މާލޭގެ ދަރުމަވަންތަ މިސްކިތުގައި މިރޭ ތަރާވީހު ނަމާދު ނުކުރީ އެ މިސްކިތުގައި ދޫލަ އަޅަން ވަގުތީ ގޮތުން ބަންދުކޮށްފައި ވާތީ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

ސަލްޓަންޕާކް ކައިރީގައި ހުންނަ ދަރުމަވަންތަ މިސްކިތަށް މިރޭ އިޝާ ނަމާދަށް ދިޔަ މީހަކު ބުނީ ތަރާވީހު ނުކުރާކަން އެނގުނީ އިޝާ ނަމާދު ނިމުނުތާ އެތައް އިރެއްވީ ފަހުން ކަމަށެވެ.

"ތަރާވީހު ނަމާދު ނުކުރާކަން އެނގުނީމަ މީހުން ނުކުމެގެންދިޔައީ ހުކުރު މިސްކިތަށް. އެ މިސްކިތަށް ދިޔައިރު އެތަން އޮތީ ފުރިފައި. ބައެއް މީހުން ދެން ދިޔައީ އިސްލާމީ މަރުކަޒަށް،" އޭނާ ބުންޏެވެ.

އެ މީހާ ބުނިގޮތިގައި ދަރުމަވަންތަ މިސްކިތަށް ގިނަ ބަޔަކު ދަނީ ކުރުކޮށް ތަރާވީހު ނަމާދު ކުރާތީ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވީ ރޯދައަށް އެ މިސްކިތުގައި ކާޕެޓް އެޅުމަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތް ބޭނުންކުރަން ނިންމާފައި ވަނީ މާދަމާ މެންދުރު ނަމާދުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކި، ދަރުމަވަންތަ މިސްކިތަށް ނަމާދަށް އާއްމުކޮށް ދާ މީހާ ބުނީ ފަހަކަށް އައިސް އެ މިސްކިތުގައި ބަންގި ގޮވާނެ މީހަކު ނެތުމުން ބަންގްލަދޭޝްްގެ މީހުން ވެސް ބަންގިގޮވާ ކަމަށެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ދަރުމަވަންތަ މިސްކިތަށް ވެސް ވާނީ މުދިމެއް ހަމަޖައްސައިފަ އެވެ. އަދި އެއީ ހަތިމްކުރަން ތަރާވީސްކުރާ މިސްކިތަކަށް ނުވާތީ އެ މިސްކިތުގައި ތަރާވީހު ނަމާދު ކުރާނީ ވެސް އެ މުދިމު ކަމަށް އޭނާ ވިދާޅުވި އެވެ.