މި މަހު 31 ވަނަ ދުވަހުގެރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުން އާ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

މި މެޗުގައި ބައްދަލުކުރާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕުގެ ޗެމްޕިއަން ނިއު ރޭޑިއަންޓެވެ.

މި މެޗަށް ފަހު އާ ސީޒަނުގެ ފުރަތަމަ މުބާރާތަކަށް އޮންނާނީ އޮގަސްޓް މަހު ބާއްވާ ކަޕްވިނާސް ކަޕެވެ. މިއީ ޒަމާނުއްސުރެ ސީޒަން ހުޅުވަން ކުޅެމުން އައި މުބާރާތް އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ބާއްވާ ފުރަތަމަ ފަހަރެވެ.

ސީޒަނުގެ މައި މުބާރާތް ކަމަށްވާ ލީގު ފަށަން ހަމަޖައްސާފައިވަނީ ސެޕްޓެމްބަރު 10 ގަ އެވެ. އެއީ ކަޕްވިނާސްކަޕަށް ފަހު އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅޭ މެޗަށާއި، އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އަށް ވަގުތު ދިނުމަށް ފަހު އެވެ.

އެފްއޭއެމުން 1995 ވަނަ އަހަރު ތައާރަފުކުރި ކަޕްވިނާސް ކަޕް އެންމެ ފަހުން ބޭއްވީ 2008 ގަ އެވެ. އެނގިފައިވާ ގޮތުގައި މުބާރާތުގައި ބައިވެރިވާ ގޮތަށް މިވަގުތަށް ހަމަޖެހިފައިވަނީ ލީގު ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ނިއު އަދި، ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން ބުރު އޮޑި ސްޕޯޓްސް އެވެ.

އޭއެފްސީ މުބާރާތުގެ ޕްރިލިމިނަރީ ބުރުގެ ވެސްޓް ރީޖަންގައި މާޒިޔާ ކުޅޭނީ މާލޭގައި އަންނަ މަހުގެ 11 ވަނަ ދުވަހު ތަޖިކިސްތާނުގެ ރެގާރު ޓަޑާޒްއާ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ މި މެޗުން މޮޅުވާ ޓީމަކަށެވެ.

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގައި ރާއްޖެ ހިމެނެނީ މިޔަންމާ، ބުުރުނާއީ، އަދި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ. އާ އޮނިގަނޑުގެ ދަށުން ގްރޫޕުގެ ކުރި ހޯދާ ދެ ޓީމަށް ދެން އަންނަ މުބާރާތެއްގެ ކޮލިފައިން އިން ޖާގަ ލިބޭނެ އެވެ. މި  ގްރޫޕުގެ މެޗުތައް އޮންނާނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 6 އަށް މިޔަންމާގެ ވެރިރަށް ޔަންގޮންގަ އެވެ.