ޕޮޕް ލަވަކިޔުންތެރިޔާ ދުއާ ލިޕާ އާއި "ފެންޓާސްޓިކް ބީސްޓްސް"ގެ އެކްޓަރު ކެލަމް ޓާނާ އިއްޔެ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކައިވެނިކޮށްފި އެވެ.

"ދަ ސަން" އާއި "ޑެއިލީ މެއިލް" ޓެބްލޮއިޑްތަކުން ވަނީ އާއިލާ އާއި ގާތް ރައްޓެހިންގެ މަދު ބަޔަކާ އެކު "އޯލްޑް މޭރިލްބޯން ޓައުން ހޯލް"ގައި ބޭއްވި ކައިވެނީގެ ހަފުލާއަށް ފަހު، އެ ދެމަފިރިން އެތަނުން ނުކުންނަ ފޮޓޯތައް އާންމުކޮށްފަ އެވެ.

އުމުރުން 30 އަހަރުގެ ދުއާ މި ކައިވެންޏަށް ލައިގެން ހުރީ "ޝިއަޕަރެއްލީ" ސްޓޫޑިއޯ އިން ފަރުމާކޮށްފައިވާ ހުދުކުލައިގެ ހެދުމަކާއި ތޮއްޕެކެވެ. އަދި އުމުރުން 36 އަހަރުގެ ޓާނާ ހުރީ ގަދަ ނޫކުލައިގެ ސޫޓެއްގަ އެވެ.

"ދަ ސަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކައިވެންޏަށް ފަހު މި އަންނަ ހަފުތާގެ ބަންދުގައި އިޓަލީގެ ސިސިލީގައި ވަރަށް ކުލަގަދަ ތިން ދުވަހުގެ ބޮޑު ޕާޓީއެއް ބޭއްވުމަށް މިހާރު އެމީހުން އަންނަނީ ތައްޔާރުވަމުންނެވެ.

ދުއާ އާއި ޓާނާ ލޯބީގެ ގޮތުން ގުޅުނީ ޖެނުއަރީ 2024 ގަ އެވެ. 

ކޮސޯވޯގެ ހިޖުރަވެރިންގެ ދަރިއެއް ކަމަށްވާ ދުއާ އަކީ، 2016 ވަނަ އަހަރު ނެރުނު "ބީ ދަ ވަން" ސިންގަލް އަށް ފަހު އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

ދުއާ އާއި ޓާނާ ކައިވެނިކުރަން އުޅޭކަން މިދިޔަ އަހަރު "ބްރިޓިޝް ވޯގް"އަށް އެމީހުން ދިން އިންޓަވިއުއެއްގައި ވެސް ހާމަކޮށްފައިވެ އެވެ.

ޓާނާ ބޮޑަށް މަޝްހޫރުވީ ހެރީ ޕޮޓާގެ ސްޕިން އޮފް ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް" ފިލްމުތަކުންނެވެ. އަދި އޭނާއަކީ ދެން އެންމެ އަވަހަށް "ޖޭމްސް ބޮންޑް"ގެ ރޯލުން ކުޅޭނެ ތަރި ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.