އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީގެ ކްރެޑިޓް ކާޑު ވަގަށް ނަގައި، އޭގެއިން 60,000 ޑޮލަރު (ގާތްގަނޑަކަށް 925,200 ދިވެހި ރުފިޔާ) ޚަރަދުކުރި ބަޔަކު ހޯދައި، އެމީހުން ޖަލަށް ފޮނުވާލާނެ ކަމުގެ އިންޒާރު އޭނާ ދީފި އެވެ.
އެކަމާ ގުޅޭ ގޮތުން އިންސްޓަގްރާމް ލައިވްއެއްގައި ކާޑީ ބީ ބުނީ މީގެ ދެ ހަފުތާ ކުރިން އޭނާގެ އެމެރިކަން އެކްސްޕްރެސް ކާޑު ގެއްލިފައިވާ ކަމަށެވެ. އަދި އެ ކާޑު ބޭނުންކޮށްގެން ވައްކަން ކުރި މީހުން ސެކްސް ފިފްތު އެވެނިއު އިން 40,000 ޑޮލަރުގެ ޑިޒައިނާ ހެދުމާއި އެޕަލް ސްޓޯރަކުން 20,000 ޑޮލަރުގެ މުދާ ގަނެފައިވާ ކަމަށް އޭނާ ބުންޏެވެ.
ކާޑީ ބީ ބުނި ގޮތުގައި، އޭނާގެ ކާޑުން ކުރާ ކޮންމެ މުއާމަލާތެއްގެ ނޮޓިފިކޭޝަން ވަގުތުން އޭނާގެ ފޯނަށް ލިބެ އެވެ.
ސެކްސް ފިފްތު އެވެނިއު އިން ބޮޑު ވިޔަފާރިއެއް ކުރިކަމުގެ އެލާޓް ލިބުމުން، އެއީ އޭނާގެ ޓީމުގެ މީހަކު ކުރި ކަމެއް ކަމަށް ފުރަތަމަ ހީކުރި އެވެ. އޭގެ 35 މިނެޓް ފަހުން އެޕަލް ސްޓޯރުން ވިޔަފާރި ކުރި އެލާޓް ލިބުމާ އެކު، އޭނާގެ އެކައުންޓެންޓަށް ގުޅައި ކާޑުގައި "ޝައްކުކުރެވޭ ކަންތައްތަކެއް" ހިނގަމުންދާކަން އެންގި އެވެ.
އެކަން އެނގުމާ އެކު ވަގުތުން ކާޑު ފްރީޒްކޮށް، ފިހާރަތަކަށް އެކަން އެންގި ކަމަށް ކާޑީ ބީ ބުންޏެވެ.
ކާޑީ ބީ ބުނީ ވައްކަން ކުރި ހަތަރު މީހުންގެ ސީސީޓީވީ ފުޓޭޖާއި ފޮޓޯ އޭނާ އަތުގައި އެބަހުރި ކަމަށެވެ.
"އަހަރެން އަތުގައި އެމީހުން އޭޓީއެމް އިން ފައިސާ ނަގަން އުޅުނުއިރުގެ ސާފު ފޮޓޯ އެބަހުރި. ސެކްސް އާއި އެޕަލް ސްޓޯރުގައި ތިއްބާ ނަގާފައިވާ ފޮޓޯ ވެސް އެބަހުރި. އެމީހުން ފޮނުވާލާނީ ޖަލަށް،" ކާޑީ ބީ ބުންޏެވެ.
މިލިއަނަރެއް ނަމަވެސް، ކާޑީއަކީ ފައިސާއަށް ވަރަށް ބަލައިގެން އުޅޭ މީހެއް ކަމަށް އޭނާ އެކި އިންޓަވިއުތަކުގައި ބުނެފައިވެ އެވެ.
"އަހަރެންގެ އެންމެ ޑޮލަރެއް ވެސް ބޭކާރު ގޮތުގައި ގެއްލިގެން ދިޔަ ނުދޭނަން،" އޭނާ ބުންޏެވެ.
ކާޑީ ބީ ބުނީ އޭނާގެ ސެކިއުރިޓީ ޓީމުން އެދިގެން، ތަހުގީގަށް ހުރަސް އެޅިދާނެތީ ވަގުންގެ ފޮޓޯތައް އަދި އާންމު ނުކުރަނީ ކަމަށެވެ. ނަމަވެސް، އެމީހުންގެ އަތުން ފައިސާ ހޯދައި އެމީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް އޭނާ ބުންޏެވެ.