ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ މެދު ގޮތް ނިންމާނީ އުމުރަށް ބަލައިގެން ނޫން ކަމަށާއި، އޭނާގެ މިހާރުގެ ފޯމަށް ބަލައިގެން ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ރޮނާލްޑޯގެ އުމުރުން މިހާރު 41 އަހަރު ފުރިފައިވީ ނަމަވެސް، އޭނާއާ މާޓިނޭޒް ބުނީ އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށެވެ. ރޮނާލްޑޯއާ މެދުވެސް ކަންތައް ކުރާނީ ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއް ފެންވަރެއްގައި ކަމަށެވެ.

"އަހަރެމެން މި ބަލަނީ 2026 ގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދުމަށް މަސައްކަތްކުރާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް. އޭނާގެ މަޝްހޫރު ނަމަކަށް ނޫން،" މާޓިނޭޒް ބުންޏެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު (143 ލަނޑު) ޖަހާފައިވާ ރޮނާލްޑޯއަށް މިފަހަރުގެ ވޯލްޑް ކަޕުން ޖާގަ ލިބޭނެތޯ ކުރެވޭ ބަހުސްތަކަށްވުރެ ބޮޑަށް، މިހާރު ދެކެވެނީ ޓީމުގައި އޭނާގެ ދައުރަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ބަހުސެވެ. 

މާޓިނޭޒް ގަބޫލުކުރާ ގޮތުގައި މިކަމުގައި ނިންމުން ނިންމަން މާ ފަސޭހަ އެވެ. ރޮނާލްޑޯއަށް ޓީމުން ޖާގަ ލިބޭނީ އޭނާ ފަރިތަކުރުންތަކުގައާއި މެޗުތަކުގައި ދައްކާ ކުޅުމަށް ބަލާފަ އެވެ.

"އުމުރަކީ ހަމައެކަނި ނަންބަރެއް. ގައުމީ ޓީމުގައި އަހަރެމެންނަށް ސީދާ އެ ދުވަހަކު ކަންތައްތައް ހިނގާގޮތް ބެލޭނެ. އަދި ގޮތް ނިންމާނީ ޖެހިގެން އަންނަ ދުވަހަށް. އަހަރެމެން ދުވަހަކުވެސް ކުރިއަށް އޮތް އެއް ދުވަހަށްވުރެ ދުރަކަށް ނުބަލަން،" މާޓިނޭޒް ބުންޏެވެ.

ވޯލްޑް ކަޕްގެ މެޗުތަކުގައި ބަދަލު ކުޅުންތެރިންނާއި ޓެކްޓިކަލް ބަދަލުތަކުގެ ބޭނުން ހިފާނެ ގޮތާ ބެހޭގޮތުން ކުރިން ބެލްޖިއަމަށް ވެސް އިރުޝާދު ދިން ކޯޗު ބުނީ، ޒަމާނީ ފުޓްބޯޅައިގައި ހަމައެކަނި ފުރަތަމަ އެގާރައަށް ބަލާ ޒަމާން މިހާރު ފާއިތުވެއްޖެ ކަމަށެވެ.

މެޗެއްގައި މިހާރު ފަސް ކުޅުންތެރިން ބަދަލު ކުރެވޭއިރު، މެޗު ފަށާ ޓީމެކޭ އެއްގޮތަށް މެޗު ނިންމާލާ ޓީމުގެ ދައުރު ވެސް ބޮޑުކަމަށް މާޓިނޭޒް ބުންޏެވެ.

"މިހާރު އަޅުގަނޑުމެންނަށް ފަސް ބަދަލު ކުރެވޭ. (އަހަރެން ގަބޫލުކުރާ ގޮތުގައި) މެޗު ފަށާ ޓީމަކާއި މެޗު ނިންމާ ޓީމެއް އޮންނަހެން. މީގެ ދެމެދުގައި އެއްވެސް ތަފާތެއް ނެތް. ތަފާތު ދައުރުތައް އޮންނާނެ، އަދި ކްރިސްޓިއާނޯ އަބަދުވެސް އޭނާގެ ދައުރު ގަބޫލުކުރޭ،" މާޓިނޭޒް ބުންޏެވެ. 

ވޯލްޑް ކަޕްގެ ގުރޫޕް ކޭ ގައި ޕޯޗުގަލްއާ އެކު ލައްވާލީ ކޮލަމްބިއާ، އުޒްބެކިސްތާން އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗުގައި އަންނަ މަހު 17 ވަނަ ދުވަހު ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ.