އީގަލްސްގެ މައްޗަށް ވެލެންސިއާ މޮޅުވިޔަސް، ގްރީން ސްޓްރީޓްސްގެ މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.
ދިރާޣު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު އީގަލްސްގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދީ 2-0 ންނެވެ. އެއީ ވެލެންސިއާ ސަލާމަތްވުމަށް އެކަށީގެންވާ މިންވަރާ ގާތްކުރާ ވަރުގެ ނަތީޖާއެއް ނޫނެވެ.
ލީގުގެ ފުލަށްދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ. ހަތްވަނަ ޓީމާއި އަށްވަނަ ޓީމަށް ޖެހޭނީ ރެލިގޭޝަންގެ ޕްލޭއޮފް މަރުހަލާގައި ވާދަކުރާށެވެ.
ރެލިގޭޝަންގެ ޕްލޭއޮފުން ޖާގަ ހޯދަން ވެލެންސިއާ އަށް ޖެހޭނީ، މިއަދު ހަވީރު ގްރީން އާއި ނިއު ރޭޑިއަންޓް ކުޅޭ މެޗަށް އިންތިޒާރު ކުރާށެވެ. އެ މެޗުން ފަސް ލަނޑުން ނިއު ރޭޑިއަންޓް މޮޅުވެއްޖެނަމަ ވެލެންސިއާ އަށް ޕްލޭއޮފް މަރުހަލާގައި އޮވެވޭނެ އެވެ.
މިހާރު ވެލެންސިއާ އާއި ގްރީން އަށް ވެސް ލިބިފައި އޮތީ 12 ޕޮއިންޓެވެ. އެކަމަކު ގެއްލުން ގޯލްގައި ވެލެންސިއާ އަށް 28 ގޯލް އަދި ގްރީން އަށް 24 ގޯލް އޮތުމުން ލަނޑުގެ ތަފާތުން ކުރި ލިބެނީ ގްރީން އަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖެހީ އައިދު މުހައްމަދު ޖަވީޒާއި އާޖެންޓީނާގެ މިޑްފީލްޑަރު މެޓިއަސް މާޓިނޭޒެވެ.
މިހާރު ވެސް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައިވާ ޔުނައިޓެޑް ވިކްޓަރީން ވަނީ ރޭ ވިކްޓަރީގެ މައްޗަށް 2-0 ން މޮޅުވެފަ އެވެ.
އެ މެޗުން ވިކްޓަރީ ބަލިވުމުން އެ ޓީމު ވަނީ ރަތް ރޮނގާ ހަމައަށް ފުރޮޅާލާފަ އެވެ.
މިރޭ ބުރު ސްޕޯޓްސްގެ މައްޗަށް ޓީސީން ހަތަރު ލަނޑުން މޮޅުވެއްޖެނަމަ، ހަވަނަ މަގާމު ޓީސީ އަށް ލިބޭނެ އެވެ. އޭރުން ޕޮއިންޓްގެ ގޮތުން އަދި ގޯލް ޑެފިސިޓްގައި ވިކްޓަރީއާ ހަމަހަމަ ވާނެ އެވެ. އެ ހާލަތުގައި ދެން ބަލާނީ ޖެހ ލަނޑުގެ އަދަދަށެވެ.
ޓީސީން މިހާރު ވެސް ވަނީ ވިކްޓަރީ އަށް ވުރެ އިތުރަށް ލަނޑު ޖަހައިފަ އެވެ. ޓީސީން ވަނީ 17 ލަނޑު ޖަހައިފަ އެވެ. އަދި ވިކްޓަރީ އަށް ޖެހުނީ 15 ލަނޑެވެ.
މިހާރު ޓީސީން ދައްކާ ކުޅުމުން، އެ ޓީމުން ނަތީޖާ ބަދަލުކޮށްލުމަކީ ގާތުގައިވާ ކަމެކެވެ.
ރޭގެ މެޗުގެ ފަހުކޮޅުގައި ޔޫވީގެ ދެ ލަނޑު ވެސް ވިކްޓަރީ ކޮޅަށްވައްދާލީ މިސްރުގެ މުސްތޮފާ މުހައްމަދު އަލީ އެވެ.