ޕްރީ ސީޒަނުގެ އެކުވެރިކުމުގެ މެޗުގައި، ސްޕެއިންގެ ދެވަނަ ޑިވިޝަން ކްލަބް އަލްމޭރިއާ އާއި އައް ނަސްރު ކުރިމަތިލުން، ކްރިސްޓިއާނޯ ރޮނާލްޑޯ ތިން ހައިސިއްޔަތަކުން ބަލައިފި އެވެ.
ރޮނާލްޑޯ މިދުވަސްވަރު ހޭދަކުރަނީ ޗުއްޓީގަ އެވެ. އަދި އަލަތު ކައިވެންޏަށް ތައްޔާރުވަމުންދާ ފޯވާޑް ވަނީ، އާއިލާ އެކު ހޭދަކުރަމުންދާ ޗުއްޓީން، ވަގުތުކޮޅެއް ހުސްކޮށް އޭނާ ހިއްސާ ގަނެ އަދި ކޯއޯނަރުކަން ކުރާ އަލްމޭރިއާ އާއި އޭނާ ކުޅެމުން އަދި ކެޕްޓަންކަން ކުރަމުންދާ ނަސްރުގެ މެޗު ބަލައިފަ އެވެ.
ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ހުންނަ، ގައުމީ ޓީމު ޓްރޭނިން ސެންޓަރުގައި ކުޅުނު މެޗު އަލްމޭރިއާއިން ކާމިޔާބު ކުރީ 2-0 ންނެވެ. އެ މެޗަކީ ޕްރީ ސީޒަންގައި ނަސްރުގެ ފަހު މެޗެވެ.
އަލްމޭރިއާގެ 25 ޕަސަންޓް ހިއްސާ ރޮނާލްޑޯ ގަތީ، އޭނާގެ ކުންފުނި "ސީއާރް ސެވެން ސްޕޯޓްސް" މެުވެރިކޮށް ފެބްރުއަރީ މަހު އެވެ.
މެޗަށް ފަހު، ސްޓޭންޑުން ފައިބައި ދަނޑަށް ގޮސް ރޮނާލްޑޯ ވަނީ ނަސްރުގެ ކުޅުންތެރިނާ ސަލާންކޮށްފަ އެވެ.
އަލްމޭރިއާގެ ރައީސް މުހައްމަދު އަލް ހުރައިޖީ ވަނީ ރޮނާލްޑޯއަށް، އެ ކްލަބްގެ ހާއްސަ ޖޯޒީއެއް ހަދިޔާކޮށްފަ އެވެ.
"ރޮނާލްޑޯއަކީ އަހަރެމެންގެ ތެރެއިން މީހެއް،" އެ ޖޯޒީގައި ލިޔެފައިވެ އެވެ.
ރޯނާލްޑޯ ވަނީ، މެޗަށް ފަހު ނަސްރުގެ އާ ކޯޗު އޭންޖެ ޕޮސްޓެކޮގްލޫއާ ފުރަތަމަ ފަހަރަށް ބައްދަލުކޮށްފަ އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ، ނަސްރާ އެކު ކުރިމަތިލަނީ އޭނާގެ ފަސްވަނަ ސީޒަނަށެވެ.
މިދިޔަ ސީޒަނުގައި އެ ކްލަބުން ވަނީ ސައުދީ ޕްރޯ ލީގު ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ 2022 ގައި ރޮނާލްޑޯ އެ ކްލަބަށް ބަދަލުވި ފަހުން ނަސްރުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
މި މަހު 15 ގައި ފަށާ ސައުދީ ލީގުގައި ނަސްރުގެ ފުރަތަމަ މެޗުގައި އެދުވަހު ނުކުންނާނީ އަލް ފަތަހްއާ ދެކޮޅަށެވެ.