ވޯލްޑް ކަޕް ގްރޫޕް އީ ގައި ކިއުރެސާއޯ އިން އިކުއެޑޯ ހިފަހައްޓައި، ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުގެ ފުރަތަމަ ޕޮއިންޓް ހޯދައިފި އެވެ.
އެމެރިކާގެ ކެންސަސް ސިޓީގައި ހުންނަ އެރޯހެޑް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ (ރާއްޖޭ ގަޑިން މިއަދު ހެނދުނު) ކުޅުނު އެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ދޮޅުލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮންނަ ކިއުރެސާއޯ އިން މެޗު އެއްވަރުކުރުމުން، މިއީ އެ ގައުމުގެ ތާރީހުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތުގައި ހޯދި ފުރަތަމަ ޕޮއިންޓެވެ.
މުބާރާތުގައި މި ދެ ޓީމުގެ ފުރަތަމަ މެޗުން ދެ ގައުމު ވެސް ވަނީ ބަލިވެފަ އެވެ. އިކުއެޑޯ ފުރަތަމަ މެޗުން އައިވަރީ ކޯސްޓް އަތުން ބަލިވީ 1-0 ންނެވެ. ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރެސާއޯ ވަނީ ޖަރުމަނު އަތުން 7-1 އިން ބަލިވެފަ އެވެ.
މުބާރާތުގައި ކުރިއަށްދިއުމަށް މި ދެ ޓީމަށް ވެސް މި މެޗުން ތިން ޕޮއިންޓް ހޯދުން އޮތީ މަޖުބޫރުވެފަ އެވެ.
އިކުއެޑޯ އިން ވަނީ މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށް، ކިއުރެސާއޯގެ ގޯލަށް ނުރައްކާތެރި 26 ހަމަލާ ފޮނުވާލާފަ އެވެ. އެކަމަކު އެ ޓީމަށް ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
މެޗުގެ ދެވަނަ މިނެޓުގައި އިކުއެޑޯގެ ފޯވާޑް އެނާ ވެލެންސިއާ ފޮނުވާލި ބާރު ހަމަލާއެއް ކިއުރެސާއޯގެ ގޯލްކީޕަރު ވަނީ ދިފާޢުކޮށްފަ އެވެ. އަދި މެޗުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޭންޖެލޯ ޕްރެސިއާޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އިކުއެޑޯގެ ވަރުގަދަ ހަމަލާތައް ހުއްޓުވުމުގައި ކިއުރެސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ އިކުއެޑޯގެ ނުރައްކާތެރި 13 ހަމަލާއެއް ދިފާއުކޮށްފަ އެވެ.
ނެދަލެންޑްސްގެ ޓެރިޓަރީއެއްގެ ގޮތުގައި ކެރީބިއަން ކަނޑުގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމު، ކިއުރެސާއޯގެ ކޯޗަކީ، ނެދަލެންޑްސްގެ ކުރީގެ ކޯޗު ޑިކް އެޑްވޮކާޓެވެ.
ވޯލްޑް ކަޕަށް ވެސް ފަރިތަ އެޑްވޮކާޓް މެޗުގައި ކިއުރެސާއޯގެ ގޭމް އަތުރާލީ ޑިފެންސިވް އަދި ފިޒިކަލް ވިސްނުމެއްގަ އެވެ.