މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އެލިއާ އިން 12 ވަނަ ބޯޓް އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގުރާމް ފަށައިފި އެވެ. 

އެމްއައިޓީ ކޮލެޖާ ގުޅިގެން އެލިއާ އިން ކޮންމެ އަހަރަކު ބާއްވާ މި ޕްރޮގުރާމަކީ އައުޓްބޯޑު އިންޖީނު އެޅި އުޅަނދުތަކުގައި ދަތުރުކުރަން ކެޕްޓަނުންނަށް ބޭނުންވާނެ މައުލޫމާތުތަކުގެ ތިއަރީ އާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަންތަކާ އެކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތާއި އެފަދަ ހާދިސާއެއްގައި އަމަލުކުރަންވީ ގޮތުގެ ތަމްރީނާއި ފަސްޓް އެއިޑުގެ ތަމްރީނުތައް މި ޕްރޮގުރާމްގައި ދޭނެ އެވެ. އަދި ރައްކާތެރިކަމާ އެކު، ޔަމަހާ އައުޓްބޯޑު އިންޖީނުތަކުގެ އޮޕަރޭޝަނާއި މެއިންޓަނަންސްގެ ޕްރޮޓޮކޯލްތަކާއި ކުއްލިއަކަށް ކަނޑުމަތީގައި އިންޖީނު ހުއްޓިއްޖެ ނަމަ އިންޖީނު އަލުން އޮޕަރޭޝަނަށް ގެންނާނެ ގޮތުގެ މައުލޫމާތު ވެސް ކިޔައިދޭނެ އެވެ. 

މިއަދު ފެށި ޕްރޮގުރާމުގެ ފުރަތަމަ ސެޝަނުގައި ބައިވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު ފެށި ޕްރޮގުރާމުގެ ފުރަތަމަ ސެޝަނުގައި ބައިވެރިންނަށް މައުލޫމާތު ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ތަމްރީން ސެޝަން ފެށުމަށް މިއަދު އެލިއާ އިން މީރުމާ ހޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވަނީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމަށް މިފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ކަނޑުއުޅަނދުފަހަރުތައް ދުއްވާ ކެޕްޓަނުންނަކީ އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ތިބޭ ބަޔަކަށް ވާއިރު، އެ ފަރާތްތަކަށް އެންމެ ފުރިހަމައަށް ތަމްރީނުތައް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

މިއަދު އޮތް ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު އޮތް ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައީދު ވިދާޅުވީ މި ޕްރޮގުރާމަކީ ކަނޑުމަތީގައި ދިމާވެދާނެ ކުއްލި އެކި ހާލަތްތަކަށް ތައްޔާރުކޮށްދޭނެ ޕްރޮގުރާމެއް ކަމަށެވެ. އަދި މިއީ ބޯޓު އޮޕަރޭޓަރުންނަށް އެ ފަރާތްތަކުގެ އެކި ތަޖުރިބާތައް އެހެން އޮޕަރޭޓަރުންނާއި ހިއްސާ ކުރަން ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ. 

ގަލްފް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ސީއާރް ރެޖީތް ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި، އެއް ރަށުން އަނެއް ރަށަށް ކަނޑު އުޅަނދުފަހަރުތަކުގައި އާއްމުކޮށް ދަތުރުތައް ކުރާ ގައުމަކަށްވުމުން ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ ތަމްރީނުތައް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގުރާމަކީ އެފަދަ ގިނަ ތަމްރީނުތަކަކާ އެކު ބައްޓަން ކޮށްފައިވާ ޕްރޮގުރާމަކަށް ވުމުން، މިއީ ރައްކާތެރިކަމާއި އެކު ދަތުރުތައް ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. 

މިއަދު އޮތް ރަސްމިއްޔާތުގައި ގަލްފް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ސީއާރް ރެޖީތް ބައިވެރިންނާއި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު އޮތް ރަސްމިއްޔާތުގައި ގަލްފް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ސީއާރް ރެޖީތް ބައިވެރިންނާއި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެލިއާ އާއި އެމްއައިޓީ ގުޅިގެން ބާއްވާ މި ޕްރޮގުރާމުގައި މި އަހަރު 48 ބޯޓް ކެޕްޓަނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުންނާއި މެރިން ޓްރާންސްޕޯޓް އޮޕަރޭޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ ކެޕްޓަނުން ހިމެނެ އެވެ. 

ތިއަރީ އާއި ޕްރެކްޓިކަލް ބައިތައް ހިމަނައިގެން މި ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މިއީ އެލިއާއިން ރާއްޖޭގެ ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ އެކި މަސައްކަތްތަކުގެ މުހިންމު ބައެކެވެ. 

އެލިއާއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.