އެކަށީގެންވާ ނަތީޖާއެއް ނުދެއްކި އެމްބަސީތަކަށް ކޮންމެ މަހަކު ބޮޑު ހަރަދެއް ކުރާތީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ގިނަ ގައުމުތަކަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ކޮމިޓީގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނަ ދިވެހި އެމްބަސީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 54 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ.
"އެ ކަމުން ނުކުންނަ ނަތީޖާއަކީ ކޮބައިތޯ އަޅުގަނޑުގެ ސުވާލަކީ. 2025 ވަނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ޖެހިން ބޭރުން ދެ ބިލިއަން ލިބޭނެ ކަމަށް. އަހަރު ނިމުނުއިރު އަޅުގަނޑުމެންނަށް ލިބުނީ އެންމެ 50 މިލިއަން،" އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި، އިންތިހާބުތަކާ އެކު ރައްޔިތުންނާ ގާތަށް ދިޔުން މަދުކޮށްގެން، ހަރަދު ކުޑަކުރުމުގެ ބަދަލުގައި އެމްބަސީތަކަށް ކުރާ ބޮޑު ހޭދަ ކުޑަކުރުން މާ ރަނގަޅެވެ.
"...އެއިރަށް މަހަކު 54 މިލިއަން ރުފިޔާ އެބަ ސަލާމަތްވޭ. އެގޮތް މާ ރަނގަޅެއް ނޫންތޯ ހަރަދު ކުޑަކުރަން،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މި ސަރުކާރުގެ އައުމުގެ ކުރިން ބޭރުގެ އެމްބަސީތަކަށް ކުރާ ހަރަދުހުރީ 23 މިލިއަން ރުފިޔާ ކަމަށެވެ.
ނަމަވެސް، އެ އަދަދު ދެ ގުނައަށް ވުރެ އިތުރުވެ، ކޮންމެ އަހަރު 648 މިލިއަން ރުފިޔާ އެމްބަސީތަކަށް ހަރަދުކުރާއިރު، ރައްޔިތުންނާއި ގައުމަށް ވީ ފައިދާ އާ މެދު އޭނާ ވެސް ސުވާލު އުފެއްދެވި އެވެ.
ދެ އިންތިހާބު އެއްކޮށްލަން އަންނަ އޭޕްރީލް 4 ގައި ނަގާ އާންމު ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބު ވޯޓުގައި ސަރުކާރު "ލަދުގަންނަ" ވަރުގެ ނަތީޖާއެއް ރައްޔިތުން ނުކުމެ ދައްކާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.