މި އަހަރުގެ ކޮޕް ސަމިޓް މި ބައްދަލުކުރީ ޕެސިފިކް ކަނޑުގައި އުފެދުނު އެލް-ނީނޯގެ އަސަރުތަކާ އެކު ރާއްޖޭގެ މޫސުމަށް ވެސް ބަދަލުތަކެއް އަތުވެދާނެ ކަމުގެ ބިރު ކުރިމަތިވެފައިވާ ނާޒުކް ދަނޑިވަޅެެއްގަ އެވެ. މިއީ ކަނޑުގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ގާ ހުދުވުމާއި ކަނޑުގެ ދިރުންތައް ނުރައްކަލަށް ހުށަހެޅިފައިވާ އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު ގައުމުގެ އިގުތިސާދަށް ވެސް ލޮޅުންތަކެއް އަރާފައިވާ އުނދަގޫ ވަގުތެކެވެ. އެހެންވެ، ރާއްޖޭގެ ނާޒުކު ވެއްޓަށް އޮތް ނުރައްކަލުގެ އަޑު މުޅި ދުނިޔެއަށް އަނެއްކާވެސް އިއްވަން މިހާރު ވަނީ ޖެހިފަ އެވެ.
ދުނިޔޭގެ އިގުތިސާދީ ނުތަނަވަސްކަމާއި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު މައްޗަށް ގޮސް، ވިޔަފާރިތަކާއި އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިވަގުތުގައި، މި ލޮޅުންތަކުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި ވަނީ ރާއްޖެ ކަހަލަ ކުދި ގައުމުތަކަށެވެ.
ކޮންމެ އަހަރަކު ބާއްވާ އދ. ގެ ދުނިޔޭގެ މޫސުމީ އެންމެ ބޮޑު ކޮންފަރެންސް ކޮޕް ސަމިޓުގެ މި އަހަރުގެ ބައްދަލުވުން (ކޮޕް31) ކުރިއަށް ގެންދަނީ މިއަދުން ފެށިގެން މި މަހު 20 ގެ ނިޔަލަށް ތުރުކީގެ އަންތާލިޔާގަ އެވެ. އެ ބައްދަލުވުމުގައި މި އަހަރު ވެސް ދިވެހި ސަރުކާރުގެ ހާއްސަ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖެ ކަހަލަ ބިންތިރި، ޖަޒީރާ ގައުމަކަށް ކޮޕް31 މުހިންމު ވަނީ މިއީ ހަމައެކަނި ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް ބައްދަލުވުމަކަށް ވުމަށް ވުރެ ބޮޑަށް، މި ގައުމުތަކުގެ ވުޖޫދު ދެމިއޮތުމާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ. ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބިން ތިރި ގައުމެވެ. އެވްރެޖުކޮށް ބިމުގެ އުސްމިނުގައި ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ ދޮޅު މީޓަރެއްހާ ވަރު އެވެ. އެހެންކަމުން، ދުނިޔޭގެ ފިނިހޫނުމިނަށް އަންނަ ކުޑަކުޑަ ބަދަލަކީ ވެސް މި ގައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެކެވެ.
މީގެ 11 އަހަރު ކުރިން އެއްބަސްވި "ޕެރިސް އެގްރީމެންޓު"ގެ ދަށުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ އަމާޒެއް އޮތް ނަމަވެސް ޔޫރަޕުގެ "ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް"ގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ވެސް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. މިއީ 2024 ގެ ފަހުން ދުނިޔޭގެ އެވްރެޖު ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އަރާނެ ދެވަނަ އަހަރެވެ.
ރާއްޖޭގެ ޑިމާންޑްތަކަކީ ކޮބާ؟
ރާއްޖެއަކީ އަބަދުވެސް ކޮޕް ސަމިޓުގައި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އަޑުއުފުލައި، އިސް ސަފުގައި ހަރަކާތްތެރިވާ ގައުމެކެވެ. ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓަށް މި އަހަރު ވެސް ރާއްޖޭގެ ވަފުދު ދަނީ ސާފު އަމާޒަކާއި މުހިންމު ޑިމާންޑުތަކަކާ އެކުގަ އެވެ. ގައުމު ދަރަނިވެރި ނުވާ ގޮތަށް ސީދާ ހިލޭ އެހީގެ ގޮތުގައި މޫސުމީ ފަންޑިން ހޯދުމަށާއި "ލޮސް އެންޑް ޑެމޭޖް ސަޕޯޓް" ފޯރުކޮށްދިނުމުގެ ރަސްމީ ނިޒާމެއް ގާއިމްކުރުމަށް ގޮވާލުމަށެވެ. ހަމައެއާ އެކު، ރަށްރަށް ހިމާޔަތްކުރުމަށް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއްގެ ހާއްސަ އޮނިގަނޑެއް ވެސް ރާއްޖެއިން ހުށަހަޅާނެ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖު ޑިޕާޓްމަންޓުން "މިހާރު"އަށް ލިޔުމުން ދިން ޖަވާބުގައި ބުނި ގޮތުގައި، ކޮޕް31 ގެ މަޝްވަރާތަކުގައި ރާއްޖޭގެ ވިސްނުމާއި އިސްކަންދޭ ކަންކަމާއި އަދި ހާސިލްކުރަން ބޭނުންވާ ކަންކަން ހުށަހެޅުމުގައި ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ 39 ގައުމު ހިމެނޭ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސީސް) އާއި އެހެނިހެން ބައިވެރިންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރާނެ އެވެ.
ރާއްޖޭގެ އެންމެ ފަހުގެ މޫސުމީ މައި ސިޔާސަތު ކަމަށްވާ "ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ 3.0)"ގެ ދަށުން، ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތް ކުރުމަކީ ގައުމީ ތަރައްގީގެ ރޭވުންތަކުގެ އެންމެ މައިގަނޑު އަސާސް ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ. "އެންޑީސީ 3.0" އަކީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރުމަށާއި މޫސުމީ ބަދަލުތަކުން ރަށްތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ 10 އަހަރު ދުވަހުގެ ގައުމީ މާސްޓަޕްލޭނެވެ.
"ރަށްރަށުގެ ވިލުންތެރިކަން އިތުރުކުރުމުގައި، ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަކީ އަބަދުވެސް ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތައް،" މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ ކޮޕް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޔުނިސެފުން އިންތިޒާމު ކޮށްގެން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި "ޔޫތު ޓްރެކް ޓު ކޮޕް31"ގައި ދިވެހި ޒުވާނުންގެ ފަރާތުން ވެސް ވަނީ ދިވެހި ވަފުދަށް ހާއްސަ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އިސްކަންދޭ ކަމެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭނެ ކަމަށާއި ސިޔާސަތުތަކާއި ހައްލުތައް އެކުލަވާލުމުގައި ޒުވާނުންގެ އަޑު ހިމަނަން ޖެހޭނެ ކަމަށް ބައިވެރިން ބުނެފައިވެ އެވެ.
"އަހަރެމެންނަށް ކަނޑަކީ ކާނާ، އާމްދަނީ، ސަގާފަތް އަދި އަހަރެމެންގެ އަމިއްލަ ވަންތަކަން. ގާ ހުދުވުމާއި މޫދުވިނައިގެ ސަރަހައްދުތައް ހަލާކުވުމާއި ގޮނޑުދޮށްތައް ގިރުމާއި ނުވަތަ ކަނޑުގެ ދިރުންތަކުގެ ނިޒާމަށް ގެއްލުންދޭ ތަރައްގީގެ ވާހަކަ ދައްކާއިރު، މި ދައްކަނީ މުޖުތަމައުތަކާއި އަހަރެމެންގެ މުސްތަގުބަލާ ފުންކޮށް ގުޅިލާމެހިފައިވާ ކަންކަމުގެ ވާހަކަ،" ޒުވާނުންގެ ހުށަހެޅުންތަކުގައި ބުނެފައިވެ އެވެ.
އެ ބައްދަލުވުމުގެ ބައިވެރިން ބުނި ގޮތުގައި، ކަނޑުތަކުގެ ދިރުން އިޔާދަކުރަން ޖެހުމުގެ ކުރިން އެތަންތަން ހިމާޔަތްކުރަންޖެހޭ ސަބަބަކީ އަލުން އިޔާދަކުރުމަކީ ބޮޑު ހަރަދެއް ހިނގާ، ދަތި އުނދަގޫ އަދި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ކުޑަ ކަމަކަށް ވާތީ އެވެ. ލިޔެފައިވާ ގަވާއިދުތަކެއް ހުރި ނަމަވެސް، އެ ގަވާއިދުތައް އަބަދު ފުރިހަމައަށް ތަންފީޒެއް ނުކުރެވޭ ކަމަށާއި ތިމާވެއްޓަށް ގެއްލުން ދީގެން ކުރާ ޖޫރިމަނާތަކަކީ ވެސް މާނަހުރި އެއްޗަކަށް ގިނަ ފަހަރަށް ނުވާ ކަމަށެވެ.
"އަހަރެމެން ބޭނުންވަނީ ތަރައްގީގެ މަޝްރޫއުތަކާއި ތިމާވެއްޓާ ގުޅޭ ނިންމުންތަކާއި ތިމާވެށީގެ ޖޫރިމަނާތަކުން ލިބޭ ފައިސާ ދާ ދިމާތަކާއި ވެފައިވާ ވައުދުތައް ހަގީގަތުގައި ވެސް ފުއްދަމުންދޭތޯ ބެލުމުގައި ދެފުށް ފެންނަ ނިޒާމެއް،" އެ ބައްދަލުވުމުގެ ބައިވެރިން ބުނެފައިވެ އެވެ.
ރާއްޖޭން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަން
މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަނުކުރެވޭ ގެއްލުންތަކަށް ބަދަލުދިނުމަށް އުފެއްދި "ފަންޑު ފޯ ރެސްޕޮންޑިން ޓު ލޮސް އެންޑް ޑެމޭޖް (އެފްއާރުއެލްޑީ)" އުފެއްދުމުގައި ރާއްޖެއިން އަދާކުރި އިސްދައުރުގެ މައްޗަށް ބިނާކޮށް، ކޮޕް31 ގައި ރާއްޖޭން އިސްކަންދޭނީ އެ ފަންޑުން ސީދާ އެހީ ލިބޭނެ އިންތިޒާމު އަވަހަށް ހަމަޖެއްސުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ފަންޑުން ސީދާ އެހީ ލިބޭނެ އިންތިޒާމު ހަމަޖެހުމުން ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުތައް މިހާރަށް ވުރެ އަވަހަށް ފެށުމަށް މަގުތަނަވަސްވާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވެ އެވެ.
ކޮޕް31 ގައި މާލީ އެހީ ހޯދުމާ ގުޅޭ ގޮތުން ރާއްޖޭން އިސްކަންދޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ؛
- މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ދޭ މާލީ އެހީ ދަށަށް ދާ މައްސަލާގައި އަޑުއުފުލުން.
- 2024 ވަނަ އަހަރު ކޮޕް29 ގައި ކަނޑައެޅި މޫސުމީ މާލީ އެހީގެ އާ އަމާޒު "ނިއު ކަލެކްޓިވް ކުއެންޓިފައިޑް ގޯލް"ގައިވާ ފިޔަވަޅުތައް ތަންފީޒުކުރުން އަވަސްކުރުމަށް މަސައްކަތްކުރުން.
- މޫސުމީ ފަންޑުތައް ހޯދުމުގެ މަޝްވަރާތަކުގައި ރާއްޖޭގެ ހާލަތާއި ނާޒުކުކަން ފުރިހަމައަށް އަންގައިދިނުން.
- މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުދި ގައުމުތައް ދަރަނިވެރި ނުވާ ގޮތަށް ހިލޭ އެހީ ބޭނުންވާ ކަމުގެ މުހިންމުކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުން.
ދިވެހިންނަށް މި ސަމިޓުގެ ކާމިޔާބީ ވަޒަންކުރެވޭނީ ހަމައެކަނި ސިޔާސީ ބަޔާންތަކާއި ދެކެވޭ ވާހަކަތަކުން އެކަންޏެއް ނޫނެވެ؛ ނެރެވޭ ނަތީޖާއިންނެވެ. ކޮޕް31 ގެ ކާމިޔާބީއަކަށް ވާނީ ހިލޭ އެހީ ލިބޭނެ ކަމުގެ ޔަގީންކަމާ އެކު، އެ ފައިސާ ލިބޭނެ ސީދާ ތާރީހުތަކެއް އެނގި، "ލޮސް އެންޑް ޑެމޭޖް" ފަންޑުން ފަސޭހައިން އެހީ ލިބޭނެ މަގުތައް ތަނަވަސްވުމުގެ އިތުރުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ވެފައިވާ އެއްބަސްވުމަށް އަމަލީ ސިފަ ގެނެވިގެންނެވެ.
ވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީ ހަމަޖައްސައިދިނުމަކީ ފައީތުވި އަހަރުތަކުގައި ކޮޕް ސަމިޓުގައި ރާއްޖެއިން އެންމެ ބޮޑަށް ވާކާލާތުކުރި ވެސް އެއް ކަންތަކެވެ. އަދި ރާއްޖެ ކަހަލަ ކުދި އެހެން ގައުމުތަކުގެ ވެސް އެންމެ ބޮޑު ޑިމާންޑެވެ.
"ބްލޫ ކޮޕް"ގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ސިފަކުރަމުން އަންނަ މި އަހަރުގެ ކޮޕް ސަމިޓަކީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަރަށް މުހިންމު އަދި ތާރީޚީ ބައްދަލުވުމަކަށް ވެސް ވާނެ އެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ކަނޑުތަކުގެ ވާހަކަ ކުރިން ދެކެވެމުން އައީ މި ސަމިޓުގެ ނުރަސްމީ ދަންފަޅިތަކެއްގައި ނަމަވެސް، މިފަހަރު މި ސަމިޓުގެ އެންމެ ބޮޑު އަމާޒަކީ ކަނޑުތައް ހިމާޔަތްކުރުމަށް ގައުމުތަކުން އަމަލުކުރުން ލާޒިމުވާ ރަސްމީ ނިންމުންތަކެއް ކަނޑައެޅުމެވެ.
ރާއްޖޭގެ ބިމުގެ 80 ޕަސެންޓަށް ވުރެ ބޮޑުބައި ކަނޑުގެ ލޮނުގަނޑަށް ވުރެ އެންމެ މީޓަރެއްހާ ވަރު އުހުގައި އޮންނައިރު، ކަނޑުގެ ލޮނުގަނޑު އުފުލޭ ވަރަކަށް ރަށްރަށަށް އުދައެރުމާއި ރަށްގިރުން އިންތިހާއަށް އިތުރުވާނެ އެވެ. ހަމައެއާ އެކު، ދިވެހިންގެ ދިރިއުޅުމާއި އިގުތިސާދުގެ މައިނާރުތައް ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމް މުޅިންހެން ބިނާވެފައި ވަނީ ދުޅަހެޔޮ ކަނޑުގެ ވެއްޓެއްގެ މައްޗަށެވެ. އެހެންކަމުން، މި ސަމިޓުގައި ކަނޑުތައް ހިމާޔަތްކުރުމަށް ނިންމާ ހަރުދަނާ ނިންމުންތަކާއި ލިބޭ މާލީ އެހީތަކަކީ ރާއްޖޭގެ ރަށްތައް "ދުނިޔޭގެ ޗާޓުން ނުގެއްލި"، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށް ލިބޭނެ އެންމެ ވަރުގަދަ ބާރެވެ.
ނޯޓް: މިއީ "އިންފޯމްޑް އާތު"ގެ ސަޕޯޓާއެކު ލިޔެފައިވާ އާޓިކަލްއެކެވެ.