ބީއެމްއެލް އިން "އިންވެސްޓްމަންޓްސް" ނަމުގައި  ފެށި ހިދުމަތަށް ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ޖެހޭ އަދަދު ޑޮލަރުން ދޭން ނިންމައިފި އެވެ.

ޑޮލަރު މާރުކުރެވޭ ގޮތަށް އިންވެސްޓްމެންޓްސްގެ ނަމުގައި ފޯޓަލެއް  ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 30 ގަ އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، އަލަށް ގެނައި ބަދަލާ އެކު، އިންވެސްޓްކުރާ އަދަދާއި ފައިދާ އޭގެ އަނެެއް ދުވަހު ޑޮލަރުން ކަސްޓަމަރަށް ލިބޭނެ ކަމަށެވެ. އެކަމަކު ޖެހިގެން އަންނަ ދުވަހު، އިންވެސްޓްކުރާ އަދަދު ރުފިޔާ އިން ލިބޭނެ އެވެ. އެކަން ކުރާނީ ބީއެމްއެލް އިން ބުނި ގޮތުގައި، އިންވެސްޓްކުރާ ފަރާތާއި އެ ބޭންކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ތެރެއިންނެވެ.

ބީއެމްއެލް އިން ހުޅުވާލި އިންވެސްޓްމަންސްޓް ޕޯޓަލަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް އިންވެސްޓް ކުރެވޭނެ އެވެ. 

އިންވެސްޓްމެންޓް ޕޯޓަލްގައި އިންވެސްޓްކުރުމުން 25 ޕަސެންޓާ ހަމައަށް ފައިދާ ލިބޭނެ އެވެ. މިސާލަކަށް 1،000 ޑޮލަރު އިންވެސްޓްކުރުމުން އެ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް 1،250 ޑޮލަރު ޖަމާވާނެ އެވެ. އޭގެ އަނެއް ދުވަހު، އިންވެސްޓްކުރި އަދަދު ރުފިޔާއިން ބޭންކަށް މާރުކުރަން ޖެހޭނެ އެވެ. އެހެންވެ، ބާކީ ކަސްޓަމަރަށް އިންވެސްޓްމެންޓްގެ ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 250 ޑޮލަރު ލިބޭނެ އެވެ.

ބޭންކަށް ލިބޭ ޑޮލަރު އިތުރުކުރުަމަށްޓަކައި އެ ޕޯޓަލް ހުޅުވާލިއިރު، މި ޕްލެޓްފޯމާ އެކު ބީއެމްއެލް އަށް ލިބޭ ޑޮލަރު އިތުރުވުމުން، ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ޑެއިލީ ލިމިޓްތަކަށް ލުއިތަކެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.