ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން ކުއްތާތަކެއް ފުލުހުން ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެންމެ ފަހުން ގެނައި 10 ކުއްތާ ބޭނުންކުރާނީ ޓެރަރިޒަމްގެ އޮޕަރޭޝަނާއި އިންޓެލިޖެންސްގެ ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ކަމަށެވެ.

އޭގެ އިތުރުން ކަސްޓަމާއި ޕޮލިހާއި އެމްޕީއެލާއި އެއާޕޯޓު އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެންޓުތަކުގެ ސަލާމަތީ ކަންކަމަށް ވެސް އެ ކުއްތާތައް ބޭނުންކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫގައި މިދިޔަ މަހު ކުރިއަށްގެންދިޔަ ޓެރަރިޒަމް އޮޕަރޭޝަނުގައި އެ ކުއްތާތައް ބޭނުންކޮށްފައިވެ އެވެ.

އެމެރިކާ އެމްބަސީން ބޭއްވި ހަރަކާތެއްގައި ކުއްތާ ބޭނުންކުރަނީ.-- ފޮޓޯ: ޕޮލިސް
އެމެރިކާ އެމްބަސީން ބޭއްވި ހަރަކާތެއްގައި ކުއްތާ ބޭނުންކުރަނީ.-- ފޮޓޯ: ޕޮލިސް

މިދިޔަ ޖުލައި ގައި ކުއްތާތައް ގެނައީ އެމެރިކާއިންނެވެ. ފުލުހުން ބުނީ އެ އެއްޗެހި ބޭނުންކުރުމާއި ބަލަހައްޓަން އެ ގައުމުގައި 10 ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކުއްތާ ބޭނުންކުރަން ފެށީ ޑްރަގްގެ އެކި އޮޕަރޭޝަންތަކުގައި 2015 ވަނަ އަހަރެވެ.

އެންމެ ފަހުން ގެނައި ކުއްތާތަކާއެކު، ޑޯގް ސްކޮޑުގައި މި ވަގުތު 25 ކުއްތާ އެބަ ގެންގުޅެ އެވެ.