ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އެއް އިއރެއްގައި ގޯލް މެޝިނެކެވެ. ކެރިއަރުގައި 1,000 ލަނޑު ހަމަކުރުމުގެ ރެކޯޑާ އޭނާ ހުރީ މާދުރެއްގައި ވެސް ނޫނެވެ. އެ އަދަދަށް ލަނޑު ހަމަކުރުމުގެ އުއްމީދު ރޮނާލްޑޯގެ ކިބައިގައި ހުރުމުން އޭނާ އަށް ފުރުސަތު ދިނުމުގެ ވިސްނުން، އޭނާ ކުޅޭ ކޮންމެ ޓީމެއްގެ ކޯޗަކު ވެސް ގެންގުޅެ އެވެ.
އެ ރެކޯޑް އޭނާ އަށް ހޯދައި ދޭން ބޭނުންވުމުން އޭނާ ނުލައި ކުރިއަށްދިއުމަކީ ކޯޗުންނަށް އުނދަގޫވާނެ ކަމަށް ދި އެތުލެޓިކްގެ ފުޓްބޯޅަ ލިޔުންތެރިޔާ ނިކް މިލާ ލިޔެފައިވެ އެވެ.
ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށް ޕޯޗުގަލް 1-1 އިން އެއްވަރުވި މެޗުން ފެނުނީ ހިތި ހަގީގަތެކެވެ. ފުޓްބޯޅަ އަށް ރޮނާލްޑޯ ކުރި ހިދުމަތާއި އޭނާ ހޯދައިދިން ރެކޯޑްތަކަށްޓައި އޭނާ އަށް އިހްތޮރާމް އެބައޮތެވެ. އެމެރިކާގެ ހިއުސްޓަންގައި ކުޅުނު މެޗަށް ދަނޑަށް ވަން ގިނަ ބައެއްގެ ބޭނުމަކީ ރޮނާލްޑޯ ކުޅޭތަން ދެކިލުމެވެ. އެކަމަކު ހަގީގަތަކީ ޕޯޗުގަލްގެ ޓީމުގައި ރޮނާލްޑޯގެ ބޭނުމެއް ނެތް ކަމެވެ.
އިނގިރޭސި ލިޔުންތެރިޔާ ނިކް މިލާ ބުނެފައިވާ ގޮތުގައި ރޮނާލްޑޯއަށް މިހާރު ޕޯޗުގަލް ފަދަ، ވޯލްޑް ކަޕްގެ ފޭވަރިޓް ޓީމަކަށް ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުދެއްކެ އެވެ. މެޗުގެ ފުރަތަމަ ގަޑިއެއްހާއިރު އޭނާ ދަނޑުމަތީގައި ހުރިހެން ވެސް ހީނުވާ ކަމަށް މިލާ ލިޔެފައިވެ އެވެ.
"އޭނާއަކީ ހުސްކަމެއް، ފެންނަން ހުރި މީހެއް ނަމަވެސް އެއްވެސް ބާރެއް ނެތް ފަދަ،" އިދިކޮޅު ޓީމަށް ރޮނާލްޑޯގެ ފަރާތުން އެއްވެސް ނުރައްކަލެއް ނުކުރެވުނުކަން ފާހަގަކޮށް ނިކް މިލާ ލިޔެފައިވެ އެވެ.
މެޗުގެ ދެވަނަ ހާފުގައި ރޮނާލްޑޯއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ދެވަނަ ފުރުސަތުގައި، އޭނާގެ ފަހަތުގައި މާ ރަނގަޅު މަގާމެއްގައި ހުރި ބްރުނޯ ފެނާންޑޭޒަށް އެ ބޯޅަ ދޫކޮށްލި ނަމަ ޕޯޗުގަލްއަށް ލަނޑެއް ޖެހުން މާ ގާތެވެ.
މިކަމާ ބެހޭޣޮތުންފޮކްސް ސްޕޯޓްސްގައި ވާހަކަދައްކަމުން ފްރާންސްގެ ކުރީގެ ތަރި އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ތިއަރީ އޮންރީ ބުނީ، ރޮނާލްޑޯ ކޮންމެހެން ލަނޑު ޖަހަން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ލަނޑު ޖަހަން ޖެހޭނީ ޓީމު ކަމަށެވެ. އެކަމަށް ފުރުސަތު ފަހިކޮށްދޭން ރޮނާލްޑޯ އެ ބޯޅަ ދޫކޮށްލިނަމަ މާ ރަނގަޅުވީސް ކަމަށް ކުރިން ސްޓައިކަރަކަށް ކުޅުނު އޮންރީ ބުންޏެވެ.
"ޓީމުން ލަނޑު ޖަހަން އެބަ ބޭނުންވޭ. ކަލޭ (ރޮނާލްޑޯ) އަމިއްލައަށް ލަނޑު ޖަހާކަށް ނުޖެހޭ. އޭނާ ހަޔެއްކަ ޔާޑު ބޭރަށް ޖެހިލި ނަމަ އެއީ ބްރޫނޯ ފެނާންޑޭޒަށް ވަރަށް ފަސޭހައިން ވައްދާލެވޭނެ ބޯޅައެއް،" ފޮކްސް ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެ އޮންރީ ބުންޏެވެ.
މީގެ އިތުރުން ކުރިން ރޮނާލްޑޯ ބޮލުން ވައްދާލާ ކަހަލަ ހުރަސްތަކަށް އަރަން ވެސް ރޮނާލްޑޯ މިހާރަކު މައްޗަކަށް ފުންމައިގެން ނާރަ އެވެ.
ބައެއް ހާލަތުގައި ރޮނާލްޑޯ ކުރިއަށް އަރައި، ހުންނަނީ އޮފްސައިޑް މަގާމެއްގަ އެވެ. މިކަމާ ބެހޭގޮތުން ރޮނާލްޑޯއާ އެކު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ވޭން ރޫނީ ބުނީ އެއީ ވަރަށް ވިސްނައިގެން ރޮނާލްޑޯ ކުރާ ކަމެއް ކަމަށެވެ.
"މެޗުގެ ބޮޑުބައިގައި އޭނާ އެ ހުންނަނީ އޮފްސައިޑް މަގާމެއްގައި. އެއީ އޭނާ ކަންނެތީއެއް ނޫން، އެއީ ވަރަށް ބުއްދިވެރިކޮށް ކުރާ ކަމެއް،" ބީސީގައި ވާހަކަދައްކަމުން ރޫނީ ބުންޏެވެ.
އޭނާ ބުނިގޮތުގައި އޭގެ ސަބަބުން ކޮންގޯގެ ޑިފެންޑަރުން ރޮނާލްޑޯ އަށް ސަމާލުކަން ދޭން ޖެހި ޕޯޗުގަލްގެ އެހެން ކުޅުންތެރިންނަށް ޖާގަ ލިބޭނެ އެވެ.
ނަމަވެސް ރޮނާލްޑޯގެ އެ އުކުޅުން އިދިކޮޅު ޓީމަށް އެއްވެސް ނުރައްކަލެއް ނުވެ އެވެ. އިދިކޮޅު ކުޅުންތެރިންނަށް ވެސް މިހާރު ރޮނާލްޑޯގެ ފެންވަރު އެނގެ އެވެ.
މެޗަށްފަހު ކޮންގޯގެ މިޑްފީލްޑަރު ންގަލްއަޔެލް މުކާއު ބުނީ އުމުރުން 41 އަހަރުގައި ރޮނާލްޑޯއަކީ މިހާރު ކުރީގެ ފެންވަރުގައި ހުރި ކުޅުންތެރިޔަކަށް ނޫންކަން އޭނާގެ ޓީމަށް އެނގޭ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އޭނާ ކުރިއާ ތަފާތުވާނެކަން. އެހެންވެ ދުވާނީ ވަރަށް މަދުކަން ވެސް އެނގޭ. އަހަރެން އުންމީދުކުރީ މިއަށްވުރެ ރަނގަޅު ކުޅުމަކަށް. އެކަމަކު ފެނުނީ އާދައިގެ ގޮތަކަށް. އޭނާ މިހާރު އުމުރުން ދުވަސްވެއްޖެ،" މުކާއު ބުންޏެވެ.
މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބޭނުންވީ ރޮނާލްޑޯ ދަނޑުމަތީގައި 90 މިނެޓު ބަހައްޓާށެވެ. މެޗަށް ފަހު މާޓިނޭޒް ބުނީ ލަނޑު ޖަހަން އުނދަގޫ މެޗެއްގައި ފުޓްބޯޅައިގައި އުފެއްދި އެންމެ ކާމިޔާބު ލަނޑުޖެހުންތެރިޔާ ބަދަލު ކުރުމަކީ ބުއްދިވެރި ނިންމުމަކަށް ނުވާނެ ކަމަށެވެ.
"ޕެނަލްޓީ އޭރިއާ ތެރެއިން ޖާގަ ހޯދަން އުނދަގޫ މިފަދަ މެޗެއްގައި ކްރިސްޓިއާނޯގެ ހުނަރުގެ ބޭނުންހިފުން ވަރަށް މުހިންމު. ލަނޑެއް ބޭނުންވެފައިވާ މެޗެއްގައި ފުޓްބޯޅަ ތާރީހުގެ އެންމެ މޮޅު ލަނޑުޖަހާ ކުޅުންތެރިޔާ ބަދަލުކުރުމަކީ ބުއްދިވެރިކަމެއް ނޫން،" މާޓިނޭޒް ބުންޏެވެ.
ނަމަވެސް މާޓިނޭޒަށް ވެސް ބޭނުންކުރެވުނީ "ތާރީހުި" މި ލަފުޒެވެ.
މާނައަކީ ރޮނާލްޑޯއަކީ މިހާރު މާޒީ ހެއްޔެވެ. މިއީ އޭނާ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއްގައި ލަނޑެއް ނުޖަހައި ނިންމާލި ވިދިވިދިގެން 10 ވަނަ މެޗެވެ. މާނައަކީ މީއީ އާ ކަމެއް ނޫނެވެ.
ނަމަވެސް ރޭގެ މެޗަށް ފަހު ރޮނާލްޑޯގެ ފެންވަރާ މެދު ސުވާލު އުފައްދެން ފެށީ މަޝްހޫރު އެހެން ބޮޑެތި ތަރިން އެ ޓީމުތަކުގެ ފުރަތަމަ މެޗުގައި ދެއްކި ކުޅުމާ އަޅާކިޔަ އެވެ. އާލިން ހާލަންޑާއި ކިލިއަން އެމްބާޕޭ ދެ ލަނޑު ޖެހިއިރު، ލިއޮނަލް މެސީ ވަނީ އާޖެންޓީނާއަށް ހެޓްރިކެއް ހަދައިދީފަ އެވެ.
މެޗުގެ ފަހު ރޮނާލްޑޯ މަޑުމަޑުން ހިނގާފައި ސީދާ ދިޔައީ ޓަނަލްއަށެވެ. ޓީމުގެ އެހެން ކުޅުންތެރިން ސަޕޯޓަރުންނަށް އިހްތރާމުއަދާކޮށް ދަނޑު މެދުގައި މަޑުކުރި އެވެ. ރޮނާލްޑޯ އެކަނިމާ އެކަނި ދަނޑުން ފައިބައިގެން ދިޔައީ އެވެ.
ނިކް މިލާގެ ސިފަކުރުމުގައި ރޮނާލްޑޯ އެ ދިޔަ ގޮތަށް ގޮސް މުޅިން ގެއްލުނީ އެވެ. އޭނާގެ ފަރާތުން ޓީމުގެ ބައިވެރިންނަށް އެއްވެސް އެހީތެރިކަމެއް ނުދެވުނެވެ. މިއީ ޕޯޗުގަލް ޓީމުގައި މިހާރު އޭނާގެ ހާލަތު ހުރިގޮތް ރަމްޒުކޮށްދޭ އަސަރުގަދަ މަންޒަރެއް ކަމަށް މިލާ ސިފަ ކުރި އެވެ.