ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް، މި ސަރުކާރުން އާ ބޭފުޅަކު އައްޔަން ކުރައްވަންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ކަސްޓަމްސްގެ ވެރިޔާ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގެ ގާނޫނު ބުނާ ގޮތުން، ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައި ވަކި ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހޮނިހިރު ދުވަހު މަގާމާ ހަވާލުވެވަޑައިގެންފައިވާއިރު، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ނުވަތަ އެތަނުގެ އެންމެ އިސްވެރިޔާގެ މަގާމުގައި އަދި ވެސް ހުންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ޖުނައިދެވެ.

އެކަމާ ގުޅޭ ގޮތުން ޖުނައިދު މިއަދު ވިދާޅުވީ، ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވަންދެން ކަސްޓަމްސްގައި ހުންނަވާނެ ކަމަށެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިގުން މި އަހަރުގެ ޖޫން 5 ގައި އޭރުގެ ރަައީސް ޔާމީން، ޖުނައިދަށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިގުން މި އަހަރުގެ ޖޫން 5 ގައި އޭރުގެ ރަައީސް ޔާމީން، ޖުނައިދަށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑު ދެކޭގޮތުގައި އެންމެ ރީތި ގޮތަކީ، ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވީމާ އެ ބޭފުޅަކާ ހުރިހާ ކަމެއް ހަވާލު ކޮށްފައި އަޅުގަނޑު ދިއުން. އެއީ އެންމެ ރީތި ގޮތް. އެހެންވީމާ މި މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަންދެން އަޅުގަނޑު ހުންނާނަން،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ އާއި ޔާމީނަކީ ކުރިއްސުރެ ވަރަށް ގާތް ދެބޭފުޅުން ކަމަށް ވިޔަސް ފަހަކަށް އައިސް އެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޚާއްސަކޮށް މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ޖުނައިދުގެ އެހީތެރިކަމެއް ޔާމީން ނުހޯއްދަވާކަން ފާހަގަކުރެވެ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޖުނައިދު ދެވަނަ ފަހަރަށް އައްޔަން ކުރައްވާފައި ވަނީ ޖޫން 5، 2018 ގަ އެވެ.

ޖުނައިދަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން، އެމަނިކުފާނު ކަސްޓަމްސްގެ އިދާރާއަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ބޭފުޅުންގެ ތެރެއިން އެކެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ކަސްޓަމްސް އަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެވެ.