ނިއު ދިއްލީ (ސެޕްޓެމްބަރު 26) - ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް ތިމާވެށި އެއްބަސްވުން އިންޑިއާ އިން އަންނަ މަހު ތަސްދީގު ކުރަން ނިންމައިފި އެވެ.
ދެކުނު ކެރެލާގައި ބޭއްވި ވެރިކަންކުރާ ޕާޓީގެ ބައްދަލުވުމެއްގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިހަ ގޭސް ޖައްވަން ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އިން ޕެރިސް އެއްބަސްވުން އަންނަ އޮކްޓޯބަރު މަހު 2 ވަނަ ދުވަހު ތަސްގީދު ކުރާނެ ކަމަށެވެ. އެއީ އިންޑިއާގެ ބާނީ މަހާތަމާ ގާނދީގެ އުފަން ދުވަހެވެ. މޯދީ ވިދާޅުވީ އިންޑިއާ އިން ޕެރިސް އެއްބަސްވުން ތަސްދީގު ކުރާ ދުވަހަކީ ގާނދީގެ އުފަން ދުވަސް ކަމަށް ނިންމެވީ ގާނދީ އަކީ ތިމާވެއްޓާ ވަރަށް ރަހުމަތްތެރި ދިރިއުޅުމެއް އުޅުއްވި ބޭފުޅަކަށްވާތީ ކަމަށެވެ.
ދުނިޔޭގެ މޫސުމަށް ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ ޖައްވަށް ދޫކުރާ ވިހަ ގޭހެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައި ވަނީ ދުނިޔޭގެ އެވްރެޖް ހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވެ ހިފެހެއްޓުމަށެވެ.
ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 40 ޕަސެންޓް ހިއްސާ ކުރާ ޗައިނާ އާއި އެމެރިކާ އިން ވެސް ވަނީ ޕެރިސް އެއްބަސްވުން މި މަހު ކުރީކޮޅު ތަސްދީގުކޮށްފަ އެވެ.
ޕެރިސް އެއްބަސްވުން ޗައިނާ އިން ތަސްދީގު ކުރުމުގެ ކުރިން މި އެއްބަސްވުން ތަސްދީގު ކޮށްފައި ވަނީ 23 ގައުމަކުންނެވެ. މި ގައުމުތައް ހިއްސާ ކުރަނީ ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އެންމެ އެއް ޕަސެންޓެވެ. މި އެއްބަސްވުމަށް އަމަލު ކުރުމަށް މަދުވެގެން 55 ގައުމުން ތަސްދީގު ކުރަން ޖެހެ އެވެ.
މިހާރު ކުރިއަށްދާ އދ.ގެ އާއްމު މަޖިލީހުގެ ތެރޭގައި 30 ގައުމުން ޕެރިހުގެ ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ލެޓިން އެމެރިކާގެ ގައުމުތައް ކަމަށްވާ އާޖެންޓީނާ، ބްރެޒިލް، މެކްސިކޯ އަދި ބަންގްލަދޭޝް، ސިންގަޕޫރު ތައިލެންޑް، ޔޫއޭއީ ހިމެނެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެފައި ވަނީ ޕެރިސް އެއްބަސްވުމަށް މި އަހަރު ނިމޭއިރު އަމަލު ކުރަން ފެށޭވަރު ވާނެ ކަމަށެވެ.