ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަރިޔަމް ނިހާޔަތު އެ މަގާމުގައި ހުންނެވި ދުވަސްވަރު ޕީޖީ އޮފީހަށް ހުށަހެޅި މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުން އޭނާއަށް ވަކާލާތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރާ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އާޒިމާގެ ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާތީ، އެ ނުކުތާ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ޑެޕިއުޓީ ޕީޖީގެ މަގާމުގައި ނިހާޔަތު ވެސް ހުންނެވުމުން އޭނާއަށް އެ މައްސަލާގައި ދިފާއުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ދައުލަތުން ބުންޏަސް، ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމާފައި އޮތީ އޭނާއަށް ވަކާލާތު ކުރެވޭނެ ކަމަށެވެ. އެއީ އެ މައްސަލާގެ އެއްވެސް ކަމެއްގައި އޭނާ ޑީޕީޖީގެ މަގާމުގައި ހުންނަވައިގެން ބައިވެރިވެފައި ނެތުމުންނެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މީހަކު ކުރިން މަސައްކަތްކުރި އިދާރާއެއްގައި މަސައްކަތް ކުރަނިކޮށް ހުށަހެޅިފައިވާ މައްސަލައެއްގައި އެ މީހަކަށް ދިފާއުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ގަވާއިދުގައި އޮންނަ ކަމަށެވެ.
ޕީޖީ އޮފީހުގައި ކުރިން އުޅުއްވި އެހެން ވަކީލަކު ވެސް، އޭނާ އެ އޮފީހުގައި ހުންނަވައިގެން ބައިވެރިނުވާ މައްސަލައެއްގައި ދިފާއުގައި ވަކާލާތު ކުރަން އައުމުން އެ ފުރުސަތު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ނިންމުން ގޯސްވި ގޮތެއް ނިހާޔަތަށް ދެއްކިފައި ނުވާތީ ހައި ކޯޓުން އޭނާއަށް ފުރުސަތު ދިނީ ގޯސްކޮށް ހުކުމުގައިވެ އެވެ.
އެގޮތަށް ހުކުމްކުރީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިއްތިފާގުންނެވެ.