ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަށީގެ ބައްޔަށް ހާއްސަ ވެގެން 2004 ގައި މަސައްކަތް ކުރައްވަން ފެއްޓެވި ޑޮކްޓަރު މުހަންމަދު ހަބީބަށް އޭރު ކުރިމަތިވެ ވަޑައިގަތީ ވަރަށް ބޮޑު ގޮންޖެހުމެވެ. އޭރު ދިވެހި ޑޮކްޓަރުންނަށް އޮންނަ އިތުބާރާއި ޔަގީންކަން ކުޑަކަމުން ކިތަންމެ ކުޑަ އޮޕަރޭޝަނަކަށް ވިޔަސް ދަނީ ރާއްޖެއިން ބޭރަށެވެ. އެކަމަކު 13 އަހަރު ފަހުން، މިހާރު އެ މަންޒަރު އެއްކޮށް ބަދަލުވެއްޖެ އެވެ.
މޯލްޑިވްސް އޯތޮޕެޑިކް އެސޯސިއޭޝަނުން ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޑރ. ހަބީބް ވިދާޅުވީ ޑރ. އަލީ މުޒުނީ ނުވަތަ ޑރ. ހުސެއިން ޝަކީލަށް ދެއްކުމަށް 18 މަސް ދުވަހުގެ ވެއިޓިން ލިސްޓެއް އޮތުމަކީ އަޑުއެހުމަށް އެހާ ފަސޭހަ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ޑޮކްޓަރުންނަށް އޮންނަ އިތުބާރު ބޮޑުވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި އެކަމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އެއިން ދައްކަނީ މި ދާއިރާ އަށް އައިސްފައިވާ ކުރިއެރުންތައް. އެކަމާ މެދު އުފާކުރަން،" މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ބަލިމީހުން ބައްލަަވަމުން އަންނަ ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ޑޮކްޓަރަކަށް ދެއްކުމަށް އޭރު ދިގު ލިސްޓެއް އޮތުމުން، އޭގެ ތެރެއިން 17 މީހެއްގެ އޮޕަރޭޝަން ކުރަން އޭނާގެ ކިބައިން އެދުނު ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ހަބީބް ލައްވައި އޮޕަރޭޝަން އެއްބަސްވީ އެންމެ ދެ މީހުން ކަމަށާއި ބާކީ ތިބި މީހުން ފަރުވާ ހޯދީ ރާއްޖެއިން ބޭރުން ކަމަށް ވިދާޅުވި އެވެ.
މީގެ 13 ވަރަކަށް އަހަރުކުރިން އޯތޮޕެޑިކް އެސޯސިއޭޝަން އުފެއްދީ ވެސް، ކަށީގެ ފަރުވާ އަށް މީހުންގެ އިތުބާރު ހޯދޭނެ ގޮތްތަަކާ ގުޅޭ ބޮޑު މަސައްކަތެއްގެ ތެރެއިންނެވެ. އެއީ ސާކުގެ ގައުމުތަކަށް ހާއްސަކޮށްގެން ކަތަމަންޑޫގައި ބޭއްވި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރުމަށް ލިބުނު ފުރުސަތެކެވެ. ޖެހިގެން އައި އަހަރު އެ ކޮންފަރެންސް ބާއްވަން ޖެހުނީ ސްރީލަންކާގައި ނަމަވެސް ސަބަބުތަކާ ހެދި އެ ފުރުސަތު ގަބޫލުކުރެވެން ނެތް ކަމަށް އެ ގައުމުން އެންގި ކަމަށް ހަބީބް ވިދާޅުވި އެވެ.
"ދެން ކޮންފަރެންސް ބާއްވަން ޖެހުނީ ރާއްޖެ އަށް. އަޅުގަނޑު އެކަނި އޭރު މި ދާއިރާއިން ހާއްސަވެފައި ހުރީ. އަނެއްކާ ކޮންފަރެންސް ބާއްވަން ބަލާއިރު ޖަމިއްޔާއެއް ނެތް. އެހެންވެ އިތުރު ދެ ޑޮކްޓަރުންނާ އެކީ ޖަމިއްުޔާއެއް ރަޖިސްޓްރީކޮށް ވަރަށް ކާމިޔާބުކަމާއެކު އޭގެ އަނެއް އަހަރު ކޮންފަރެންސް ބޭއްވީ،" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވަނީ، ޔުނިވާސިޓީގައި އޭނާ އަށް ކިޔަވައިދެއްވި ޕްރޮފެސަރަށް ގުޅުއްވައި އައިޖީއެމްއެޗުގެ އޭރުގެ ކަށީގެ ޑިޕާޓްމަންޓަށް އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އެއާއެކު ތިން މަސް ދުވަހު މަސައްކަތްކުރުމަށް އެތަނުން ބަޔަކު ފޮނުވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަނގަޅު ޑޮކްޓަރުން އަންނަން ބޭނުންވާނީ ވަސީލަތްތައް ފުރިހަމަވެފައިވާ ހޮސްޕިޓަލަކަށް ކަމަށެވެ. ވަސީލަތެއް ނެތް ނަމަ މަސައްކަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ކައްޓަށް ހާއްސަވެގެން ހުންނެވީ ހަބީބް އެކަންޏެވެ. ނަމަވެސް މިހާރު އެ ދާއިރާގައި ހާއްސަވެގެން ހުންނެވި ޑޮކްޓަރުން ގިނަވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.