އެމެރިކާގެ ކަންޓްރީ މިއުޒިކް ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ޑޮލީގެ ޓީމުންނާއި އާއިލާއިން އާންމުކުރި ރަސްމީ ބަޔާނެއްގައިވާ ގޮތުން، އޭނާ މަރުވީ ކެންސަރު ބަލީގަ އެވެ.

އޭނާ މަރުވީ އެމެރިކާގެ ޓެނެސީގެ ނޭޝްވިލްގައި ހުންނަ "ވާންޑަބިލްޓް-އިންގްރަމް ކެންސަރު ސެންޓަރު"ގައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ.

ޑޮލީގެ ޓީމުން ޕީޕަލް މެގަޒިންއަށް ބުނެފައި ވަނީ ޑޮލީއަކީ އޭނާގެ މުޅި ހަޔާތާއި ކެރިއަރުގައި އެހެން މީހުންނަށް އުފަލާއި ހީނުކުރާ ފަދަ ހިތްވަރާއި އުންމީދު ގެނެސްދިން މީހެއް ކަމަށެވެ. އަދި އޭނާގެ "އިމޭޖިނޭޝަން ލައިބްރަރީ" މެދުވެރިކޮށް ކުޑަކުދިންނަށް 200 މިލިއަނަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފައިވާ ކަމަށާއި ދުނިޔެއަށް ދިމާވި ސިއްހީ ނުރައްކާތަކުގައި ވެކްސިން އުފެއްދުމަށް ފަންޑުކޮށްދިނުން ކަހަލަ އެތައް ކަމެއް އޭނާ ކޮށްދީފައިވާ ކަމަށް ޓީމުން ބުންޏެވެ. 

ދުނިޔެއަށް އެންމެފަހުން އައި އާލަމީ ބޮޑު ވަބާ ކޮވިޑް-19 ގެ ވެކްސިން އުފެއްދުމަށް އޭނާ އެއް މިލިއަން ޑޮލަރު ހަދިޔާކުރި އެވެ. 

ޑޮލީ މަރުވުމުގެ ހަތަރު ދުވަސް ކުރިން އޭނާ ވަނީ ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަދައްކައިފަ އެވެ.

މިދިޔަ އަހަރު އޭނާގެ ފިރިމީހާ ކާލް ޑީން މަރުވުމާ ގުޅިގެން އަމިއްލަ ސިއްހަތު ބެލެހެއްޓުމުގައި އިހުމާލުވެވުނު ކަމަށާއި، ނަމަވެސް ބަލިން ރަނގަޅުވުމުގެ އުންމީދާ އެކު މަސައްކަތުގައި ދެމިހުރި ކަމަށް އޭނާ ބުނެފައިވެ އެވެ.

ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ފަހަކަށް އައިސް އޭނާ ވަނީ ބައެއް ކޮންސެޓްތަކާއި ހަރަކާތްތައް ވެސް ކެންސަލްކޮށްފަ އެވެ.

ޑޮލީގެ މާމަދަރިފުޅު އަދި އޭނާގެ ސެކިއުރިޓީ ހެޑް ބްރަޔަން ސީވާ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ ޑޮލީއަކީ އެންމެންނާ ވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި މީހެއް ކަމަށެވެ.

ޑޮލީ ވަކިވެދިއުމާ އެކު މުޅި މިއުޒިކް އިންޑަސްޓްރީއަށާއި އެކި ގައުމުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ސޮކެއް ލިބިފަ އެވެ.  

"ޖޯލީން" އާއި "ނައިން ޓު ފައިވް"  އަދި "އައި ވިލް އޮލްވޭސް ލަވް ޔޫ" ކަހަލަ ދުނިޔޭގެ މަޝްހޫރު ލަވަތައް އުފައްދާފައިވާ ޑޮލީއަށް 11 ގްރޭމީ އެވޯޑު ލިބިފައިވެ އެވެ.