ރާއްްޖެއަށް ވައިގެ މަގުން އަންނަ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނަށް ފޯރުކޮށްދިނުމުގެ ގަވާއިދު އެކުލަވާލައި އިއްޔެ އާއްމުކޮށްފި އެވެ.
މިއީ ރާއްްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި ވައިގެ މަގުން ފުރާ އުޅަނދުފަހަރާއި އެ އުޅަނދު ފަހަރުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދުމަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދެކެވެ.
އިމިގްރޭޝަނުން ބުނީ އެ ގަވާއިދު ހެދުމުގެ މަގުސަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެގޮތުން ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނާއި އެފަދަ ޖަމާއަތްތަކާ ގުޅުންހުރިކަމަށް ބެލެވޭ މީހުންގެ މައުލޫމާތު ލިބިފައިވާ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ދުރާލައި ދެނެގަތުމަކީ މި ގަވާއިދުގެ ބޭނުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ ގަވައިދުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ބައެއް މައުލޫމާތު:
- ދަތުރުކުރާ ބޯޓުގެ މައުލޫމާތާއި ފުރާ ދުވަހާއި ވަގުތާއި ޖައްސާ ދުވަހާއި ގަޑިއާއި ފަސިންޖަރުންގެ އަދަދު
- ފަސިންޖަރުންގެ ނަމާއި ޖިންސާއި ގައުމާއި ޕާސްޕޯޓް ނުވަތަ އެފަދަ ލިޔެކިޔުމުގެ ނަމްބަރު
- ފަސިންޖަރެއްގެ ސީޓު ނަމްބަރާއި ދާގީނާގެ މައުލޫމާތާއި ވިސާގެ މައުލޫމާތާއި އެ މީހާގެ ދާއިމީ އެޑްރެހުގެ އިތުރުން އެ މީހަކު ދަތުރުކުރާ މަންޒިލެއްގެ އެޑްރެސް
މި ގަވާއިދު ހިނގާނީ ރާއްޖެއަށް ވައިގެ މަގުން އަންނަ އުޅަނދުފަހަރާއި ބޭރަށް ފުރާ އުޅަނދުތަކާއި އެފަދަ އުޅަނދެއްގެ މިލްކުވެރިކަން ލިބިފައިވާ ފަރާތްތަކާއި ޗާޓަރުކޮށްފައިވާ ފަރާތްތަކާއި އޭޖެންޓުކަން ކުރާ ފަރާތްތަކުގެ އިތުރުން އުޅަނދުގެ ކެޕްޓަނުންނާއި އެ ނޫން ވެސް އެފަދަ އުޅަނދެއްގެ މައްޗަށް ޒިންމާވާ އެންމެންނަށެވެ.
މައުލޫމާތު ހިއްސާކުރާނީ އިމިގްރޭޝަންގެ އިތުރުން ކަސްޓަމްސްއަށެވެ. ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަން ޖެހޭ ހާލަތުގައި އެ އިދާރާއަކާ ހިއްސާކުރާނެ ކަމަށް ގަވާއިދުގައިވެ އެވެ. މި ގަވާއިދުގެ ދަށުން އިމިގްރޭޝަނާ ހިއްސާކުރާ ހުރިހާ މައުލޫމާތުގެ ސިއްރު ހިފަހައްޓަން އެ މުއައްސަސާ އަށް ލާޒިމުވެ އެވެ.
އަދި މި ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000ރ.ގެ ޖޫރިމަނާއެއް ކުރެވޭނެ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 30 އިން ފެށިގެންނެވެ.