ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު ކުޑަކޮށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އާއްމު ސިއްހަތުގެ ތަޖުރިބާކާރު ޑރ. ޝީނާ މޫސާ އާދީއްތަދުވަހު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ހާލަތު ބެލުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާ އެކު މަސައްކަތްކުރަވަމުން ގެންދަވާ ޑރ. ޝީނާ "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ހާލަތު ރަނގަޅު ހިސާބެއްގައި ހުރެފައި ޖެނުއަރީގައި ކޭސްތައް އިތުރުވާނެ ކަމަށް ބެލެވެނީ ދީފައިވާ ލުއިތަކާ އެކު، ބައިވަރު ހަރަކާތްތައް އާ އަހަރު ފެށުނު އިރު ހިނގާފައި ހުރީމާ ކަމަށެވެ.
ކޭސްތައް މަދުވުމާ ގުޅިގެން ދިން ލުއިތަކުގެ ތެރޭގައި, ނެގެޓިވް ނަތީޖާއަކާ އެކު ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަމަޖެއްސުމާއި ގިނަވެގެން އެއްވެވޭނެ މީހުންގެ ލިމިޓް ދޫކޮށްލައި ހަފްލާތައް ބާއްވަން ހުޅުވާލުމާއި ދިވެހިން ރިސޯޓުތަކަށް ދާން ހުއްދަދިނުން ހިމެނެ އެވެ. ޑރ. ޝީނާ ވިދާޅުވީ އެޗްޕީއޭ އިން ދީފައި ވަނީ ހާލަތު ރަނގަޅުވެފައި އޮތް މިންވަރަށް ބަލާ އިރު ދެވިދާނެ ލުއިތަކެއް ކަމަށެވެ. އެކަމަކު އެ ކަންކަމާ އެކު، މީހުން ހަރަކާތްތެރިވުމާއި އެއްތަންވުން އިތުރުވި އިރު ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރުން ދަށަށް ގޮސްފައި ހުރުން ވެސް އެކަށީގެންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އެސްޓިމޭޓްސް ޖެނުއަރީ އަށް ހުރީ ކުޑަކޮށް ކޭސްތައް މައްޗަށް ދާނެއޭ, ޚާއްސަކޮށް މާލެ ސަރަހައްދުގައި،" ޑރ. ޝީނާ ވިދާޅުވި އެވެ.
"އެހެންވީމަ ވަރަށް ކައިރިން ބަލަން ޖެހޭ [ބަލި ފެތުރޭ މިންވަރު ދަށް] ހާލަތުގައި މާލެ އޮވޭތޯ ނޫންތޯ. އެއީ އަންލައިކްލީ ކަމެއް, މި ކަންކަން މި ގޮތަށް ހުރީމަ. މިއީ މުޅިން ވެސް ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަންތައްތައް. އެހެންވެގެން އެޗްޕީއޭ އިން ވަރަށް ގާތުން މިހާރު މޮނިޓަކުރަމުން އެ ގެންދަނީ, ކިހިނެއްތޯ [ބަލި ފެތުރޭ މިންވަރު] އުޅެނީ, މާލެ ސަރަހައްދުގައި."
ޑރ. ޝީނާ ވިދާޅުވި ގޮތުގައި އާއްމުންގެ ހަރަކާތްތަކުގެ އިތުރުން ކްރިސްމަސް އާއި އާ އަހަރު ފެށުމުގެ ޗުއްޓީގައި ރިސޯޓުތަކަށް ބައިވަރު ޓޫރިސްޓުން ގޮސްފައިވާ އިރު ބައެއް ތަންތަނުގައި އުސޫލުތަކާ ޚިލާފުވެފައި ހުރެދާނެ ކަމަށް ވެސް ބަލަން ޖެހެ އެވެ. ރިސޯޓުތަކުން ފެންނަ ޕޮޒިޓިވް ކޭސްތައް ވަނީ އިތުރުވެފަ އެވެ. ކުރިއަށް ހުރި ހަފްތާތަކުގައި ވެސް އިތުރު ކޭސްތައް ފެންނަމުންދާނެ ކަމަށް ޑރ. ޝީނާ ލަފާކުރައްވަ އެވެ.
"ސުވާލަކީ ރިސޯޓުތަކުގެ ކޭސްތަކާ ގުޅިގެން މާލެ ސަރަހައްދުގައި ނުވަތަ އެހެން ރަށްރަށުގައި ކޭސްތައް އިތުރުވެދާނެ ހެއްޔޭ ނުވަތަ ނޫން ހެއްޔޭ," އޭނާ ވިދާޅުވި އެވެ.
އާ އަހަރުގެ ހަރަކާތްތަކާ ގުޅިގެން ކޭސްތައް އިތުރުވާ ވަރެއް ބޮޑަށް އެނގޭނީ, ޑރ. ޝީނާ ފާހަގަކުރެއްވި ގޮތުގައި, މި މަހުގެ ތިންވަނަ ހަފްތާ ފެށުނީމަ އެވެ.
"ކޭސްތައް އިތުރުވާން ފަށައިފިއްޔާ އަނެއްކާވެސް ބޮޑެތި ހިފެހެއްޓުންތައް ގެންނަން ޖެހޭނެ."
ބޭރުން އަންނަ މީހުންގެ ސަބަބުން އިތުރުވާނެ
ޑރ. ޝީނާ ވިދާޅުވި ގޮތުގައި, ދިވެހިންނާއި ޓޫރިސްޓުން ވެސް ހިމެނޭ ގޮތަށް, ބޭރުން ރާއްޖެ އަންނަ މީހުންނާ ގުޅޭ އަންދާޒާތަކެއް ހެދި އިރު އިތުރުވުމެއް އަންނާނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު އޭނާ ވިދާޅުވީ އެއީ ބާރަށް ބަލި ފެތުރެމުންދިޔަ އިރު ދެއްކި ފަދަ, ސިއްހީ ނިޒާމަށް ނުތަކާ ވަރުގެ އިތުރުވުމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ އަނެއް ސުވާލަކީ, ޑރ. ޝީނާ ވިދާޅުވި ގޮތުގައި, އެ އިތުރުވުމުގެ ސަބަބުން ރާއްޖެއަކީ ރައްކާތެރި ނޫން ތަނެއް ކަމަށް އެހެން ގައުމުތަކުން ބަލައިފާނެތޯ އެވެ.
"ގައުމެއްގެ ގޮތުގައި އެއީ ކަންބޮޑުވުމެއް. އެހެންވީމާ އަދިވެސް ބިޒްނަސްތަކުން ވެސް ވަކިވަކި މީހުން ވެސް ފިޔަވަޅުތަކަށް އަމަލުކޮށްގެން ރައްކާތެރި ގައުމެއްގެ ދަރަޖައިގައި ރާއްޖެ ބާއްވަންވީ. އޭގެ މާނައަކީ ކޭސްތައް ސްޓޭބަލް ލެވެލްއެއްގައި ކޮންޓްރޯލްކޮށްފައި ބޭއްވޭ ވަރު ވުން, އެންމެ ކުޑަމިނުން ވެކްސިން ލިބެންދެން," ޑރ. ޝީނާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ވެސް މި ކުރަނީ ބަލި ކޮންޓްރޯލްކޮށްފައި ބާއްވައިގެން އިގްތިސޯދު ވެސް ހިންގާ, އިޖުތިމާއީ ދިރިއުޅުން ވެސް ކުރިއަށް ގެންދަން. އެހެންވީމާ އެ ހުރިހާ ކަމެއް ކުރެވޭނީ ބަލި ފެތުރުން ދަށް ލެވެލްއެއްގައި ބަހައްޓައިގެން."
ބޭރުން އަންނަ މީހުން ކަރަންޓީނު ވާން ނުޖެހުން: ރިސްކެއް
ނެގެޓިވް ޓެސްޓަކާ އެކު ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ ގިނަ މީހުން ކަރަންޓީނު ވާކަށް މިހާރު ނުޖެހެ އެވެ. މާ ބާރަށް ފެތުރޭ އާ ވޭރިއެންޓެއް އިނގިރޭސިވިލާތުން ފެނުމާ ގުޅިގެން އެ ގައުމުން އަންނަ މީހުން ކަރަންޓީނު ވާން ޖެހޭ ގޮތަށް ފަހުން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު ޑރ. ޝީނާ ވިދާޅުވީ ކަރަންޓީނުގެ މަޖުބޫރުކަން ހަމައެކަނި އިނގިރޭސިވިލާތަށް އޮވެގެން މަގްސަދު މާ ބޮޑަށް ހާސިލް ނުވާނެ ކަމަށެވެ. އެއް ސަބަބަކީ އިނގިރޭސިވިލާތުން ދަތުރުކޮށްފައި މާލެ ސަރަހައްދުގެ ގޭގޭގައި އުޅެން އަންނަ މީހުން މަދު ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރާއި ޑިސެމްބަރުގައި ޔޫކޭ އިން އައިސްފައި ވަނީ މަހަކު އެފަދަ 10-12 ވަރަކަށް މީހުންނެވެ. އަނެއް ސަބަބަކީ ޑިސެމްބަރުގެ ނިޔަލަށް އިތުރު 31 ގައުމަކުން ޔޫކޭ ވޭރިއަންޓް ފެނިފައި ވުމެވެ.
"އެހެންވީމާ ޔޫކޭ އިން އަންނަ މީހުން އެކަނި ކަރަންޓީނު ވިޔަސް މާ ބޮޑު އިމްޕެކްޓެއް ނާންނާނެ. އެހެން ގައުމުތަކުން ވެސް, ވޭރިއެންޓް ނޫޅުނަސް, ވަރަށް ބާރަށް ބަލި ފެތުރޭ ގައުމުތަކުން ރާއްޖެ އަންނަ މީހުންނަށް މިހާރު ކަރަންޓީނު ނުވެ އުޅެވޭ ގޮތަށް އޮތީމަ އެއީ ރިސްކެއް," ޑރ. ޝީނާ ވިދާޅުވި އެވެ.
"އެކަމަކު އެ ރިސްކު ވެސް ކުޑަކުރެވޭނެ، އެންމެން ވެސް ރައްކާތެރިވުމުގެ އަސާސީ ކަންކަމަށް އަމަލުކުރަންޏާ."
އޭނާ ވިދާޅުވީ "ޓެކްނިކަލީ އެންމެ ރަނގަޅު ގޮތަކީ" ކޭސްތައް އިތުރުވަމުންދާ ހައި ރިސްކު ހުރިހާ ގައުމަކުން ދާ މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުން ކަމަށެވެ. އެކަމަކު ކަރަންޓީނު މަޖުބޫރު ނޫން މީހުންނަށް ވެސް އެޗްޕީގެ ލަފަޔަކީ 10 ދުވަސް ވަންދެން ގޭގައި އެކަހެރިވެގެން ތިބުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ މަޖުބޫރު ކަމަކުން ރެކޮމެންޑޭޝަން އަކަށް އެ ވީ. އަޅުގަނޑަށް ފެންނަނީ އެޗްޕީއޭގެ ގައިޑެންސް ބަދަލުވީ ގަދަކަމުން ކުރުވުމުގެ ބަދަލުގައި އަމިއްލަ ޒިންމާއެއް އޮންނަ ގޮތަށޭ," ޑރ. ޝީނާ ވިދާޅުވި އެވެ.
ސްކޫލުގެ ރައްކާތެރިކަމާ މެދު އުއްމީދު ބޮޑު
މާލެ ސަރަހައްދުގައި ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނަށް ސްކޫލު ހުޅުވާލުމާ މެދު ބައެއް މައިންބަފައިން ކަންބޮޑުވެ އެވެ. ޑރ. ޝީނާ ވިދާޅުވީ ބައިވަރު މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ސްކޫލްތަކުގެ ރައްކާތެރިކަމަށް ވަރަށް ތަފްސީލް އުސޫލެއް ހަދާފައިވާ އިރު ރައްކާތެރިކަން ލިބުން މުޅިން ވެސް ބިނާވަނީ ހުރިހާ ފަރާތަކުން އެ ކަންކަމަށް އަމަލުކުރުމުގެ މައްޗަށް ކަމަށެވެ. އެއީ ސްކޫލާއި ޓީޗަރުންނާއި ބެލެނިވެރިންނާއި ދަރިވަރުންނެވެ. މިހާތަނަށް ސްކޫލްތަކުން ކަންކަން ކުރަމުން އައީ ރަނގަޅަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އުއްމީދަކީ ދެން ވެސް ރަނގަޅަށް ކުރެވޭނެއޭ. މެނޭޖުކޮށް, ކޭސްއެއް އުޅުނަސް ކުރީކޮޅު ދެނެގަނެވޭނެއޭ," ޑރ. ޝީނާ ވިދާޅުވި އެވެ.
"ފުދޭ ވަރަކަށް ބަލައިގެން މިކަން މި ކުރަނީ. ދަރިވަރުންގެ އިޖުތާއީ އަދި ތައުލީމީ ކުރިއެރުމަށް ވަރަށް ބޮޑު މަޑުޖެހުމެއް އައިސްފައި އޮތީ. އެ ކަންކަން ވެސް ކުރިއަށް ދާން އެބަ ޖެހޭ. އެހެންވީމާ ބަލައިގެން, ބަލި ކޮންޓެއިންކޮށްގެން ކުރިއަށް ދެވޭނެ ގޮތަށް ވިސްނައިގެން މިކަން ކުރަން ހިނގާށޭ."
ސްކޫލް ހުޅުވުމާ ގުޅިގެން ކޭސްތައް އިތުރުވޭތޯ ފެބްރުއަރީ ދެވަނަ ހަފްތާގައި އެނގޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެންމެން ވެގެން އަދި ކުޑަ ހިތްވަރެއްކޮށްލައިގެން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. އަދި އިތުރަށް ކުޑަވަރެއްގެ ކެތްތެރިކަމެއް ބޭނުންވަނީ. މި ކަންތައް ނިމުމަކާ ގާތްވެއްޖެ."
އަމަލުކުރުން "އެހާ ރަނގަޅެއް ނޫން"
ފެންނަ މަންޒަރުތަކަށާއި ފުލުހުން ފޯރުކޮށްދޭ މާސްކު ނޭޅުމުގެ ތަފާސްހިސާބަށް ބިނާކުރައްވައި ޑރ. ޝީނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މީހުން އަމަލުކުރާ މިންވަރު "އެހާ ރަނގަޅެއް ނޫން" ނަމަވެސް "އޯކޭ" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 70 ޕަސެންޓާ ގާތްކުރާ މިންވަރަކަށް ފިޔަވަޅުތަކަށް އަމަލުކުރިޔަސް ބަލި ބާރަށް ފެތުރުނަ ނުދީ ހިފެހެއްޓިދާނެ އެވެ.
"އެކަމަކު މައްސަލައަކީ ގިނަ ދުވަސް ވާ ވަރަކަށް މީހުން ރިލެކްސް ވާތީވެ," ޑރ. ޝީނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރު އިރު ވެސް ބައެއް އާއްމުންނާއި ޓޫރިސްޓުން މާސްކު ނާޅާ އުޅެ އެވެ. ޑރ. ޝީނާގެ ނަސޭހަތަކީ މަގުމަތިން އެފަދަ މީހަކު ފެނިއްޖެއްޔާ މާސްކު އަޅަން ހަނދާންކޮށްދިނުމެވެ.
"އަޅުގަނޑު ވެސް މިހެން ދަމުން ބުނެލަން މާސްކު ތި އޮތީ ގޯސްކޮށް ދަތްދޮޅީގައި އެޅިފައޭ. ކޮންމެ މީހަކު ވެސް ބުނެލުން ރަނގަޅު," އޭނާ ވިދާޅުވި އެވެ.
"ބޭރު މީހުން ވެސް ނާޅާ އުޅެންޏާ ހަމަ ބުނެލަންވާނެ. އެންމެން ވެސް އެކަމަށް ސަމާލުކަން ދީފިއްޔާ ރަނގަޅުވާނެ. މިއީ ފަރުދީ ޒިންމާއަކަށް ވުރެ ބޮޑަށް އިޖުތިމާއީ ޒިންމާއެކޭ އަޅުގަނޑު ބުނާނީ."
ކޮވިޑް އައީއްސުރެ މިހާތަނަށް ވެސް, ރައްކާތެރިވާން ކުރަން ޖެހެނީ އެއް ކަންތައްތަކެއްކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. އެއީ ގިނަގިނައިން އަތް ދޮވުމާއި ގައި ދުރުކުރުމާއި ކެއްސާ ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި މާސްކު އެޅުމެވެ. ޑރ. ޝީނާގެ އެންމެ ބޮޑު އިލްތިމާސަކީ ވެކްސިން ޖެހެންދެން މި ފިޔަވަޅުތަކަށް ބަރާބަރަށް އަމަލުކުރުމެވެ.
"ކޭސްތައް އިތުރުވާން ފަށައިފިއްޔާ އަނެއްކާވެސް ބޮޑެތި ހިފެހެއްޓުންތައް ގެންނަން ޖެހޭނެ," އޭނާ ވިދާޅުވި އެވެ.
"އެންމެން ވެގެން އަދި ކުޑަ ހިތްވަރެއްކޮށްލައިގެން އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. މި ކަންތައް ނިމުމަކާ ގާތްވެއްޖެ. އަދި އިތުރަށް ކުޑަވަރެއްގެ ކެތްތެރިކަމެއް ބޭނުންވަނީ."