ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކުއްތާތައް ބޭނުންކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު ހާއްސަ ތަމްރީންތަކެއް ކުރިއަށް ގެންދާނެ ކަމަށް ބުނެފި އެވެ.
ފުލުހުންގެ ކޭ ނައިން ޑިޕާޓްމަންޓުގެ ޑޯގް ސްކޮޑް ބޭނުންކުރަމުން އަންނަނީ މަސްތުވާތަކެތި ހޯދުމަށެވެ. އެކަމަކު ނަމަވެސް މިއަދު ހިންގާ ތަމްރީންތަކާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.
މަސްތުވާތަކެތީގެ އެކި އޮޕަރޭޝަންތަކުގައި ކުއްތާއްތައް މީގެ ކުރިން ބޭނުންކުރަމުން އައި ނަމަވެސް މި ފަހުން އެސޮރުމެންގެ ބޭނުންކުރާ ކަމެއް އެނގިފައެއް ނުވެ އެވެ.
މިއަދު ހާއްސަ ތަމްރީނެއް ބާއްވާއިރު އިއްޔެ ވަނީ ގޮވާއެއްޗެއް އޮތް ކަމަށް ދިން އިންޒާރަކާ އެކު މާލެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަނެއް ވެސް ހިންގައިފަ އެވެ. އެކަމަކު ނުރައްކަލެއް ނެތްކަން ޔަގީންކަން އިއްޔެ ވަނީ އޮޕަރޭޝަން ނިންމާލިކަން އިއުލާނުކޮށްފަ އެވެ.
ފުލުުހުންގެ ޑޯގް ސްކޮޑްގުން ދެ ކުއްތާއެއް މިދިޔަ އަހަރު މަރުވެ މިހާރު އޮތީ 15 ކުއްތާ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކުރަން ޑޯގް ސްކޮޑެއް އުފައްދައި ކުއްތާތައް ގެނައީ 2019 ވަނަ އަހަރު އެވެ. ކުއްތާތައް ގެނެސް ފުލުހުން އާއްމުކުރި ފޮޓޯތަކުގައި ހިމެނެނީ ޝަކީރާ އާއި ބްލެކީ ކިޔާ ލެބްރަޑޯ ޕެލިޓޭޑް އަކާއި ސޭމް ކިޔާ ލެބްރަޑޯއަކާއި ތާރާ ކިޔާ ބެލްޖިއަމް މެލިނޮއި އެކެވެ. މިއީ ނެދަލެންޑުން ކުއްތާތައް ގެނައިއިރު ވެސް ދީފައިވާ ނަންތަކެވެ. އެސޮރުމެން އިޖާބަ ދޭނީ އޭގެ ނަމުން މުހާތަބު ކުރުމުން އެކަންޏެވެ.