މި އަހަރު ރާއްޖެ އައި ފުރަތަމަ ކްރޫޒްލައިނާ އިން 632 މީހަކަށް ކްލިއަރެންސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނެފި އެވެ.
އެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބޯޓުން ރާއްޖެ އައި 216 ފަސިންޖަރުންނާއި 416 ކްރޫއިންނަށް ސީޕޯޓް ޑިވިޝަނުން ކްލިއަރެންސް ދީފައިވާ ކަމަށެވެ. އެ ބޯޓު ރާއްޖެ އައީ ސިޝެލްސް އިން ފުރައިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އަހަރު ރާއްޖެ އައި ފުރަތަމަ ކްރޫޒްއަކީ ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ "ކްރިސްޓަލް ސިންފަނީ" އެވެ. މާލެ ކައިރީގައި އިއްޔެ މަޑުކުރުމަށް ފަހު މިއަދު ހެނދުނު އެ ބޯޓު ވަނީ ސްރީ ލަންކާ އަށް ދިއުމަށް ފުރައިފަ އެވެ.
އާ އަހަރާ ދިމާކޮށް، މިދިޔަ މަހު ފަހުކޮޅު ވެސް ބޭރުގެ ބޮޑު ދެ ކްރޫޒްލައިނާއަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ، މާޝަލް އައިލެންޑްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވިއާ" އާއި ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ "ނޯވިއަން ސްކައި" އެވެ.
އެ ފަހަރު އިމިގްރޭޝަނުން ވަނީ އެ ބޯޓުތަކުން ރާއްޖެ އައި 4،658 މީހަކަށް ކްލިއަރެންސް ދީފަ އެވެ.