މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަސައްކަތްކުރެއްވި ގޮތަށް، އުތުރު ކޮރެއާއާ އެކު ސުލްހަގާއިމުކުރުމަށް އެހީތެރިވެދެއްވުމަށް ދެކުނު ކޮރެއާގެ ރައީސް ލީ ޖައީ-މިއުންގް، ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންފި އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެމްއޯޔޫއެއްގައި ހުކުރު ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މިއަށްފަހު ޓްރަމްޕްގެ ސަރުކާރުން ސަމާލުކަން ދޭނީ އުތުރު ކޮރެއާގެ މައްސަލައަށް ކަމަށް ބެލެވެ އެވެ.

އީރާނުގެ އެއްބަސްވުން އިއުލާނުކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، 2018 ވަނަ އަހަރު ސިންގަޕޫރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ އެކު ބޭއްވި ސަމިޓުގެ ފޮޓޯއެއް، އެއްވެސް ލިޔުމަކާ ނުލައި  ޓްރަމްޕް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވުމުން މި ވާހަކަތަކަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ.

ފްރާންސްގައި ބޭއްވުނު ޖީ7 ސަމިޓުގެ ތެރެއިން ދެ ބޭފުޅުން ބައްދަލުވެ ދެކެވުނު ވާހަކަތަކުގައި، ކޮރެއާ ސަރަހައްދުގެ މަސްރަހާ ބެހޭގޮތުން ޓްރަމްޕް، ލީއާ ސުވާލުކުރެއްވި ކަމަށް ދެކުނު ކޮރެއާގެ ރައީސްގެ އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނުގައިވެ އެވެ. މި ބައްދަލުވުމުގައި، "މެދުއިރުމަތީގެ މައްސަލަ ހައްލުކޮށްދެއްވި ފަދައިން، އުތުރު ކޮރެއާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯއްދަވައިދެއްވުމުގައި އިސްނެންގެވުމަށް ރައީސް ލީ، ޓްރަމްޕްގެ ކިބައިން އެދިވަޑައިގަތް" ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އުތުރު ކޮރެއާގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ކުރީގެ ހަރުކަށި ރައީސް ޔޫން ސުކް ޔޯލްއާ ހިލާފަށް، ރައީސް ލީ ގެންގުޅުއްވަނީ އުތުރު ކޮރެއާއާ މެދު މަޑުމައިތިރި އަދި ސުލްހައަށް ލޯބިކުރުމުގެ ސިޔާސަތެކެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ ސޯލްގެ މި ހުށަހެޅުންތަކަށް ފުރަގަސްދީ، ދެކުނު ކޮރެއާ އަކީ އެ ގައުމުގެ "އެންމެ ބޮޑު ދުޝްމަނު" ކަމަށް ރަސްމީކޮށް ކަނޑައަޅައިފަ އެވެ. އަދި އުތުރު ކޮރެއާއަކީ ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ "ނިއުކްލިއާ ބާރެއް" ކަމަށް ތަކުރާރުކޮށް ބުނަމުންދެ އެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ކިމް އަދި ޓްރަމްޕް ބައްދަލުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

"އުތުރު ކޮރެއާގެ ވިސްނުމުގައި، އެމެރިކާއާ ބައްދަލުކުރަންޖެހޭ އެއްވެސް ސަބަބެއް މިހާރަކު ނެތް،" ސޯލްގެ ޔުނިވަސިޓީ އޮފް ނޯތު ކޮރެއަން ސްޓަޑީޒްގެ ކުރީގެ ރައީސް ޔަންގް މޫ-ޖިން އޭއެފްޕީއަށް ވިދާޅުވި އެވެ.

ކިމް މިހާރު މަސައްކަތްކުރައްވަނީ އަވަށްޓެރި އެހެން ގައުމުތަކާ އެކު އޮންނަ ގުޅުން ވަރުގަދަކުރުމަށެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް އެހީވުމަށް ސިފައިންނާއި ހަތިޔާރު ފޮނުވުން ހިމެނެ އެވެ.

މީގެ އިތުރުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ޓްރަމްޕް އަދި ޕޫޓިންއާ ބެއިޖިންގައި ބޭއްވި ސަމިޓްތަކަށް ފަހު، ދާދިފަހުން ވަނީ އުތުރު ކޮރެއާއަށް ޒިޔާރަތްކުރައްވައި ކިމްއާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމަށް ފަހު ނެރުނު ރަސްމީ ބަޔާނުގައި ވެސް އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއިން ދޭހަވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ބާރުވެރިކަން ޗައިނާއިން ގަބޫލުކުރުމެވެ. -- އޭއެފްޕީ