މިލާން (އޮކްޓޫބަރު 24) - އިޓަލީގެ މަޝްހޫރު ކޯޗު މާސެލޯ ލިއްޕީ 37 އަހަރަށް ފަހު ކޯޗިން ކެރިއަރު ނިންމާލާފައިވާކަން އިއުލާނުކޮށްފި އެވެ.

އުމުރުން 72 އަހަރުގެ ލިއްޕީ އެންމެ ފަހުން ކޯޗުކޮށްދިނީ ޗައިނާ އަށެވެ. އޭނާ ދެ ވަނަ ފަހަރަށް ޗައިނާގެ ކޯޗުކަމާ ހަވާލުވެ ހުރުމަށް ފަހު މަގާމުން ވަކިވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ސީރިއާ އަތުން ޗައިނާ ބަލިވި މެޗަށް ފަހު އެވެ.

ރޭޑިއޯ ސްޕޯޓިވާ އަށް ދިން އިންޓަވިއުއެއްގައި ލިއްޕީ ބުނީ ޓީމުތަކަށް ކޯޗުކޮށްދިނުން މިހާރު ނިމިފައިވާ ކަމަށެވެ.

"ތިއީ ރަނގަޅު ވާހަަކައެއް އަހަރެން ދެން ކޯޗެއްގެ ގޮތުގައެއް ނުފެންނާނެ. އެކަމަކު ފުޓްބޯޅައިގެ އެހެން ރޯލަކުން އަހަންނަށް އަދިވެސް މަސައްކަތްކުރެވިދާނެ. ހިނގާ ބަލަމާ ދެން ކުރިއަށް ވާ ގޮތެއް ވެސް،" އިޓަލީ އަށް 2006 ގެ ވޯލްޑް ކަޕް އަދި ޔުވެންޓަސް އަށް 1996 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އެ ދެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދާފައިވާ ލިއްޕީ ބުންޏެވެ.

އިޓަލީގެ ސަމްޕްޑޯރިއާގެ ކުރީގެ ޑިފެންޑަރު އެ ކްލަބުގެ ޔޫތު ޓީމުން ކޯޗިން ކެރިއަރު ފެށީ 1982 ވަނަ އަހަރު އެވެ.

ލިއްޕީ އެންމެ ބޮޑަށް ފާހަގަކުރެވުނީ 1994-1999 އަށް ޔުވެންޓަސް އަށް ކޯޗުކޮށްދިންއިރެވެ. އެ މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 1995، 1997، 1998 ގައި އިޓާލިއަން ލީގު ކާމިޔާބުކޮށްދީ 1996 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ

ލިއްޕީގެ ބަދަލުގައި ކާލޯ އަންޗެލޮޓީއާ ޔުވެންޓަސް ހަވާލުކުރުމުން އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން ޔުވެންޓަސް އިން އަލުން ލިއްޕީ ގެނައީ އެވެ. އަލުން ހަވާލުވެ އެ ޓީމަށް 2002 އާއި 2003 ގެ އިޓާލިއަން ލީގު ކާމިޔާބުކޮށްދިނެވެ. އަދި 2003 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު މެންޗެސްޓާގައި ކުޅުނު ފައިނަލުން ވާދަވެރި އޭސީ މިލާން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. ޖުމްލަ ހަތަރު ފައިނަލުގައި ކުޅެ، 1996 ގައި ޔުވެންޓަސް އަށް ހޯދައިދިން ޗެމްޕިއަންސް ލީގުގެ ފަހުން އެ ޓީމަށް އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

މޮޅު ޓެކްޓީޝިއަނެއްގެ ގޮތުގައި ފާހަގަކުރެވޭ ލިއްޕީ، 2004 ވަނަ އަހަރު އިޓަލީ ގައުމީ ޓީމާ ހަވާލުވި އެވެ. ހުނަރުވެރި ކުޅުންތެރިން ތިބެމެ 2002 ގެ ވޯލްޑް ކަޕާއި 2004 ގެ ޔޫރޯން ޖިއޮވާނީ ޓްރަޕައްޓޯނީއާ އެކު އިޓަލީ ކާމިޔާބެއް ނުލިބުމުން ލިއްޕީއާ އިޓަލީ ހަވާލުކުރުމުން އޭނާ ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ޖަރުމަނު ވޯލްޑް ކަޕް 2006 ވަނަ އަހަރު ކާމިޔާބު ކުރުމަށް ފަހު ލިއްޕީ އެ ޓީމާ ވަކިވި ނަމަވެސް ދެ އަހަރު ފަހުން އެ ޓީމާ އަލުން ހަވާލުވި އެވެ. އެކަމަކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ ގްރޫޕް ސްޓޭޖުން ކެޓުމުން ލިއްޕީ އިޓަލީ ކޯޗުކަމުން ވަކިވީ އެވެ.

ލިއްޕީ އެނބުރި ކޯޗިންގެ ތެރެއަށް ނުކުތީ 2012 ވަނަ އަހަރު ޗައިނީސް ސުޕަ ލީގުގެ ގުއަންޒޫ އެވަގްރެނޭޑާ އެކު އެވެ. އެ ޓީމަށް 2014 ގެ ނިޔަލަށް ކޯޗުކޮށްދީ ޗައީސް ލީގު ތިން ފަހަރު އަދި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. އެއާ އެކު އޭނާ ވެފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ކޯޗަށެވެ.

އެއަށް ފަހު ލިއްޕީ 2016 ގައި ޗައިނާ ގައުމީ ޓީމާ ހަވާލުވި އެވެ. އެ މަގާމުން ވަކިވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުން އީރާން އަތުން ބަލިވެ ކެޓުމުންނެވެ. ބަދަލުގައި ގެނައީ ކަނަވާރޯ އެވެ. އެކަމަކު އޭނާއާ މެދު އެފްއޭ އިން ހިތްހަމަނުޖެހުމުން މޭ މަހު އަލުން ލިއްޕީ މަގާމަށް އަ އެވެ. ލިއްޕީގެ އެދުމުގެ މަތިން އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންނަށް ޗައިނާ ރަށްވެހިކަން ދީގެން ޗައިނާ ގައުމީ ޓީމަށް ކުޅުވި ނަމަވެސް ބޭނުންވާ ނަތީޖާތަކެއް ނުފެނެ އެވެ. އެންމެ ފަހުން ޕްރެޝަރުގައި މަސައްކަތްކުރަން ދަތިތަކެއް ހުރުމުން ލިއްޕީ ވަނީ މިދިޔަ އަހަރު ސީރިއާ އަތުން ބަލިވި މެޗަށް ފަހު ޗައިނާ ކޯޗުކަމުން އިސްތިއުފާދީފަ އެވެ.