ކޮންމެ މީހަކަށް ސިމް ގަނެވޭ އަދަދު ލިމިޓް ކުރާ ގަވައިދު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޮލްޑިވްސް (ކޭމް) އިން ގެޒެޓު ކޮށްފި އެވެ. އެކަމަކު، އެ ގަވައިދަށް އަމަލު ކުރަން ފަށާނީ އަދި އެއްމަސް ފަހުންނެވެ.

ގަވާއިދުގައިވާ ގޮތުން، ކޮންމެ ދިވެއްސަކަށް ނެގޭނީ ގިނަ ވެގެން 10 ސިމް އެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ޓޫރިސްޓުންނަށް ނެގޭނީ ތިން ސިމް ކާޑު ކަމަށް އެ ގަވައިދުގައި ވެ އެވެ. އަމިއްލަ ފަރުދުން ހިންގާ ވިޔަފާރިތަކަށް ވެސް 10 ސިމް ނެގޭނެ ކަމަށާއި ނަމަވެސް ގާނޫނީ އެހެން ޝަހުސުތަކާއި ދައުލަތުގެ އިދާރާތައް ބޭނުން އަދަދަކަށް އަދިވެސް ސިމް ނެގޭނެ ކަމަށް އެ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.

ރަޖިސްޓަރީ ނުކުރާ ސިމް ކާޑުތައް ބޭނުން ކޮށްގެން މީހުންނަށް ގުޅައި، އެތައް ބަޔަކު ސްކޭމް ކުރާ މައްސަލަތައް ގިނަވެފައިވާ އިރު އެންމެ މީހެއްގެ ނަން މަތީ އެތައް ހާސް ސިމް ކާޑު ވެސް ނަގާ މައްސަލަ ވަރަށް ބޮޑެވެ. އެ ސިމް ކާޑުތައް ގިނަ ފަހަރަށް ހުންނަނީ ރަޖިސްޓަރީ ވެސް ނުކޮށެވެ. އެހެންވެ ސްކޭމް ކުރާ މީހަކީ ކާކު ކަން ދެނެގަތުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޭމް އާއި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ފަރާތްތަކުން މަޝްވަރާ ކުރުމަށް ފަހު، ސިމް ގަނެ ވިއްކުމުގައި އަމަލު ކުރަން ޖެހޭ އުސޫލު އިތުރަށް ހަރުކަށި ކުރުމަށް ގަވައިދެއް އެކުލަވާލައި ގެޒެޓްކުރީ އެހެންވެ އެވެ.

ގަވާއިދުގައި ކަނޑައަޅާފައި އަދަދުތަކަށް ވުރެ އިތުރަށް ސިމް ނަގަން ބޭނުންވާ ފަރާތްތަކުން މަގުބޫލް ސަބަބެއް ބަޔާންކޮށް، ކޭމް އަށް ހުށަހެޅި ދާނެ ކަމަށާއި އެ ހުއްދަ ދިނުމުގެ އިހުތިޔާރު އެ އޮތޯރިޓީ އަށް އޮންނާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެ އެވެ.

މިހާރު ގިނަ ސިމްތަކެއް ގެންގުޅޭ ފަރާތްތަކުން، އެ ގަވައިދަށް އަމަލު ކުރަން ފަށާތާ ތިން މަސް ތެރޭގައި ގަވައިދާ އެއްގޮތަށް ސިމްގެ އަދަދު އިހިތިޔާރު ކުރުމަށް ފަހު ބާކީ ހުރި ސިމްތައް ކަނޑާލުމަށް ސާވިސް ޕްރޮވައިޑަރުންނަށް ހުށަހަޅަން ޖެހޭނެ ކަމަށް ގަވައިދުގައި ވެ އެވެ.

އެ މުއްދަތުގެ ތެރޭގައި ގަވައިދުގައި ބުނާ ގޮތަށް ސިމްގެ އަދަދު މަދު ނުކުރާ މީހުންގެ ސިމްތައް ސާވިސް ޕްރޮވައިޑަރުންނަށް ފެންނަ ގޮތަކަށް ސިމް މަދުކޮށް، ނަމްބަރުތަކުން ހިދުމަތް ކަނޑާލަން ޖެހެ އެވެ.

ސިމް ގަންނަ އިރު އެކްޓިވޭޓް ކޮށްފައި ހުރި ސިމް ވިއްކުން ވެސް ކޭމް އިން މި އަހަރު ވަނީ މަނާކޮށްފަ އެވެ.

އިއްޔެ ގެޒެޓް ކުރި ގަވައިދުގައި ވެސް ބުނާ ގޮތުން ސިމް ވިއްކާ އިރު އެ ސިމް ކާޑު އޮންނަން ޖެހޭނީ އެކްޓިވޭޓް ނުކޮށެވެ. ސިމް ކާޑު ދޫކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ފަހު ނޫނީ އެކްޓިވޭޓް ކޮށްގެން ނުވާނެ ކަމަށް ގަވައިދުގައި ވެ އެވެ.

އެ ގަވައިދާ ހިލާފަށް އެއްވެސް އަމަލެއް ސާވިސް ޕްރޮވައިޑަރެއް ނުވަތަ އެޖަންޓެއް ކޮށްފި ނަމަ ފުރަތަމަ ރަނގަޅު ކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހެ އެވެ. އެ އަށް ފަހު 10،000ރ. އިން ފެށިގެން 50،000ރ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ފުރުސަތު ގަވާއިދުން ވަނީ ފަހިކޮށްފަ އެވެ.