ފްލެޓަށް ލޯނު ލިބުނުކަމުގެ ލިއުން ހުށަހަޅަން އަންގައިފި

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން ލޯނުގެ ކަންކަން ހަމަޖެއްސިކަމުގެ ލިއުން އަންނަ މަހު 26ގެ ކުރިން ހުށަހަޅަން ހައުސިން ޑިވިލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު އަންގައިފި އެވެ.


އެޗްޑީސީން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓް ހަލާސްކުރުމަށް ފަހު، ތިން ފަރާތުގެ މެދުގައި ކުރާ އެއްބަސްވުމަކަށް ފަހު ކަމަށެވެ. އެ ތިން ފަރާތަކީ، އެޗުޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތެވެ.

މި ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ 2 މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުން ޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުން ޕޭމަންޓްގެ ގޮތުގައި 400،000ރ ދައްކަން ޖެހެ އެވެ. މި ފްލެޓްތަކަށް ޑައުން ޕޭމަންޓް ދައްކާނެ އެހެން އުސޫލެއް ހަމަޖެއްސިކަމެއް އަދި ނޭނގެ އެވެ.

އެޗުޑީސީން ބުނީ ދެ މިލިއަން ރުފިޔާ އެއްކޮށް ދައްކަން ބޭނުން ނަމަ، އެކަން ވެސް ޖެނުއަރީ 26 ގެ ކުރިން ލިޔުމަކުން އެޗުޑީސީ އަށް އަންގަން ޖެހެ އެވެ. އަދި ފައިސާ ދެއްކުމުން، ފްލެޓްގެ އެއްބަސްވުން ހަދާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގަކަށް ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.

އެޗުޑީސީން ބުނީ އެ ފްލެޓްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ހައުސިން ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ގެދޮރު ގަތުމަށް ޕެންޝަން އޮފީހުން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ވެސް ފައިސާ ދެއްކުމުގެ ފުރުސަތު އޮތް ކަން އެޗުޑީސީގެ ސިޓީގައިވެ އެވެ. ޕެންޝަން ފަންޑުގައި ފައިސާ ހުރި ނަމަ، އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ވެސް، ގެދޮރަށް ހޭދަކުރުމުގެ މަގު ޕެންޝަން އޮފީހުން ތަނަވަސްކޮށްދެ އެވެ.