓު ހައުސްގައި ވެސް މި ވަގުތު ޓޫރިސްޓުން އެބަތިއްބެވެ. ޓޫރިސްޓުން ގެނައުމުގައި އޮޅުވާލާފައި ނުވާނެ ކަމަށާއި ފުރިހަމަ މައުލޫމާތު ހިއްސާ ކުރާ ކަމަށް އެ ދެ ގެސްޓުހައުސް އިން ވެސް ބުންޏެވެ.