ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އަންނަ ހޮނިހިރު ދުވަހު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ވަކީލް މަރިޔަމް ޝުނާނާ ހައި ކޯޓަށް ހުށަހެޅީ ރިފަރެންޑަމްގައި ކުރާ ސުވާލާއި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ފާސްކުރި ބިލްގައި ވެސް މަޖިލީހުގެ އުމުރު ބަދަލުކުރަން ގެނެވޭ އިސްލާހެއް ހިމަނާފައި ނުވާތީ އާއި އެ ވޯޓަށް ހޭލުންތެރިކަން އިތުރުކުރަން އަދި ކެމްޕެއިން ކުރަން އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާތީ އިންތިހާބު ހުއްޓުވުމަށާއި އަދި މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ފަދަ ކަމެއް ނުކުރަން އަމުރު ކޮށްދިނުމަށް އެދި އެވެ.
އެކަމަކު، ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އޭގެ ބައެއް ގާނޫނުއަސާސީ ނުވަތަ ގާނޫނަކާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ.
ޝުނާނާ ހުށަހެޅި މައްސަލަ ބިނާކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައީސް ނެރުއްވި ރިޔާސީ ގަރާރުގެ މައްޗަށް ކަމަށް ވާއިރު، އެފަދަ ގަރާރުތަކުގެ މައްސަލަތަކަކީ ދުސްތޫރީ މައްސަލަތަކެއްގެ ގޮތުގައި ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް ހައި ކޯޓުގެ އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއިރު، ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އެހެން ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލާގައި އެ ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމްކުރީ އެ ވޯޓު ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.