ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕޭން މެދުކަނޑާލެއްވުމަށް ފަހު، އަމިއްލަ ދަތުރެއްގައި ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އައްޑު އާއި ފުވައްމުލަކަށް ކުރެއްވި ދަތުރު ނިންމަަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ދެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާނީ އޭނާ ރާއްޖޭން ބޭރަށް ކުރައްވާ ދެތިން ދުވަހުގެ ދަތުރަށް ފަހުގައި ކަމަށެވެ.
"އަޅުގަނޑަށް ދެން ރަށަކަށް ދަތުރެއް ކުރެވޭނީ ޖުލައި 23ގެ ފަހުން،" ވަޑައިގަންނަވާ ގައުމާއިި އެ ދަތުރާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުދެއްވައި އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައްޑު އާއި ފުވައްމުލަކަށް ކުރެއްވި ދަތުރު ވަރަށް ކާމިޔާބު ކަމަށާއި ދެ ރަށުގެ ރައްޔިތުންގެ އިހުސާސްތައް ވެސް އެ ދަތުރުން އެނގިވަޑައިގެންފި ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ އާއި ފުވައްމުލަކަށް ކުރެއްވި ދަތުރުގައި އިބޫ ވަނީ އެ ރަށުގެ ގިނަ ގެތަކަކަށް ވަޑައިގެން، އާއްމުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެ ދަތުރުގައި އައްޑޫގައި ހުންނަވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިންތިހާބުގެ ކުުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ސަތޭކަ އަށްޑިހަ ހަތް ރަށް އެބައޮތް ދަތުރު ކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް ދިއުން. އިރާދަކުރެއްވިއްޔާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ އުންމީދު އެބައޮތް. އެ ތަސައްވުރު އެބަ އޮތް،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަނިންމޭޓު، ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކަށް ދެން ހުއްޓުމެއް ނާންނާނެ ކަމަށާއި މިހާތަނަށް ކެމްޕޭން ވަރަށް ކާމިޔާބު ކަމަށެވެ. އަދި އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި، އިދިކޮޅުން އެ އިންތިހާބު ބޮޑު ޕަސެންޓޭޖަކުން ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމާ އެކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމާ އެކު އިބޫ ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.