ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބ. އަތޮޅުގައި އޮންނަ އެ ރިސޯޓުގައި އިނގިރޭސި ވިލާތުގެ، އުމުރުން 57 އަހަރުގެ ފިރިހެނަކު މަރުވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށެވެ.
އެ މީހާ، ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
"އެމީހާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ޑޮކްޓަރުން ބުނަނީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މަރުވީ، ރިސޯޓުގެ ކޮޓަރީގައި އޮއްވަ އެވެ. އޭނާއާ އެކު، އިތުރު ބަޔަކު ވެސް ޗުއްޓީ ހޭދަ ކުރުމަށް ކޮކޯ ޕާމް ދުނިކޮޅަށް ދިޔަ ކަން އެނގިފައިވެ އެވެ.