ހިއްކައިގެން ހުޅުމާލޭގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ފަރުކޮޅުފުށީގައި މިރޭ މާރާމާރީއެއް ހިންގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. 

ފުލުހުން ބުނީ ހުޅުމާލެ 2 ގެ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގި މައްސަލައެއް މިއަދު އިރުއޮއްސި 6:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުން ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. 

އެ މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. 

ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި 21 އަހަރުގެ މީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި އަދި އޭނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.  

އެނގިފައިވާ ގޮތުގައި، އެ މާރާމާރީގައި އަނިޔާވި އެކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެވެ.