ވޯލްޑް ކަޕްގެ ގްރޫޕް ކޭގައި ރޭ ކުޅުނު މެޗުގައި، ޕޯޗުގަލުން އުޒްބެކިސްތާން 5-0 ގެ ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ. 

އެމެރިކާގެ ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ކުޅުނުމެޗުގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހައި، ދުނިޔޭގެ ތާރީހުގައި ވެސް ވިދިވިދިގެން ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައިފަ އެވެ. 

ދުނިޔޭގެ ފެންވަރުގައި ރެކޯޑު ބަލަހައްޓާ "ގިނީސް" ދުނިޔޭގެ ރެކޯޑް ފޮތުން ވެސް، ވަނީ ރޮނާލްޑޯ ފުރަތަމަ ލަނޑު ޖެހުމާ އެކު، އެކަން ރެކޯޑް ފޮތުގައި ހިމަނައިފަ އެވެ. 


ރޮނާލްޑޯ (ކ) އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްއާ އެކު އުފާފާޅުކުރަނީ --- ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ
ރޮނާލްޑޯ (ކ) އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްއާ އެކު އުފާފާޅުކުރަނީ --- ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ

ފުރަތަމަ މެޗުގައި ޑިމޮރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ 1-1 އިން އެއްވަރުވެ މާޔޫސްވި އެވެ. ފާޑުކިޔުން އަމާޒުވި ކޯޗު ރޮބާޓޯ މާޓިނޭޒްގެ ޓީމުން މިވަނީ މި މެޗުގައި ތަފާތު ކުޅުމެއް ދައްކައިފަ އެވެ. 

މި މެޗުގައި ޕޯޗުގަލުން ވަނީ މުޅި ގޭމް ކޮންޓްރޯލްކޮށްފަ އެވެ.  އުޒްބެކިސްތާނުގެ ގޯލަށް 16 ހަމަލާ ފޮނުވާލި އެވެ. މުބާރާތުގައި އަލަށް ވާދަކުރާ އުޒްބެކިސްތާނުން ހިތްވަރާ އެކު ކުޅުނު ނަމަވެސް، ޕޯޗުގަލްގެ ހަލުވި އެޓޭކްތައް ހުއްޓުވުމުގައި އެ ޓީމު ކާމިޔާބެއް ނުހޯދުނެވެ. 

މެޗުގެ ފުރަތަމަ ލަނޑު 6 ވަނަ މިނިޓުގައި ރޮނާލްޑޯ ޖެހި އެވެ. އަދި 17 ވަނަ މިނިޓުގައި ނޫނޯ މެންޑޭޒް، ވަނީ ހިތްގައިމު ހިލޭޖެހުމަކުން ޕޯޗުގަލްގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 39 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ.

އުޒްބެކިސްތާން ކޮޅަށް ޕޯޗުގަލްގެ ފަސްވަނަ ލަނޑު ޖެހުމަށް ފަހު، އެ ޓީމުގެ ފޯވާޑް ރަފައެލް ލެއާއޯ އުފާފާޅުކުރަނީ --- ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ
އުޒްބެކިސްތާން ކޮޅަށް ޕޯޗުގަލްގެ ފަސްވަނަ ލަނޑު ޖެހުމަށް ފަހު، އެ ޓީމުގެ ފޯވާޑް ރަފައެލް ލެއާއޯ އުފާފާޅުކުރަނީ --- ފޮޓޯ: ޕޯލް އެލިސް | އޭއެފްޕީ

ދެވަނަ ހާފުގައިވެސް ޕޯޗުގަލްގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. މެޗުގެ 60 ވަނަ މިނިޓުގައި އުޒްބެކިސްތާނުގެ ގޯލްކީޕަރު އަބްދުވަހިދު ނެމަޓޯވް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޕޯޗުގަލްގެ ލީޑު 4-0 އަށް ބަދަލުވި އެވެ.

އެ ލަނޑަކީ ފެނާންޑޭޒް ނެގި ކޯނަރު ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކީޕަރު މަނަޓޯވް އަތުން ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ރަފައެލް ލެއާއޯ ވަނީ ނެލްސަންސެމޭޑޯ ދިން ބޯޅައަކުން ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައި ޕޯޗުގަލްއަށް 5-0 ގެ ފުރިހަމަ މޮޅެއް ކަށަވަރުކޮށްދީފަ އެވެ.